22 މާރިޗު 2025 - 10:53 0
22 މާރިޗު 2025 - 10:53 0
ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފިކޭޝަންގައި މި މަހުގެ 25 ވަނަ ދުވަހު ޕިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ފުޓްބޯޅަ ޓީމުން ފިލިޕީންސް އަށް ފުރައިފި އެެވެ.
މި މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުން ވަނީ ސަރަހައްދީ ގަދަ ބާރު އިންޑިއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ މެޗުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާ އަކުންނެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ހުރީ މި ފަހަރުގެ ކޮލިފިކޭޝަންއަށް ބޮޑު އުންމީދެއްގަ އެވެ. އެ ގޮތުން، މި ފަހުން "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ސުޒޭން ބުނީ މިއީ ރާއްޖެ އޭޝިއަން ކަޕަށް ކޮލިފައިވާން ލިބޭނެ އެންމެ ފަހި ފުރުސަތު ކަމަށް ބުނެފަ އެވެ.
ކޮލިފައިންގެ ހަ މެޗުގެ ތެރެއިން، ފަސް މެޗެއް މި އަހަރު ކުޅޭއިރު، ފުރަތަމަ ތިން މެޗު ވެސް އޮތީ ރަށުންބޭރުގަ އެވެ. އެއީ، ޖޫން 10 ގައި އީސްޓް ޓިމޯއާ ކުޅޭ މެޗާއި އޮކްޓޫބަރު، 9 ގައި ތަޖިކިސްތާނާ ކުޅޭ މެޗެވެ. ރާއްޖޭގައި ފުރަތަމަ މެޗު ކުޅޭނީ އޮކްޓޫބަރު 14 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި، ނޮވެމްބަރު 18 ގައި ފިލިޕީންސާ ކުޅުމަށް ފަހު، އަންނަ އަހަރު މާޗް 31 ގައި އީސްޓް ޓީމޯއާ ބައްދަލުކުރާނެ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މި ފަހަރު ރާއްޖެ މި ހިމެނޭ ގްރޫޕްގެ ތިން ޓީމާ މީގެ ކުރިން ރާއްޖޭން ވަނީ ކުޅެފަ އެވެ. ފިލިޕީންސާ ދެކޮޅަށް ކުޅުނީ ރާއްޖޭގައި ކުރިއަށްދިޔަ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގަ އެވެ. އެ ފަަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 3-2 އިން ބަލިވެފަ އެވެ. އަދި ފިލިޕީންސާއި ރާއްޖޭން އެންމެ ފަހުން 2021 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެ ފަހަރު މެޗުތައް ކުޅެފައިވަނީ، ސެންޓްރަލައިޒްކޮށް ޔޫއޭއީގަ އެވެ.
ތަޖިކިސްތާނާ ދެކޮޅަށް ވަނީ ތިން މެޗެއް ކުޅެފަ އެވެ. އެއީ، 1998 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެ 3-0 އިން ބަލިވި މެޗާއި 2011 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 0-0 އިން އެއްވަރުވި މެޗު އަދި 2015 ވަނަ އަހަރު ރާއްޖެ 2-0 އިން ބަލިިވި މެޗެވެ.
Comment