15 އޭޕްރީލް 2025 - 08:13 0
އަހުމަދު ދާއޫދު
ސިއްހީ މާހިރުން ލަފާދެއްވަނީ ސީފްޑްބާވަތްތައް ކެއުމުގައި ސަމާލުވުމަށް ---
15 އޭޕްރީލް 2025 - 08:13 0
ސީފުޑްގައި އެކުލެވޭ އާސެނިކް އަކީ ކުޑަކުދިންނަށް ސިއްހީ ގޮތުން ނުރައްކާތަކެއް ކުރިމަތިވެދާނެ މާއްދާއެއް ކަމަށް އާ ދިރާސާ އަކުން ހާމަވެއްޖެ އެވެ.
ޗައިނާގެ ޝެންޒެން ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލްގެ ރިސާޗަރެއް ކަމަށްވާ ބޯ ފޫގެ އިސްނެގުމުގެ ދަށުން، ޗައިނާގެ ޝެންޒެން ސިޓީގައި ކުރެވުނު މި ދިރާސާއިން ވަނީ މަސްމަހާމެހީގައި އެކުލެވޭ އާސެނިކްގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭ މުހިންމު މައުލޫމާތުތަކެއް ފާހަގަކޮށްފަ އެވެ.
އާސެނިކްގެ ގިނަ ބާވަތްތަކުގެ ތެރެއިން، އިނޯގެނިކް އާސެނިކްއަކީ އެންމެ ވިހަ އެކުލެވޭ ބާވަތެވެ. އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސައިން، މިއީ ގްރޫޕް 1ގެ ނުރައްކާތެރި މާއްދާއެއް ކަމަށް ކަނޑައަޅާފައިވެ އެވެ.
މި ދިރާސާގައި، މަސް، ކަކުނި އަދި އެހެނިހެން މޫދު ކާނާގެ ސާމްޕަލްތައް ބަލާ ދިރާސާކޮށް، އޭގައި އެކުލެވޭ އިނޯގެނިކް އާސެނިކްގެ މިންވަރު ވަޒަންކުރެވުނެވެ.
ދިރާސާއިން އެނގުނު ގޮތުގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަކީ ވަކި ބާވަތްތަކުގެ ސީފުޑް ގިނައިން ކެއުމުން އިތުރަށް ނުރައްކަލަށް ހުށަހެޅޭ ގްރޫޕެކެވެ. ސަބަބަކީ އެ ކުދިންގެ ހަށިގަނޑުގެ ބަރުދަން ދަށްވުމުގެ ސަބަބުން، ބޮޑެތި މީހުންނަށްވުރެ އެ ކުދިންގެ ހަށިގަނޑަށް ބޮޑު އަސަރެއް ކުރުމެވެ.
ކުޑަކުދިން ސީފުޑްގެ އެއް ބާވަތެއްގެ ތަކުރާރުކޮށް ކެއުމުން، އާސެނިކްގެ މިންވަރު އިތުރުވެ، ދުރު މުސްތަގުބަލުގައި ސިއްހީ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ވެސް ހޯދުނެވެ. އަދި ސީފުޑް ގިނައިން ކެއުމާ ގުޅިގެން ކެންސަރު ނޫން ބައެއް މައްސަލަތަކުގެ ނިޝާންތައް ދިރާސާ ބައިވެރިވި ބައެއް ފަރާތްތަކުގެ ކިބައިން ފާހަގަކުރެވުނެވެ.
މި ދިރާސާއިން މައިންބަފައިންނަށް އިރުޝާދު ދެނީ ކުދިން މަސް އަދި ޑިނގާ ކާ އަދަދަށް އިތުރަށް ސަމާލުކަންދިނުމަށެވެ. ބޮޑެތި މީހުން ވެސް ތަފާތު ކާނާތައް މެނޫގައި ހިމަނައިގެން، އާސެނިކްގެ ނުރައްކާ ކުޑަކުރުމަށް ބާރުއަޅައެވެ.
"މި ދިރާސާއިން އަޅުގަނޑުމެންނަށް ހަނދާންކޮށް ދެނީ ކުޑަކުދިންނަށް ހާއްސަ ސަމާލު ކަމެއް ދޭންޖެހޭކަން،" ބޯ ފޫ ވިދާޅުވި އެވެ.
ސިއްހީ އިދާރާތަކުން ބާރު އަޅަނީ ސީފުޑްގެ ބާވަތްތައް އެއްކޮށް ދޫކޮށްނުލައި، ކުޑަކުދިންފަދަ ނާޒުކު ގްރޫޕްތަކަށް އޭގެ ބޭނުންކުރާ މިންވަރު މަދުކުރުމަށެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި، ބޯފެނާއި ހަނޑޫ ފަދަ ކާނާގައި އިނޯގެނިކް އާސެނިކްގެ މައްސަލަ ދިމާވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަކީ، އެކުދިންގެ އޯގަންތައް ތަރައްގީވަމުންދާތީ އާއި އަވަސް ދުވެލީގައި ބޮޑުވަމުންދާތީ، އިސްކަންދޭންޖެހޭ ގްރޫޕެކެވެ.
މިއީ ފުޑް އެންޑް ކެމިކަލް ޓޮކްސިކޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއެކެވެ.
Comment