Advertisement

ނިއުކާސަލް މޮޅުވުމުން ރޭހުގައި ޗެލްސީ ފަހަތަށް

26 އޭޕްރީލް 2025 - 21:45 0


ނިއުކާސަލް މޮޅުވުމުން ރޭހުގައި ޗެލްސީ ފަހަތަށް

26 އޭޕްރީލް 2025 - 21:45 0

ލަންޑަން (އޭޕްރީލް 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑުން 3-0 އިން އިޕްސްވިޗް ޓައުން ބަލިކުރުމުން، އެވަޓަން އަތުން 1-0 އިން މޮޅުވި، ޗެލްސީ ގަދަ ހަތަރެއްގެ ރޭހުގައި ފަހަތަށް ގޮސްފި އެވެ.

ނިއުކާސަލް އިން މެޗަށް ނުކުތްއިރު، ޗެލްސީ އޮތީ ހަތަރެއްގަ އެވެ. އެކަމަކު، ނިއުކާސަލް ހޯދި މޮޅާ އެކު އެ ޓީމުން 34 މެޗުން 62 ޕޮއިންޓް ހޯދައި ތިން ވަނަ އަށް ޖެހިލިއިރު، ހަތަރެއްގައި އޮތް މެންޗެސްޓާ ސިޓީ އަށް 34 މެޗުން 61 ޕޮއިންޓް ވަނީ ލިބިފަ އެވެ. އަދި، ފަސް ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 34 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ.

ޗެލްސީ ދަނޑުގައި އެ ޓީމުން އެވަޓަން ބަލިކުރިއިރު، މިއީ، އެންމެ ފަހުން އަމިއްލަ ދަނޑުގައި ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވި ހަ ވަނަ މެޗެވެ. މި މެޗުގައި ޗެލްސީީން ޖެހި ހަމައެކަނި ގޯލު 27 ވަނަ މިިނިޓްގައި ޖެހީ ނިކޮލަސް ޖެކްސަން އެވެ. އޭރިއާބޭރުން ޖެކްސަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

މި މެޗުގައި ޗެލްސީން އިތުރު ގޯލެއް ޖަހަން ފޮނުވާލި ބޯޅަތައް އެވަޓަން ކީޕަރު، ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ. އަނެއްކޮޅުން، އެވަޓަން އަށް އެއްވަރުކޮށްދޭން ބެޓޯ ޖެހި ޝޮޓް ޗެލްސީގެ ކީޕަރު، ރޮބާޓް ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ.

ނިއުކާސަލް އިން ލީޑުނެގީ، އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި އަލެކްސަންޑަ އިސާކް ޖެހި ޕެނަލްޓީންނެވެ. އޭގެ ކުރިން، މެޗުގެ 37 ވަނަ މިނިޓްގައި އިޕްސްވިޗްގެ ބެން ޖޯންސަން އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.

އިޕްސްވިޗްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ދެ ވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު، ނިއުކާސަލުން އިތުރު ދެ ގޯލު ޖެހި އެވެ. މެޗުގެ 56 ވަނަ މިނިޓްގައި ޑެން ބާން ނިއުކާސަލްގެ ދެ ވަނަ ގޯލު ޖެހިއިރު، މެޗު ނިމެން 10 މިނިޓަށް ވެފައި ހުއްޓައި ނިއުކާސަލްގެ ފަހު ގޯލު ޖެހީ ވިލް އޮސޫލާ އެވެ. މި ދެ ގޯލު ޖަހަން ވެސް ފުރުސަތު ހޯދައިދިނީ ކިއެެރަން ޓްރިޕިއޭ އެވެ.

މި މެޗުން ބަލިވުމުން، އިޕްސްވިޗް ވަނީ ރެލިގޭޓްވެފަ އެވެ. ދެން، ރެލިގޭޓްވި އަނެއް ދެ ޓީމު ވެސް ވަނީ ބަލިވެފަ އެވެ. ސައުތެމްޓަން އަމިއްލަ ދަނޑުގައި 2-1 ފުލަމް އަތުން ބަލިވިއިރު، ވުލްވްސް އަތުން ލެސްޓާ ސިޓީ ބަލިވީ 3-0 އިންނެވެ.

ލީގުގައި ދެން މިރޭ ކުޅުނު މެޗުގައި، ބްރައިޓަން އިން ވަނީ ފަހު ވަގުތު ގޯލު ޖަހައި، އެ ޓީމުގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާ އިރުޝާދުދޭ ވެސްޓް ހޭމް ޔުނައިޓެޑް 3-2 އިން ބަލިކޮށްފަ އެވެ.