26 އޭޕްރީލް 2025 - 11:35 7
ޔުމްނު މައްސަލައިގައި ހިމެނޭ ބައެއް މީހުން ރައީސް މުއިއްޒާއެކު އަދި އެމަނިކުފާނުގެ ކެމްޕެއިނުގައި: ރައީސް މަސައްކަތް ކުރެއްވީ އެ މައްސަލައިގައި ހިމެނޭ މީހުން އިދިކޮޅު ޕާޓީއާ ގުޅުވުމަށް -- ފޮޓޯ: ސޯޝަލް މީޑިއާ
26 އޭޕްރީލް 2025 - 11:35 7
މި ހިނގާ އޭޕްރީލް 18، ގައި އުސް އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގައި ފުލުހުންނާއި ސަރުކާރުގެ އިހުމާލުތަކެއް ފެންމަތިވެފައި އޮއްވައި، މިދިޔަ ބުރާސްފަތި ދުވަހު ދެއްވި ތަގުރީރެއްގައި ރައީސް ވަނީ އެ މައްސަލަ ސިޔާސީކޮށް، މުޅި ހާދިސާގެ ޒިންމާ ނަގަންޖެހޭނީ އިދިކޮޅު ޕާޓީން ކަމަށް ވިދާޅުވެފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ އޭނާއާއެކު އުޅުނު މީހުން މަސްތުވާތަކެއްޗާއެކު ޕާޓީ ކުރިކަން އޮތީ ހާމަވެފަ އެވެ. އެ ރޭ އެ ގްރޫޕުގައި ހަރަކާތްތެރިވި އަށް މީހުންގެ ތެރެއިން، ފުލުހުން ޓެސްޓު ކުރި އެންމެން ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިްވެފަ އެވެ.
އޭގެ ފަހުން، ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޔުމްނު ވެއްޓުނު ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ "ބިރަކާ ނުލައި މަޖާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރި މީހުން" ކަމަށެވެ.
"މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރުގައި ވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރައްވާ ކޮންމެ މީހެއް ވެސް ގަބޫލުކުރައްވާނެ ގޮތުގައި، ބިރަކާ ނުލައި މަޖާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރި މީހުން މީގެ އަހަރުތަކެއް ކުރިން،" ރައީސް ވިދާޅުވި އެވެ.
ޔުމްނުއާއެކު އެ ރޭ ހަރަކާތްތެރިވި އެންމެންގެ ވަނަވަރު ފުލުހުން ވަނީ މިހާރު ހާމަކޮށްފަ އެވެ. އެމީހުންގެ ވަނަވަރަށް ބަލާއިރު، މަސްތު ޕާޓީ ހިންގި މީހުން ގުޅުން އޮތީ ރައީސް މުއިއްޒުއާކަން އެނގެ އެވެ. އެ ރޭ ޕާޓީ ކުރަން ތިބި ގްރޫޕުގައި ހިމެނޭ ގިނަ މީހުންނަކީ ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭން ކެމްޕެއިން ކުރި މީހުންނެވެ.
ޔުމްނުއާއެކު އުޅުނު މީހުންގެ ތެރެއިން ނުވަތަ ރައީސް ވިދާޅުވާހެން ބިރަކާ ނުލައި މަޖާ ކުރި މީހުންގެ ތެރެއިން ޔޫސުފް ޔައްސާރު އާއި ޔޫސުފް އަހުމަދު އަކްރަމް އާއި އިޒުދިޔާން މުހައްމަދު މައުމޫންއަކީ ރައީސްއަށް ކެމްޕެއިން ކޮށްދިން މީހުންނެވެ.
ރިޔާސީ އިންތިހާބުގެ ދަތުރެއްގައި ޔޫސުފް އަހުމަދު އަކްރަމް ރަށެއްގެ ޖޯލިފައްޗެއްގައި އޮއްވައި، އޭރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވަނީ.
އޭގެ ތެރެއިން، ޔޫސުފް އަހުމަދު އަކްރަމަކީ ރައީސް މުއިއްޒާއެކު ކެމްޕެއިން ކުރަަން، ރަށްރަށަށް ވެސް ދަތުރު ދިޔަ މީހެކެވެ. ރައީސްއާއެކު ކެމްޕެއިން ވީޑިއޯތަކުން ވެސް ޔޫސުފް ފެނެ އެވެ. އޭނާ ބަނގުރާ ފުޅިއެއްގައި އަނގަޖަހައިގެން ބޯ މަންޒަރުގެ ވީޑިއޯއެއް ވެސް މިހާރު ވަނީ އާންމުވެފަ އެވެ.
ފުލުހުންގެ ލިސްޓުގައި ހިމެނޭ އިޒުދިޔާންއަކީ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުގައި ހުރި މީހެކެވެ. މި މައްސަލަ ފެންމަތިވުމުން އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. ރައީސް އޮފީހުގެ މަގާމަށް އޭނާ އައްޔަން ކުރިއިރު ވެސް އޭނާގެ މަސްތުވާތަކެތީގެ ރިކޯޑު އޮތެވެ.
ކެމްޕެއިނު ޓީމުގައި ހިމެނޭ ނަމަވެސް ފުލުހުންގެ ލިސްޓަށް ނޭރި އެކަކީ، ދައުދު އަހުމަދެވެ. އެއީ މި މައްސަލައިގައި ހިމެނޭ ރައުދު އަހުމަދުގެ ބޭބެ އެވެ. އޭނާއަކީ ރައީސްގެ ކެމްޕެއިނު ޓީމުގައި ވެސް ހަރަކާތްތެރިވި މީހެކެވެ. ދައުދަކީ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމަށް އައްޔަންކޮށްފައި ހުރި މީހެކެވެ. އުރަމަތި ހާމަކޮށްގެން ހުރި ކަސްބީ އަންހެނަކާއެކު އޭނާ ނަގާފައިވާ ފޮޓޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
ފުލުހުންގެ ލިސްޓުގައި ހިމެނޭ ޔޫސުފް ޔައްސާރަކީ، ރައީސް މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވި ދުވަހު އެތަނަށް ދިޔުމަށް ދައުވަތު ލިބުނު މީހެކެވެ. ރައީސްއަށް ކެމްޕެއިން ކޮށްދިން ޓީމާއެކު އޭނާ ހަރަކާތްތެރިވެފައިވެ އެވެ.
ފުލުހުން އާންމު ކުރި ނަންތަކުގެ ތެރޭގައި ހިމެނޭ އިޖާޒް ޖާއިޒްއަކީ ވެސް ރައީސް މުއިއްޒުގެ ކެމްޕެއިން ޓީމުގައި ހަރަކާތްތެރިވި މީހެކެވެ. ރައީސް މުއިއްޒު ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިޖާޒް ވެސް ބައިވެރިވެފައިވެ އެވެ.
ޔުމްނުއާއެކު އުޅުނު މީހުން
ޔުމްނު ވެއްޓުނު ހާދިސާގެ ޒިންމާ ނަގަންޖެހޭނީ ބިރަކާ ނުލައި މަޖާ ކުރާ މީހުން ކަމަށް ރައީސް ވިދާޅުވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްކޮށެވެ. "މަޖާކުރުން: ބިރަކާ ނުލާ ފޫހިފިލުވުން" އެއީ އެމްޑީޕީން 2013 ވަނަ އަހަރު ކުރި ކެމްޕެއިނުގައި ހިމެނޭ ބައެކެވެ. އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތުން އެއީ، އާންމު ދުޅަހެޔޮކަން ކުރިއެރުވުމަށާއި ކުޅިވަރު ކުޅޭނެ ތަންތަން ހެދުމަށާއި ތީމް ޕާކުތައް ހެދުމަށާއި ޔޫތު ސެންޓަރު އަދި ސިނަމާ ހެދުމެވެ.
"އަޅުގަނޑު ހީކުރީ ބިރަކާ ނުލައި މަޖާ ކުރުމަކީ ތިރި ޕާކުގައި ފުޓުބޯޅަ ކުޅެ، މޫދަށް ގޮސް މަޖާ ކުރުމާއި، ދެން ތެމިގެން ގެއަށް ގޮސް ފެންވަރައިގެން ހުކުރަށް ގޮސް، ހަވީރު މަޑި އަރުވާ ބަރޯސީ ތޮޅުވުން ކަމަށް،" ރައީސް މުއިއްޒުގެ ވާހަކައަށްފަހު، 2013 ގައި އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
އެކަމަކު، އެމްޑީޕީގެ އެ ފަލްސަފާ ކިޔައިދިން އަދި ޕްރޮމޯޓު ކުރި ގޮތް އޮޅުވައިލެއްވުމަށްފަހު ރައީސް ވިދާޅުވީ އެމްޑީޕީން ހިތްވަރުދިނީ އިސްލާމް ދީނުގެ އިންތަކާއި މިންތައް ފަހަނައަޅައިދިޔުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީން، ދީނުގައި ކަނޑައެޅިފައި ހުރި، އިންތަކާއި މިންތަކާއި، އުސޫލުތަކާއި ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ. މަޖާ ކުރާށޭ. ޒުވާން ކަމުގައި ތި ކުދިން ބޭނުން ގޮތަކަށް އުޅޭށޭ ކިޔާފައި އެ ހިތްވަރު ދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ، އެ ކުދިން މިސްޔޫސް ކުރަމުންދާ ދިޔުން ލޯ ހުޅުވައި ބަލަން އެބަ ޖެހޭ. ލޯ ހުޅުވައި ބަލަން އެބަ ޖެހޭ،" ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ހުންނެވި ރާގަކަށް ރައީސް ވިދާޅުވި އެވެ.
Comment