26 އޭޕްރީލް 2025 - 20:09 0
މުހައްމަދު ޝަހްޒާން
އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް؛ ޒުވާނުންގެ މުޒާހަރާތައް ސިޔާސީ ކުރާތީ ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް
26 އޭޕްރީލް 2025 - 20:09 0
މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރަމުންދާ މުޒާހަރާތައް ސިޔާސީ ކުރުމުގެ ބަދަލުގައި އެ ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ސަރުކާރަށް ގޮވާލައްވައިފި އެވެ.
އެކްސްގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން ކުރަމުން ގެންދާ މުޒާހަރާތައް ސިޔާސީކޮށް އެމްޑީޕީއާ ގުޅުވުމަށް ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން މަސައްކަތް ކުރަމުން ދާތީ ހިތާމަ ކުރައްވާ ކަމަށެވެ.
"އެ މުޒާހަރާތަކަކީ ސަރުކާރުން ކަންކަން ސިއްރު ކުރުމާއި ސައްހަ ނޫން މައުލޫމާތު ފެތުރުމުގެ އިތުރުން ވަކީން ހާއްސަކޮށް ދައުލަތުގެ މުއައްސަސާތަކާއި މީޑިއާ އަދި ސިޔާސީ ޕާޓީތަކާއި ސިޔާސީ ނިޒާމަށް ކުރާ އިތުބާރު ގެއްލެމުންދާ ކަމުގެ އަލިގަދަ ދަލީލެއް،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް އެހެން ވިދާޅުވީ ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަ އެވެ.
ސުޖާއު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެމްޑީޕީ ވަދެއްޖެ ތަނެއް ހަލާކު ވާނެ ކަމަށާއި އެމްޑީޕީން ގެންދަނީ ޒުވާނުން ކުރާ އިހުތިޖާޖުތަކުން މަންފާ ހޯދަމުން ކަމަށެވެ.
"ޒުވާނުން ކުރާ ސުލްހަވެރި އިހުތިޖާޖުން މި މީހުން ދަނީ މަންފާ ހޯދަމުން، އެމްޑީޕީން މި އިހުތިޖާޖު ބޭނުން ކޮށްގެން ފައިސާ ހޯދަމުން އެބަ ގެންދޭ،" ސުޖާއު ކުރެއްވި ޕޯސްޓުގައި ތުހުމަތު ކުރައްވާފައިވެ އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ފައްޔާޒް ވިދާޅުވީ މި ވަގުތު ގައުމަށް އެންމެ މުހިންމީ ޒުވާނުންގެ ކަންބޮޑުވުންތަކުގެ އަޑު އަހައި އެކަންކަމަށް ހައްލު ހޯދައިދީ މުއައްސަސާތަކަށް އިތުބާރު ހޯދަން މަސައްކަތް ކުރުން ކަމަށެވެ.
ޒުވާނުން ކުރަމުންދާ މުޒާހަރާތައް ސިޔާސީ ކުރުމަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން މަސައްކަތް ކުރަމުން ދާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެސް ވަނީ ޔުމްނު ވެއްޓުނު ހާދިސާގެ ޒިންމާ އުފުލަންޖެހޭނީ އެމްޑީޕީން ކަމަށް ވިދާޅުވެފަ އެވެ.
"މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރުގައި ވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރައްވާ ކޮންމެ މީހެއް ވެސް ގަބޫލުކުރައްވާނެ ގޮތުގައި، ބިރަކާ ނުލައި މަޖާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރި މީހުން މީގެ އަހަރުތަކެއް ކުރިން،" ރައީސް ވިދާޅުވި އެވެ.
"މަޖާކުރުން: ބިރަކާ ނުލާ ފޫހިފިލުވުން" އެއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި ސިޔާސަތެކެވެ. އެއީ އެ ޕާޓީން ހުށަހެޅި ކުޅިވަރާ މުނިފޫހިފިލުވުމުގެ ސިޔާސަތެވެ.
ފަައްޔާޒް ވަނީ ރައީސްގެ އެ ވާހަކަތައް ވެސް ކުށްވެރި ކުރައްވައި ތެދު މައުލޫމާތު ހާމަ ކުރެއްވުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.
Comment