Advertisement

ޒުވާނުންގެ ޑިމާންޑުތަކުގެ އަޑު ގަދަވެފައި އޮއްވައި މިރޭ ބާއްވަން އުޅުނު "އަހާ ފޯރަމް" ކެންސަލްކޮށްފި

26 އޭޕްރީލް 2025 - 13:35 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އަހާ ފޯރަމްގައި މިރޭ ބައިވެރިވާ ގޮތަށް އޮތް ފަސް ބޭފުޅުން: އަހާ ފޯރަމް ކެންސަލް ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވޭ -- ފޮޓޯ: އަދަދު


ޒުވާނުންގެ ޑިމާންޑުތަކުގެ އަޑު ގަދަވެފައި އޮއްވައި މިރޭ ބާއްވަން އުޅުނު "އަހާ ފޯރަމް" ކެންސަލްކޮށްފި

26 އޭޕްރީލް 2025 - 13:35 2

މި ހިނގާ އޭޕްރީލް 18، ވަނަ ދުވަހު ހ. ފެންޓެނޯއީ ގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް އަޑުއުފުލަމުންދާ ޒުވާނުން ސަރުކާރަށް ކުރި ޑިމާންޑުތަކުގެ އަޑު ގަދަވެފައި އޮއްވައި މިރޭ ބާއްވަން އުޅުނު "އަހާ ފޯރަމް" ކެންސަލްކޮށްފި އެވެ.

ޒުވާނުންގެ ޑިމާންޑު ލިސްޓުގައި އިސްތިއުފާ ދިނުމަށް ގޮވާލާފައިވާ ހޯމް މިނިސްޓަރު، އަލީ އިހުސާން ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް އޮތް އަހާ ފޯރަމް ކެންސަލް ކުރިކަން ޕަބްލިކް ސާވިސް މީޑިއާގެ އިސްވެރިއަކު ވަނީ އަދަދު އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. އަހާ ފޯރަމް މިރޭ ބާއްވާނެކަން ސަރުކާރުން ސޯޝަލްމީޑިއާގައި ވަރަށް ބޮޑަށް ޕްރޮމޯޓު ވެސް ކުރި އެވެ.

އޭނާ ބުނީ އަހާ ފޯރަމް ދެން އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. ލަސްކުރި ސަބަބެއް ސާފެއް ނުވެ އެވެ.

މިރޭ ބާއްވަން އޮތް އަހާ ފޯރަމް އަންނަ މަހުގެ 15 އަށް ފަސްކޮށްފައިވާކަން ޓީވީ މޯލްޑިވްސްއިން ވެސް ވަނީ ސޯޝަލްމީޑިއާގައި މިހާރު އިއުލާނުކޮށްފަ އެވެ. އެ މީޑިއާގެ ރަސްމީ އެކްސް އެކައުންޓުން ދާދި ދެންމެއަކު ކުރި ޕޯސްޓެއްގައި ވަނީ މެއި 15 ގައި ބާއްވާ އަހާ ފޯރަމްއަށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

އަހާ ފޯރަމް ބާއްވަން މިދިޔަ ބުރާސްފަތި ދުވަހު އާއި ހުކުރު ދުވަހަށް ވެސް ތާވަލު ކުރި އެވެ. ނަމަވެސް ވަކި ސަބަބެއް އެންގުމެއް ނެތި ފަސްކުރީ އެވެ. އެ ފޯރަމް މިރޭ ބާއްވަން ނިންމާފައި އޮތީ 9:00 ގައި ޕީއެސްއެމްގަ އެވެ.

އަހާ ފޯރަމްގައި މިރޭޭ ބައިވެރިވާ ގޮތަށް އޮތް މިނިސްޓަރުން: 

  • ހޯމް މިނިސްޓަރު އަލީ އިހުސާން
  • އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
  • އެގްރިކަލްޗާ މިނިސްޓަރު މަރްޔަމް މާރިޔާ
  • އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު
  • ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް

ކޮންމެ ދެ މަހަކުން ބާއްވަން ނިންމައި ޖެނުއަރީ 25، 2024، އިން ފެށިގެން ބާއްވަން ފެށި "އަހާ ފޯރަމް" ގަވާއިދުން ބާއްވާފައެއް ނުވެ އެވެ.

މީގެ އިތުރުން، ކޮންމެ ތިން މަހަކުން ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ރައްޔިތުންނާ ބައްދަލު ކުރައްވާނެކަން ސަރުކާރުން ކުރިން އިއުލާން ކުރި ނަމަވެސް އެކަން ވެސް ގަވާއިދުން ކުރަމުން ނުދެ އެވެ.

އަހާ ފޯރަމް މިރޭ ބާއްވާނެކަން އިއުލާނު ކުރީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސިލްސިލާ މުޒާހަރާ ކުރަމުންދާ ޒުވާނުން ސަރުކާރަށް ޑިމާންޑުތަކެއް ކޮށްފައި ވަނިކޮށެވެ.

އެ ޑިމާންޑުތަކަކީ:

  • ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން
  • މިކަމުގެ ތުހުމަތު ކުރެވޭ އެންމެން ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން
  • ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން
  • ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން
  • ތަހުގީގާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން
  • ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން
  • ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދިނުން
  • ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުން
  • ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން

އެ ޑިމާންޑުތަކަށް ސަރުކާރުން މިހާތަނަށް ޖަވާބެއް ދީފައި ނުވެ އެވެ. ރައީސް މުއިއްޒު މި ވަގުތާ ހަމައަށް މައާފަށް އެދިވަޑައިގެންފައި ނުވެ އެވެ. ދެ މިނިސްޓަރުންނާއި ސީޕީ ޝުޖާއު އަދިވެސް ތިއްބެވީ މަގާމުތަކުގަ އެވެ.