18 ފެބުރުވަރީ 2025 - 07:42 2
ބައްކު އަށް އަނިޔާވީ ގަދަ 16 ގައި ވިލިމާލެ އިން ދުވާފަރު ބަލިކުރި މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
18 ފެބުރުވަރީ 2025 - 07:42 2
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގަދަ 16 ގައި، ވިލިމާލެ އިން ދުވާފަރުގެ މައްޗަށް 4-2 އިން ކުރިހޯދި މެޗުގައި އެ ޓީމުގެ މުހިންމު ކުޅުންތެރިޔާ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)ގެ ކޮނޑު ހުޅަށް ލިބުނު އަނިޔާއާ ގުޅިގެން އޮޕަރޭޝަނެއް ކުރުމުން ދެން އޭނާ އަށް މި މުބާރާތުގައި ނުކުޅެވޭނެ ކަމަށް ވިލިމާލެ ޓީމުން ބުނެފި އެވެ.
މި ފަހަރުގެ މުބާރާތުގައި ވިލިމާލެ ޓީމުން އެންމެ ފޯމުގައި ހުރި ކުޅުންތެރިޔަކީ ބައްކު އެވެ. އެ ގޮތުން ބައްކު ވަނީ ޒޯން އަށެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމައި އެ ޒޯނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
"އަދަދު ސްޕޯޓްސް"އާ ވާހަކަ ދައްކަމުން ވިލިމާލެ ޓީމުގެ އިސްމާއިލް ވަޖީދު (ވައްޖެ) ބުނީ ބައްކު ނެތުން އެއީ ވިލިމާލެ ޓީމަށް ކުއާޓާގައި ކުޅެން ޖެހޭއިރު، ލިބުނު ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. އަދި ބައްކު އަކީ ވިލިމާލެ ޓީމުން މިހާތަނަށް ގޯލްޑަންގައި ނުހޯދި އޮތް ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެއް ކަމަށް ވައްޖެ ބުންޏެވެ.
"ބައްކު ނެތި ކޮންމެ ގޮތެއް ވިޔަސް ކުއާޓާ އަށް ނުކުންނަން މިޖެހެނީ. ގަޑި ހުއްޓައިގެން ކުޅެން ޖެހޭ މެޗެއް އެއީ. ބައްކު ކަހަލަ މޮޅު އެކްސްޕީރިއަންސް ކުޅުންތެރިން ގަޑި ހުއްޓައިގެން ކުޅޭއިރު, މުހިންމު ވާނެ. އެކަމަކު މީތި ބައްކު އަށްޓަކާ ނަގަން މިތިބީ ކިކުގައި." ވައްޖެ ބުންޏެވެ.
ބައްކުގެ ކޮނޑު ހުޅު ބިންދައިގެން ގޮސް އިއްޔެ ސާޖަރީ އެއް ހަދާފައިވާއިރު, އޭނާ އަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ ދެ މަސް ދުވަސް ފަހުން ކަމަށް ބެލެވެ އެވެ.
ކުއާޓާ ފައިނަލުގައި މިރޭ ވިލިމާލޭން 21:40 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކ. ކާށިދޫއާ އެެވެ.
Comment