Advertisement

މުޒާހަރާތައް ހުއްޓާލަން ރައީސްގެ ފަރާތުން އެދިއްޖެ، ޒުވާނުން ބުނީ ރައީސް ޖެހޭނީ ފުރަތަމަ މައާފަށް އެދެން ކަމަށް

26 އޭޕްރީލް 2025 - 00:21 2

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


މުޒާހަރާތައް ހުއްޓާލަން ރައީސްގެ ފަރާތުން އެދިއްޖެ، ޒުވާނުން ބުނީ ރައީސް ޖެހޭނީ ފުރަތަމަ މައާފަށް އެދެން ކަމަށް

26 އޭޕްރީލް 2025 - 00:21 2

މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ބާއްވަމުންދާ ޒުވާނުންގެ ސިލްސިލާ މުޒާހަރާތައް ހުއްޓާލަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އެދިއްޖެ އެވެ.

ރައީސްގެ ފަރާތުން ސަރުކާރުގެ އިސް އޮފިޝަލުން ގުޅާފައިވަނީ މުޒާހަރާތައް އިންތިޒާމުކުރުމުގައި އިސްކޮށް އުޅޭ ބައެއް ޒުވާނުންނަށެވެ. ޒުވާނުން މައުލޫމާތު ދިން ގޮތުގައި ރައީސްގެ ފަރާތުން ގުޅި ފަރާތްތަކުން އެދުނީ މުޒާހަރާތައް ހުއްޓާލައި ޑިމާންޑުތަކަކާއެކު މަޝްވަރާކުރުމަށެވެ.

ނަމަވެސް، ޒުވާނުން ވަނީ މަޝްވަރާއާ މެދު ވިސްނާނީ ވެސް މި ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަށް އެންމެން ކުރިމަތީ މައާފަށް އެދިވަޑައިގަތް އިތުރު ޑިމާންޑުތަކަކެއް ފުރިހަމަ ކުރުމުން ކަމަށް ބުނެފަ އެވެ.

އެ ޑިމާންޑުތަކަކީ؛

  • ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން
  • މިކަމުގެ ތުހުމަތު ކުރެވޭ އެންމެ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން
  • ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން
  • ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން
  • ތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން
  • ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން
  • ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދިނުން
  • ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުން
  • ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން

މި ޑިމާންޑުތަކަށް ސަރުކާރުން މިހާތަނަށް ޖަވާބެއް ދީފައި ނުވެ އެވެ. ރައީސް މުއިއްޒު މި ވަގުތާ ހަމައަށް މައާފަށް އެދިވަޑައިގެންފައި ނުވެ އެވެ. ދެ މިނިސްޓަރުންނާއި ސީޕީ ޝުޖާއު އަދިވެސް ތިއްބެވީ މަގާމުތަކުގަ އެވެ.

ޒުވާނުންގެ މުޒާހަރާ މިހާރުވެސް ކުރިއަށް އެބަދެ އެވެ. މިރޭގެ މުޒާހަރާ ވެސް ފެށީ ފުލުހުންގެ އިންވެސްޓިގޭޝަން އިމާރަތުގެ ކުރިމަތިންނެވެ.

އެއަށް ފަހު މަޖީދީ މަގުން ހުޅަނގަށް މުޒާހަރާގެ ބައިވެރިން ހިނގަން ފަށައި މިވަގުތު ތިބީ ކުރީގެ ސިޓީ ކައުންސިލް އިމާރާތުގެ ކުރިމަތީ އިށީނދެގެން މަގު ބަންދުކޮށްގެންނެވެ. މުޒާހަރާގެ ބައިވެރިން އަލުން ހިނގަން ފަށައި މުޒާހަރާ ނިންމާލީ އަނެއްކާ ވެސް އިންވެސްޓިގޭޝަން އިމާރަތުގެ ކުރިމަތިންނެވެ.

ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ފުލުހުން ރޭ އިރާކޮޅު ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަަހުމަދު ޒިލާލް 21، ހައްޔަރުކޮށްފަ އެވެ. މީގެއިތުރުން އެ މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ހަތް މީހެއްގެ ފޯނު ވެސް ހިފެހެއްޓީ އިއްޔެ އެވެ.

ހާދިސާއަށް ހަ ދުވަސް ވެގެން ދިޔައިރު، މިއީ މާބޮޑު މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން ގޮސްފައެއް ނުވެ އެވެ. މި މައްސަލައަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަން ފެށީ މި މައްސަލައާ ގުޅިގެން އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ފުލުހުންނަށާއި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަން ފެށުމުންނެވެ.