Advertisement

ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރުން އަޑުއަހަން ޖެހޭނެ: މިނިސްޓަރު ރާފިއު

27 އޭޕްރީލް 2025 - 14:57 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރުން އަޑުއަހަން ޖެހޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް:


ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރުން އަޑުއަހަން ޖެހޭނެ: މިނިސްޓަރު ރާފިއު

27 އޭޕްރީލް 2025 - 14:57 1

ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން މިދިޔަ އޭޕްރިލް 18، ގައި ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ސަރުކާރުން އަޑުއަހަން ޖެހޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

އަދަދު އާ ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ޒުވާނުންގެ ކަންބޮޑުވުންތަކަކީ ބަލައިގަނެވޭ ކަންބޮޑުވުންތަކެއް ކަމަށްވާނަމަ، އެކަމަށް އެޑްރެސް ކުރަން ޖެހޭނެ ކަމަށް ދެކޭ ކަމަށެވެ.

"ކަންބޮޑުވުންތައް އަޑުއަހަން ޖެހޭ. އެ ކަންބޮޑުވުންތަކަކީ ޖެނުއިން ކަންބޮޑުވުންތަކެއްތޯ، އެކަމަށް ކުރެވޭނީ ކޮން ކަމެއްތޯ ބަލައި އެކަމަށް އެޑްރެސް ކުރަން ޖެހެންޔާ އެޑްރެސް ކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާފިއު އިތުރަށް ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާ ހިނގައިދިޔަ ގޮތް ތަހުގީގު ނިމުމުން ސާފުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން އެކަމާ ގުޅިގެން ބަޔަކު ޒިންމާ ނަގަން ޖެހޭނަމަ، ޒިންމާކުރުވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުޅި މައްސަލަ ސިޔާސީވެފައިވާކަން ފާހަގަކުރައްވާ ރާފިއު ވިދާޅުވީ މިވަގުތު އެންމެ މުހިންމީ އެކަން އެގޮތަށް ސިޔާސީ ކުރުމުގެ ބަދަލުގައި އިންސާފު ލިބޭނެ ގޮތެއް ހޯދުން ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގާ މެދު އާންމުންގެ އިތުބާރު ކުޑަވެފައިވާ ދަނޑިވަޅެއްގައި އެ މައްސަލަ ތަހުގީގު ކުރުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެ ރިޔާސީ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ އުފައްދަވާފަ އެވެ.

ފުލުހުން ހިންގާ ތަހުގީގާ މެދު އާންމުންގެ އިތުބާރު ކުޑަވީ އެ މުއައްސަސާއިން މައުލޫމާތުތައް ހާމަނުކޮށް ސިއްރު ކުރުމާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ނުފޫޒު ތަހުގީގަށް ފޯރާފައިވާ ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ. އޭގެ އިތުރުން މައްސަލައާ ގުޅޭ ދޮގު މައުލޫމާތު ވެސް ފުލުހުން މީޑިއާތަކާ ހިއްސާކުރި އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުން ދަނީ ކޮންމެ ރެއަކު މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ ތުހުމަތު އަމާޒުވި އެންމެން ހައްޔަރުކޮށް، ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވެސް އިސްތިއުފާ ދިނުމަށެވެ.

އެ ހާދިސާއާ ގުޅިގެން މިހާތަނަށް ހައްޔަރުކުރީ ޔުމްނުއާ އެކު އެ ރޭ އުޅުނު ރައުދު އަހުމަދު ޒިލާލް އެވެ.