20 މާރިޗު 2025 - 22:47 0
ލީވާން އަލީ ނާސިރު
ސިއްހީ ހިދުމަތްތެރިން ހަރަކާތެރިވަނީ -- ފޮޓޯ: އަދަދު ފައިލް
20 މާރިޗު 2025 - 22:47 0
ދައުލަތުގެ ޕޭ ފްރޭމް ވޯކްގެ މިންގަނޑުތަކުގެ ހަތް ވަނަ އިސްލާހުގެ ދަށުން އިތުރުގަޑީގެ ފައިސާދޭ އުސޫލަށް ގެނައި ބަދަލުތަކަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން މަރުހަބާ ކިޔައިފި އެވެ.
އެމްއެޗްޕީޔޫ އިން ބުނީ ޕޭ ފްރޭމް ވޯކްގެ މިންގަނޑު ސަރުކާރުން ގެނައި ބަދަލަކީ އެ ޔޫނިއަނުން މިދިޔަ އަހަރުން ފެށިގެން ސަރުކާރުގެ އިދާރާތަކުގައި ލޮބީކޮށް، ކުރަމުން އައި މަސައްކަތުން ސިއްހީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.
"ސިއްހީ މަސައްކަތްތެރިންނަކީ ނުހަނު ހައްސާސީ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެމީހުންގެ އާއިލާތަކާއި އަމިއްލަ ނަފުސުތަކަށް ދޭންޖެހޭ ސަމާލުކަން ނުދެވި، ގިނަ ގުރުބާނީތަކެއް ވަމުންދާ ފަރާތްތަކެއް. އެހެންކަމުން އެ ފަރާތްތަކުގެ އިންސާނީ އަދި ވަޒީފާގެ ޙައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމާގުޅޭ އިދާރާތަކަށް ގޮވާލަން،" އެ ޔޫނިއަނުން ބުންޏެވެ.
މީގެއިތުރުން އެމްއެޗްޕީޔޫ އިން ބުނީ ރާއްޖޭގެ އެންމެހާ ސިއްހީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތި އެ ޔޫނިއަންއިން ވަކާލާތުކޮށް މަސައްކަތްކުރުމުގައި ދިމެތިބޭނެކަމުގެ ޔަގީންކަން އެންމެހާ ސިއްހީ މަސައްކަތްތެރިންނަށް އެރުވި އެވެ.
ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު މުވައްޒަފުން އޮފީހަށް ނުނިކުތަސް ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ޕޭ ފްރޭމްވޯކަށް އިސްލާހު ގެނެސްފައިވާއިރު، ރޯދަ މަހުގެ ފަހު 10 ގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރަންވާނީ، ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
ރާއްޖޭގެ ރަސްމީ ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގެ އިތުރުން ރައީސް އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރު ގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރާނީ ރަސްމީ ބަންދު ދުވަހާ އެއްގޮތަށެވެ.
މިގޮތުން ފައިސާ ދިނުމުގައި މިހާރު ކަނޑައަޅާފައި އޮތް 10 ޕަސަންޓުގެ ތެރޭގައި އެ ދުވަސްތައް ނުހިމަނައި، އެ ދުވަސްތަކުގައި އިދާރާއިން މުވައްޒަފުން ލައްވާ ކުރުވާ ހުރިހާ މަސައްކަތް ވަގުތުތަކަށް އިތުރު ގަޑީގެ ފައިސާ ދޭންވާނެ އެވެ.
Comment