14 އޭޕްރީލް 2025 - 08:30 0
އަހުމަދު ދާއޫދު
ސްވިޗް 3 ބާޒާރަށް ނުކުންނާނީ 2030 ގެ އަހަރުތަކުގެ ތެރޭގައި --
14 އޭޕްރީލް 2025 - 08:30 0
ނިންޓެންޑޯ ސްވިޗް 2 ބާޒާރަށް ނެރުމުގެ ކުރިން، ސްވިޗް 3 އާ ބެހޭ މަޢުލޫމާތު ލީކްވެއްޖެ އެވެ. މިކަން ފާހަގަކޮށްފައި ވަނީ ކީބޭންކް ކެޕިޓަލް މާކެޓްސްގެ ސީނިއާ ރިސާޗް އެނަލިސްޓް ޖޯން ވިންހްއެވެ.
ވިންހްގެ ތަޙްލީލުގައި ބުނެފައިވަނީ އިންޓެލް ކުންފުނިން ނިންޓެންޑޯ ސްވިޗް 3 ގެ ޖީޕީޔޫ ގޭމިން ސޮކެޓް 18އޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިންޓެލްއިން މި ޓެކްނޮލޮޖީ ތަޢާރަފުކޮށްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގަ އެވެ. އަދި މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ގިނަ އަދަދަކަށް ޗިޕް އުފެއްދުމުގެ މަސައްކަތް ފެށޭނީ 2025 ވަނަ އަހަރުގެ ދެވަނަ ބައިގައި ކަމަށް ބުނެފައިވެ އެވެ.
ނިންޓެންޑޯ ސްވިޗް 3 ގައި ފެންނާނެ އައު ކަންތައްތަކާ ބެހޭގޮތުން ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ގޭމިން ދާއިރާގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މި ކޮންސޯލްގައި އެތައް ކުރިއެރުންތަކެއް ފެންނާނެ އެވެ.
އޭގެ ތެރޭގައި އިންޓެލްގެ އެންމެ ފަހުގެ 18އޭ ޕްރޮސެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކުރެވޭ ވަރުގަދަ ޖީޕީޔޫއެއް ހިމެނޭނެ ކަމަށް ބެލެވެ އެވެ.
މީގެ އިތުރުން، 4ކޭ ރެޒޮލިއުޝަންގައި 120 އެފްޕީއެސްއަށް ގޭމްތައް ކުޅެވޭނެ ކަމަށާއި، ބެޓެރީ ދެމިހުންނަ ވަގުތު އިތުރުވެ، ވައިފައި 7 އަދި ބްލޫޓޫތު 5.3 ފަދަ އެންމެ ފަހުގެ ކަނެކްޓިވިޓީ ޓެކްނޮލޮޖީތައް ތައާރަފުކުރެވޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި ވާޗުއަލް ރިއަލިޓީ އަދި އޯގްމެންޓެޑް ރިއަލިޓީ ފީޗާތައް ހިމެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ނަމަވެސް މި ހުރިހާ ކަމަކީ ވެސް މިވަގުތު ޔަގީންކަމާއެކު ދެންނެވެން ނެތް، ލަފާކުރެވޭ ކަންތައްތަކެކެވެ.
ނިންޓެންޑޯއިން ސްވިޗް އާއި ސްވިޗް 2 އާ ދެމެދު 8 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވި އެވެ. އެހެންކަމުން ސްވިޗް 3 ބާޒާރަށް ނުކުންނާނީ 2030 ގެ އަހަރުތަކުގެ ތެރޭގައި ކަމަށް ލަފާކުރެވެ އެވެ.
މި ހަބަރު ފެތުރެމުންދާއިރު، ނިންޓެންޑޯ ސްވިޗް 2 ގެ ޕްރީ-އޯޑާ ފެށުމުގެ ތާރީހު އަދިވެސް ވަނީ ނޭނގި އެވެ. އެމެރިކާ އާއި ކެނެޑާގައި ޕްރީ-އޯޑާ ފެށުމަށް ރޭވިފައިވަނީ އޭޕްރިލް 9 ގައި ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕް ގިނަ ގައުމުތަކަކަށް އައު ޓެރިފްތަކެއް ކަނޑައެޅުމާ ގުޅިގެން ނިންޓެންޑޯއިން ވަނީ ޕްރީ-އޯޑާ ފެށުން ފަސްކޮށްފަ އެވެ.
ނިންޓެންޑޯ ސްވިޗަކީ 2017 ވަނަ އަހަރު ބާޒާރަށް ނެރުނު ޕޯޓަބަލް ގޭމިން ކޮންސޯލެކެވެ. މި ކޮންސޯލްގެ ހާއްސަ ކަމަކީ ޓީވީއަށް ގުޅައިގެން ބޮޑު ސްކްރީނުން ކުޅެވުމުގެ އިތުރުން، އަތުގައި ހިފައިގެން ކުޅެވޭ ގޮތަށް ފަރުމާކުރެވިފައިވުމެވެ.
ސްވިޗްގެ ކާމިޔާބީއާއެކު، ނިންޓެންޑޯއިން ވަނީ އޭގެ އަޕްގްރޭޑް ވާޝަނެއް ކަމުގައިވާ ސްވިޗް އޯލެޑް މޮޑެލް 2021 ގައި ތައާރަފުކޮށްފަ އެވެ. މިހާރު ގޭމިން ދުނިޔެ އިންތިޒާރުކުރަމުންދަނީ ސްވިޗް 2 އަށެވެ.
މި ކޮންސޯލްގައި ކުރީގެ މޮޑެލްތަކަށް ވުރެ ވަރުގަދަ ޕްރޮސެސަރަކާއި ރަނގަޅު ގްރެފިކްސް ހުންނާނެ ކަމަށް ލަފާކުރެވެ އެވެ. ނިންޓެންޑޯއިން މިހާތަނަށް 130 މިލިއަނަށް ވުރެ ގިނަ ސްވިޗް ކޮންސޯލް ވިއްކާފައިވެ އެވެ.
Comment