Advertisement

އާޓެޓާ އަށް އެ ލިބޭ ވަގުތު ޔުނައިޓެޑުން އަހަންނަށް ނުދޭނެ: އަމޮރިމް

8 މާރިޗު 2025 - 09:50 0


އާޓެޓާ އަށް އެ ލިބޭ ވަގުތު ޔުނައިޓެޑުން އަހަންނަށް ނުދޭނެ: އަމޮރިމް

8 މާރިޗު 2025 - 09:50 0

މެންޗެސްޓާ (މާޗް 8) - އާސެނަލްގައި ކަންކަން ރަނގަޅުކޮށް ކާމިޔާބު ހޯދަން އެ ލިބޭ ވަގުތު މެންޗެސްޓާ ޔުނައިޓެޑްގައި ހުރި މައްސަަލަތަކަށް ހައްލު ހޯދަން އޭނާ އަށް ނުލިބޭނެ ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

އުނާއި އެމެރީ، އާސެނަލްގެ ކޯޗުކަމުން ވަކިކޮށް އާޓެޓާ އެ ޓީމާ ހަވާލުކުރީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ސީޒަނުގައި އާސެނަލުން އެފްއޭ ކަޕް ކާމިޔާބުކުރިއިރު، އެއީ މިހާތަނަށް އާސެނަލަށް ބޮޑު މުބާރާތެއްގައި ލިބުނު ހަމައެކަނި ކާމިޔާބެވެ. އާޓެޓާ އަށް އާސެނަލް ޗެމްޕިއަންސް ލީގަށް ގެންގޮސް ދެވުނީ، ތިން ސީޒަން ފަހުންނެވެ. މިދިޔަ، ދެ ސީޒަނުގައި ވެސް އާސެނަލް ލީގު ނިންމާލީ ދެ ވަނައިގައި އޮވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި އާސެނަލާ ދެކޮޅަށް ކުޅޭއިރު، ނޫސްވެރިން ވަނީ އަމޮރިމްއާ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވައިފަ އެވެ. އޭގެ ތެރެއިން އެއް ސުވާލަކީ، އާސެނަލްގެ މެނޭޖްމަންޓުން އެ ކްލަބްގެ ހާލަތު ބަދަލުކުރަން އެ ދޭ ވަގުތު ޔުނައިޓެޑްގައި، އަމޮރިމް އަށް ލިބިދާނެތޯ އެވެ.

"އަހަންނަކަށް ނުލިބޭނެ އާޓެޓާ އަށް އެ ލިބުނު ވަގުތެއް،" މީގެ ތިން މަހެއްހާ ދުވަސްކުރިން، ސްޕޯޓިން ލިޒްބަން ދޫކޮށް ޔުނައިޓެޑާ ގުޅުނު އަމޮރިމް ބުންޏެވެ. "ވިސްނަން ޖެހޭ ކަމަކީ، އާސެނަލަކީ ތަފާތު ކްލަބެއް، އެ މީހުން އެ ކްލަބް ހިންގާ ގޮތް ވެސް ތަފާތު، އާސެނަލްގައި އާޓެޓާ އެ ކުރާ މަސައްކަތަކީ އިންސްޕިރޭޝަނެއް،"

އާސެނަލެކޭ އެއްގޮތަށް މި ސީޒަނުގައި ޔުނައިޓެޑަށް ވެސް އަނިޔާގެ މައްސަަލަތައް ކުރިމަތިވެފައިވާކަން އަމޮރިމް ވަނީ ފާހަގަކޮށްފަ އެވެ. އެކަމަކު، މަޑުމަޑުން ޔުނައިޓެޑްގެ އަނިޔާގެ ކަންކަން ހަމަޔަަކަށް އެޅެމުން އަންނަ ކަމަށާއި އަނިޔާއިން ރިކަވާވެ، ބައެއް ކުޅުންތެރިންނަށް އާސެނަލާ ދެކޮޅަށް ކުޅެވޭނެ ކަމަށް އަމޮރިމް ވަނީ ބުނެފަ އެވެ.

ޔުނައިޓެޑުން ވަނީ އާސެނަލް އަތުން މިދިޔަ ޖެނުއަރީ މަސް ތެރޭ ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ.