Advertisement

ނުފޫޒު ފޯރުވިިކަމަށް ވިދާޅުވި ދުވަސްވަރު ނެގި ހުރިހާ ވޯޓެއްގައި އުޝާމް ވޯޓު ދިނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން

8 މާރިޗު 2025 - 14:00 7

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ސުޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރުން އަދި އުޝާމް. އެ ހުރިހާ ފަނޑިޔާރުން ވަކިކުރަން ވެސް މަޖިލީހުގައި ނެގި ވޯޓުގައި އުޝާމް ވޯޓު ދެއްވި --- އާޓްވޯކް: އިސްމާއީލް އިމްދާދު


ނުފޫޒު ފޯރުވިިކަމަށް ވިދާޅުވި ދުވަސްވަރު ނެގި ހުރިހާ ވޯޓެއްގައި އުޝާމް ވޯޓު ދިނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން

8 މާރިޗު 2025 - 14:00 7

ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައި ވަނީ ނިމިގެންދިޔަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމުގައި ދުވަސްވަރުގައި ކަމަށް މިހާރުގެ ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވި ނަމަވެސް އެ ދުވަސްވަރު ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރުމަށް ނަގާފައިވާ ހުރިހާ ވޯޓެއްގައި އެ ފަނޑިޔާރުން ވަކިކުރަން އުޝާމް ވޯޓު ދީފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ލިޔެކިޔުންތަކުން އެނގިއްޖެ އެވެ.

ސުޕްރީމް ކޯޓުގައި 19 ވަނަ މަޖިލިސް ފެށުނުއިރު ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އެ ކޯޓުގެ އަދަދު ހަތަކަށް އިތުރުކުރީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުންނެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނުކުރީ އޭގެ ކުރިން އެ މަގާމުގައި އޭރު ތިއްބެވި ބޭފުޅުންނާ މެދު ކުރެވެމުންދިޔަ ސީރިއަސް ތުހުމަތުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފަހު އެވެ.

އޭރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުالله ދީދީ، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުالله، ފަނޑިޔާރު އަބްދުالله ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަކިކުރަން ފޮނުވީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމުގެ ބާރު އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މި ހަތަރު މައްސަލާގައި ވެސް އަމަލުކުރީ އެ ފަނޑިޔާރުން ވަކިކުރުމުގެ އިޖުރާއަތްތައް ޖޭއެސްސީން ހިންގާފައިވަނީ ރަނގަޅަށް ކަމަށްވުމާ އެކު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެވޭނީ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމުންނެވެ.

އޭރު އުޝާމް ގެންދެވީ އަމިއްލަ މެންބަރެއްގެ ގޮތުގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވަމުންނެވެ. ހުރިހާ ފަނޑިޔާރުން ވަކިކުރުމުގެ ވޯޓުގައި ވެސް އުޝާމް ވަނީ ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ.

އެގޮތުން، އޮގަސްޓު 28، 2019 ގައި ފަނޑިޔާރު އަބްދުالله ދީދީ ވަކިކުރަން ނެގި ވޯޓުގައި އުޝާމް ވޯޓު ދިނީ އޭނާ ވަކިކުރުމަށެވެ. އެއަށްފަހު ނޮވެމްބަރު 18، 2019 ގައި ދެ ފަނޑިޔާރަކު ވަކިކުރަން ވޯޓު ނެގި އެވެ. އުޝާމް ވޯޓު ދިނީ އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުالله ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުالله ފަނޑިޔާރުކަމުން ވަކިކުރުމަށެވެ. އަދި، ޑިސެމްބަރު 4، 2019 ގައި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަކިކުރަން ވެސް އުޝާމް ވޯޓު ދެއްވި އެވެ.

އޭގެ ފަހުން އެ މަޖިލީހުގެ ދައުރު ނިމި ބަންޑާރަ ނައިބަކަށް އުޝާމް އައްޔަނު ކުރެވުނުއިރު ވެސް ނުފޫޒެއްގައި ޖެހިވަޑައިގެން ވޯޓު ދެއްވަން މަޖުބޫރުވި ކަމަކަށް ވިދާޅެއް ނުވެ އެވެ. ނަމަވެސް، ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ އެ މުއްދަތުގައި ކަމަށް އިއްޔެ އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާކަން ދައްކަން އުޝާމް އިއްޔެ ޕޯސްޓެއް ކުރެެއްވީ، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ކުރިއަށްނުގެންދެވޭ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރުމުން ފާޑުކިޔުން އަމާޒުވުމުންނެވެ. އެ ޕޯސްޓުގައި ވެސް އޭނާ ވަނީ ނަންބަރުތައް އޮޅުވައިލައި ދޮގު މައުލޫމާތު ހިއްސާކޮށްފަ އެވެ.