26 އޭޕްރީލް 2025 - 21:07 2
މުހައްމަދު ޝަހްޒާން
އެކްޓިން ޕޮލިސް ކޮމިޝަނަރުކަމަށް މީގެ ގަޑިއެއްގެއިރު ކުރިން އައްޔަނު ކުރި ފަރުހާދު ފިކުރީ އާއި އެ މަސްއޫލިއްޔަތު މިހާރު ހަވާލުކޮށްފައިވާ އިސްމާއިލް ނަވީން -- ފޮޓޯ: އަދަދު
26 އޭޕްރީލް 2025 - 21:07 2
އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަސްއޫލިއްޔަތު ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލު ކުރިތާ ގަޑިއިރެއްގެ ތެރޭގައި އެ ނިންމުން ބަދަލުކޮށް، ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއާ ހަވާލުކޮށްފި އެވެ.
ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދުއާ ހަވާލު ކުރިކަން ހޯމް މިނިސްޓަރު، އަލީ އިހުސާން އިއުލާނު ކުރެއްވީ މިރޭ 7:46 ގަ އެވެ. ނަމަވެސް އޭގެ ބަރާބަރު ގަޑިއެއްގެއިރު ފަހުން 8:46 ގައި އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކްޓިން ޕޮލިސް ކޮމިޝަރަކަށް ނަވީން އައްޔަނުކޮށްފައިވާ ކަމަށެވެ.
"ފުލުހުންގެ މުއައްސަސާއިން މިވަގުތު އެންމެ އިސްކަން ދީގެން ކުރިއަށް ގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތްކަމަށްވެފައި މިތަހުގީގުގެ ކަންކަމާ އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނާ، އިސްމާއިލް ނަވީންކަމަށް ވާތީ ކަމިޝަނާ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަނު ކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނާ އިސްމާއިލް ނަވީން ކަނޑައަޅައިފީމެވެ،" އިހުސާން ކުރެެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދު އާ ހަވާލު ކުރުމަށްފަހު އެ ނިންމުން ބަދަލުކޮށްފައި މިވަނީ އޭނާއާ އެ މަސްއޫލިއްޔަތު ހަވާލު ކުރުމުން އާންމުންގެ ގިނަ ބަޔަކު އެކަމަށް ފާޑުކިޔަން ފަށާފައި ވަނިކޮށެވެ.
ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދު އާ ހަވާލު ކުުރުމުން އެކަމަށް ފާޑުކިޔުން އަމާޒުވީ އޭނާގެ ދަރިފުޅު އަންހެން ކުއްޖަކު ރޭޕުކުރުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ހެކި ނައްތާލިކަމަށް ފަރުހާދުގެ މައްޗަށް ތުހުމަތު އޭނާގެ ކުރެވިފައި އޮތުމުންނެވެ.
މެއި 7، 2018 ގައި ޕީޖީ އޮފީހުން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީއެއްގެ ބުނެފައި ވަނީ، ގެސްޓްހައުސްއެއްގެ ތެރޭގައި 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕުކޮށް އޭނާގެ ފޮޓޯ ނެގި މައްސަލައަކަށް، "ފަރުހާދު ފިކުރީ ނުފޫޒު ފޯރުވާފައިވާކަން ވަނީ ފާހަގަކުރެވިފައި" ކަމަށެވެ.
ޕީޖީ އޮފީހުގެ ސިޓީގައި ބުނެފައިވާ ގޮތުން ފަރުހާދުގެ މައްޗަށް ތުހުމަތު ކުރެވެނީ، ފޯނެއްގައި ހުރި ފޮޓޯތަކެއް ޑިލީޓްކޮށްލުމުގެ ތުހުމަތެވެ. އެއީ، އަނިޔާ ލިބުނު އަންހެން ކުއްޖާއަށް ބެހެމުން ދިޔައިރު ފަރުހާދުގެ ދަރިފުޅު އޭނާގެ ފޯނުން ނެގި ބަރަހަނާ ފޮޓޯތަކެއް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަލީ ސުޖާއު އިސްތިއުފާ ދެއްވުމުންނެވެ. ސުޖާއުގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުކުރެއްވީ މިރޭ އިރާކޮޅު އެވެ.
ޕޮލިސް ކޮމިޝަނަރުކަމުން ސުޖާއު އިސްތިއުފާ ދެއްވީ އާއިލީ ބައެއް ޒިންމާތަކުގެ އިތުރުން އެޕްރީލް 18، ގެ ފަތިހު ހެންވޭރު އިމާރާތެއްގެ މަތިން ވެއްޓި ބޮޑެތި އަނިޔާތެއްވި ހައްވާ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.
Comment