18 ފެބުރުވަރީ 2025 - 10:38 0
މުހައްމަދު ޝަހްޒާން
މީގެ ކުރިން އޮތް މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
18 ފެބުރުވަރީ 2025 - 10:38 0
ދިވެހި ފަންނީ އުފެއްދުންތަކަށް ބޭރު ގައުމުތަކުގެ ހިމާޔަތާއި ރައްކާތެރިކަން ލިބޭ ބައިނަލްއަގުވާމީ މުއާހަދާ، "ބާން ކޮންވެންޝަން ފޯ ފަ ޕްރޮޓެކްޝަން އޮފް ލިޓިރަރީ އެންޑް އާޓިސްޓިކް ވޯކްސް" ގައި ރާއްޖެއިން ބައިވެރިވާން ފެންނަ ކަމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ކޮންވެންޝަނުގައި ރާއްޖެއިން ސޮއިކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާގުންނެވެ.
ބާން ކޮންވެންޝަނަކީ އުފެއްދުންތެރިންގެ އުފެއްދުންތަކަށް ހިމާޔަތް ހޯދައިދުނުމަށްޓަކައި 1886 ވަނަ އަހަރު ސިވްޓްޒަލޭންޑުގެ ބާންގައި އެކުލަވައިލި މުއާހަދާއެކެވެ. އެ މުއާހަދާގެ ދަށުން މުސައްނިފުންނާއި ޅެންވެރިންނާއި މޫސީގާރުންގެ އިތުރުން ކުރެހުންތެރިންގެ މަސައްކަތްތައް އެހެން މީހުންނަށް ބޭނުން ކުރެވޭނެ ހަމަ އާއި އުސޫލުތައް ކަނޑައަޅާފައިވެ އެވެ.
އެ ކޮންވެންޝަނުގައި ސޮއި ކުރުމާއެކު ދިވެހި އަދަބީ އުފެއްދުންތަކާއި ފަންނީ އުފެއްދުންތަކަށް ބޭރު ގައުމުތަކުގެ ހިމާޔަތާއި ރައްކާތެރިކަން ލިބުމުގެ އިތުރުން ބޭރުގެ އުފެއްދުންތެރިންގެ އުފެއްދުންތަކަށް ރާއްޖެއިން ވެސް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭނެ އެވެ.
ބާން ކޮންވެންޝަނުގައި ރާއްޖެއިން ބައިވެރިވާން ނިންމީ ޖެނުއަރީ 25، ގައި އޮތް ވަޒީރުންގެ މަޖިލީހުންނެވެ. އެހެންކަމުން އެ ނިންމުމާ މެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ މަޖިލީހަށް ފޮނުއްވީ ފެބްރުއަރީ 5، ގަ އެވެ.
އެ ކޮންވެންޝަނުގެ މެންބަރުންގެ ގޮތުގައި ދުނިޔޭގެ 176 ގައުމަށްވުރެ ގިނަ ގައުމުތައް ހިމެނެ އެވެ. އޭގެތެރޭގައި މި ސަރަހައްދުގެ ހުރިހާ ގައުމެއްހެން ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment