17 އޭޕްރީލް 2025 - 07:32 1
އަހުމަދު ދާއޫދު
މައިކްރޯސޮފްޓްގެ ގޭމިންގ ޑިވިޝަންގެ ސީއީއޯ ފިލް ސްޕެންސަރ -- ފޮޓޯ: އެކްސްބޮކްސް
17 އޭޕްރީލް 2025 - 07:32 1
ނިންޓެންޑޯ ސްވިޗް 2 އަށް އެކްސްބޮކްސް ގޭމްތައް ގެނައުމަށް މައިކްރޯސޮފްޓުން ގަސްދުކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.
މިދިޔަ މަހު ނިންޓެންޑޯއިން އެ ކުންފުނީގެ އައު ކޮންސޯލް، ނިންޓެންޑޯ ސްވިޗް 2 ތައާރަފުކޮށްފައި ވާއިރު، ކުންފުނީގެ ގޭމިން ޑިވިޝަންގެ ސީއީއޯ ފިލް ސްޕެންސާ ވިދާޅުވީ އެ ކޮންސޯލަށް އެކްސްބޮކްސް ގޭމްތައް ގެނައުމަށް މައިކްރޯސޮފްޓުން ގަސްދުކުރާ ކަމަށެވެ.
ވެރައިޓީއަށް ދެއްވި އިންޓަވިއުއެއްގައި ސްޕެންސާ ވިދާޅުވީ ނިންޓެންޑޯ ސްވިޗް 2 އަކީ އެކްސްބޮކްސް ނުވަތަ ޕީސީ ބޭނުންނުކުރާ ކުޅުންތެރިންނާ ހަމައަށް ވާސިލުވުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެކްސްބޮކްސްގެ ފްރެންޗައިޒްތަކަށް އަހަންމިއްޔަތުކަން ދޭ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ނިންޓެންޑޯއަކީ ވަރަށް މުހިންމު ޕާޓްނަރެއް. އަޅުގަނޑުމެން ސްވިޗް 1 އަށް ސަޕޯޓް ދިނިން، އަދި ސްވިޗް 2 އަށްވެސް ސަޕޯޓް ދޭން ބޭނުން، ނިންޓެންޑޯއިން ގޭމިން އިންޑަސްޓްރީއަށް ކުރާ އަސަރު ވަރަށް ބޮޑު. އަޅުގަނޑުމެންގެ ފްރެންޗައިޒްތަކަށް އެމީހުންގެ ސަޕޯޓް ލިބުމަކީ އަޅުގަނޑުމެންގެ މުސްތަޤުބަލަށް ވަރަށް މުހިންމު ކަމެއް،" ސްޕެންސާ ވިދާޅުވިއެވެ.
ނިންޓެންޑޯ ސްވިޗް 2 އަކީ 2025 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ކޮންސޯލެކެވެ. މި ކޮންސޯލަށް މާރިއޯ ކާޓް ވޯލްޑް އަދި ޑޮންކީ ކޮންގ ބަނާންޒާ ފަދަ ނިންޓެންޑޯގެ އަމިއްލަ ގޭމްތަކުގެ އިތުރުން އެހެނިހެން ޑިވެލޮޕަރުންގެ ގޭމްތައްވެސް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
ނިންޓެންޑޯގެ އައު ކޮންސޯލަށް އެކްސްބޮކްސްއިން ސަޕޯޓް ދޭނެ ކަމަށް ފިލް ސްޕެންސަރ ކުރިން ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެޕްރީލް 2 ގައި ބޭއްވުނު ނިންޓެންޑޯ ޑައިރެކްޓް ޕްރެޒެންޓޭޝަންގައި މައިކްރޯސޮފްޓުން އެއްވެސް ގޭމެއް ސްވިޗް 2 އަށް އަންނާނެ ކަމަށް އިޢުލާނު ނުކުރި ނަމަވެސް، އެކްސްބޮކްސްގެ ބައެއް ގޭމްތައް މި ކޮންސޯލަށް އަންނާނެ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.
މި އަހަރުގެ ކުރީކޮޅު، އިންޑަސްޓްރީ އިންސައިޑާ ނޭޓްދަހޭޓް ވަނީ 2025 ގައި މައިކްރޯސޮފްޓް ފްލައިޓް ސިމިއުލޭޓަރ 2024 އަދި ހޭލޯ: ދަ މާސްޓަރ ޗީފް ކަލެކްޝަން ނިންޓެންޑޯ ސްވިޗް 2 އަދި ޕީއެސް5 އަށް ނެރޭނެ ކަމަށް ލަފާކޮށްފަ އެވެ. މީގެ އިތުރުން، ވިންޑޯސް ސެންޓްރަލްގެ ރިޕޯޓެއްގައި ބުނެފައިވަނީ ސެނުއާސް ސާގާ: ހެލްބްލޭޑް 2، އޭޖް އޮފް މައިތޮލޮޖީ: ރިޓޯލްޑް އަދި ގިއަރސް އޮފް ވޯ: އަލްޓިމޭޓް އެޑިޝަން ފަދަ ގޭމްތައް ޕީއެސް5 އަދި ނިންޓެންޑޯ ސްވިޗް 2 އަށް މި އަހަރު ނެރުމަށް މައިކްރޯސޮފްޓުން ރާވާ ކަމަށެވެ.
މިހާތަނަށް މައިކްރޯސޮފްޓުން އެއްވެސް ގޭމެއް ސްވިޗް 2 އަށް އަންނާނެ ކަމަށް ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެހެންނަމަވެސް، ސްޕެންސަރ އޭނާގެ އެންމެ ފަހުގެ އިންޓަވިއުގައި ފާހަގަކުރެއްވި ފަދައިން، މައިކްރޯސޮފްޓުން ވަނީ ކުރިންވެސް ނިންޓެންޑޯ ސްވިޗަށް ސަޕޯޓް ދީފައެވެ. މިގޮތުން، މިދިޔަ އަހަރު މައިކްރޯސޮފްޓުން އިޢުލާނުކުރީ އެ ކުންފުނީގެ ހަތަރު ގޭމެއް ނިންޓެންޑޯ ސްވިޗް އަދި ޕީއެސް5 އަށް ނެރޭނެ ކަމަށެވެ.
Comment