5 މާރިޗު 2025 - 13:59 0
5 މާރިޗު 2025 - 13:59 0
ބެލްގްރޭޑް، ސާބިއާ (މާޗު 4) - ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ސާބިއާގެ ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެންބަރުން އެ މަޖިލީހުގެ ތެރެއަށް ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް ޖަހައިފި އެވެ.
ރޭލު ސްޓޭޝަނެއްގެ ފުރާޅު ވެއްޓި 15 މީހުން މަރުވުމުގެ ހާދިސާއަކާ ގުޅިގެން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް މެދުކެނޑުމެއް ނެތި މުޒާހަރާ ކުރަމުންދާތާ ހަތަރު މަސްދުވަސް ވަނީ ވެފަ އެވެ. މި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވަނީ ދަރިވަރުންނެވެ. އެ މުޒާހަރަތަކާ ޓީޗަރުންނާއި، ދަނޑުވެރިންނާ އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާ މީހުން ވަނީ ގުޅިފަ އެވެ.
އެ ދުވަހުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި ވެރިކަން ކުރާ ސާބިއަން ޕްރޮގްރެސިވް ޕާޓީން އެޖެންޑާ ފާސްކުރުމާއެކު އިދިކޮޅު މެންބަރުން ވަނީ ރިޔާސަތުގެ މޭޒާ ދިމާލަށް ދުއްވައިގަނެ ސެކިއުރިޓީ ގާޑުންނާ އޮޅުލައިގެންފަ އެވެ.
އެއަށްފަހު ބައެއް މެންބަރުން ވަނީ މަޖިލީހުގެ ޗެމްބަރު ތެރެއަށް ކަރުނަ ގޭސް ގްރެނޭޑާއި ޕެޕާ ސްޕްރޭ ޖަހާފަ އެވެ. ޓީވީ ލައިވްކޮށް ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި ކަޅު ކުލަ އާއި ފިޔާތޮށި ކުލައިގެ ދުމުން މުޅި ޗެމްބަރު އޮތީ ފުރިފަ އެވެ.
ވެރިކަން ކުރާ ކޯލިޝަނުން ބުނާ ގޮތުގައި އެ ގައުމުގެ ސަރުކާރު ވައްޓައިލުމަށް ހުޅަނގުގެ ގައުމުތަކުން ގެންދަނީ މުޒާހަރާ ކުރާ މީހުންނަށް ވާގިވެރިވަމުންނެވެ.
އިންތިގާލީ ސަރުކާރެއް ގާއިމުކޮށް މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ.
Comment