Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: ވާދޫގެ ބޮޑު އަމާޒަކީ ތަށި، އެކަމަކު ވިސްނުން ހުރީ މެޗުން މެޗަށް

18 ފެބުރުވަރީ 2025 - 07:35 0

ވާދޫ ކުޅުންތެރިން ގަދަ 16 ބުރުގައި ޕެނަލްޓީ ޖަހައިގެން ދިއްދޫ އަތުން މޮޅުވުމަށް ފަހު.--- ފޮޓޯ: އިމޭޖަސް.އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖް: ވާދޫގެ ބޮޑު އަމާޒަކީ ތަށި، އެކަމަކު ވިސްނުން ހުރީ މެޗުން މެޗަށް

18 ފެބުރުވަރީ 2025 - 07:35 0

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި ގދ. ވާދޫ ފަސްގަނޑަށް ގެންދިއުމަކީ ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ ވެސް އުންމީދު ކަމަށާއި އެކަމަކު، މި ވަގުތު ވިސްނުން ހުރީ މެޗުން މެޗަށް ކުރިއަށްދިއުމަށް ކަމަށް ވާދޫގެ ގޯލްކީޕަރު، ޒައިދާން އަހުމަދު (އަސޫ) ބުނެފި އެވެ.

ވާދޫން ވަނީ 2023 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ކުޅެފަ އެވެ. އެ ފަހަރު ފައިނަލުގައި ގަން އަތުން ބަލިވީ މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލެއްގައި ފެނިގެންދިޔަ އެންމެ ގިނަ ލަނޑާ އެކު، 8-4 އިންނެވެ. މިދިޔަ އަހަރުގެ ޒޯން ބުރުގައި، ވާދަކޮށް ވާދޫ އަށް މުބާރާތް ނިމުނީ، ހިތަދޫ އަތުން 4-1 އިން ބަލިވުމުންނެވެ.

އެކަމަކު، މި ފަހަރު ނުކުމެ، ވާދޫން ވަނީ ގދ. އަތޮޅުގެ ތަށި ހޯދުމުގެ އިތުރުން، އަނެއްކާ ވެސް ޒޯން ތަށި ހޯދައިފަ އެވެ. ވާދޫން ޒޯން ތަށި ހޯދީ ޕެނަލްޓީގައި، ހިތަދޫ ބަލިކޮށްފަ އެވެ. އަދި ގަދަ 16 ބުރުގައި، ހއ. ދިއްދޫ އަތުން މޮޅުވީ ވެސް ޕެނަލްޓީ ޖަަހައިގެންނެެވެ.

ޖެހިޖެހިގެން ދެ މެޗުން ޕެނަލްޓީ ޖަހައިގެން ވާދޫން ނަތީޖާ ނެރުނުއިރު، ޓީމުގެ ތަފާތަކަށް ފެނުނު ކީޕަރު ޒައިދާން ބުނީ ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތް ރަނގަޅު ކަމަށާއި މިހާރު ވިސްނަން ޖެހެނީ މެޗު ތެރެއިން ނަތީޖާ ނެެރެން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ސަމާލުކަން ދިނުމަށް ކަމަށެވެ.

"އެންމެ ފުރަތަމަ ވެސް އަލްހަމްދުލިއްލާހި ޝުކުރު، އަސްލު މެޗުގެ ތެރެއިން ލިބުނު ކަންނޭނގެ ބައިވަރެއް އެއްޗެހި މެޗު ނިންމާލަން. އެ އެއްޗެހި ނުނިންމިގެން ކަންނޭނގެ އަހަރެމެން ކޮޅަށް ވެސް އެއްޗެއް ވަދެގެން، މިހާ ގޯސްކޮށް މިދިޔައީ،" ޒައިދާން ބުންޏެވެ.

"ދިއްދޫ އަކީ މުބާރާތުގައި ވަރުގަދަ ޓީމުތައް ބަލިކޮށްފައި އެބަހުރި ދޯ، ރަނގަޅު ޓީމުތަކާ ފައިޓްވެސް ކޮށްފައި ހުރީ ދިއްދޫ، އެހެންވީމަ އަސްލު ހިތްހަމަޖެހޭ ބޭނުންވަނީ އަސްލު މިއަދު މެޗުން މޮޅުވެގެން ދެން އިން މެޗަށް މެޗަކަށް ފަހު މެޗެއް ނަގަމުން އިރާދަކުރެއްވިއްޔާ،"

ރާއްޖޭގެ ފުޓްސަލް ތަރިންގެ ތެރެއިން ގިނަ ކުޅުންތެރިންނަށް ހޯދަން އެންމެ އުނދަގޫ އެއް ތަށްޓަކީ، ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖެވެ. އެ ގޮތުން، ފުޓްސަލް ކިންގުންގެ ތެރޭގައި ނަން ހިނގާ، ވާދޫގެ ކެޕްޓަން، އަޔާޒް އަހުމަދު (އަޔާ) ވެސް އެންމެ ބޭނުން ތަށްޓަކީ މިހާރު ގޯލްޑަން އެވެ.

"ދެން، އަޔާ އަށް މަދުވާ ތަށްޓަކީ މި ގޯލްޑަން ތަށި، އެހެންވީމަ، ދެން، ވަކި ކުޅުންތެރިއެއް ނޫން، ހުރިހާ ކުޅުންތެރިއެއްގެ ޓާގެޓަކީ ވެސް އެއީ، އަޔާ އަށާއި ވާދޫ އަށް މި ތަށި، ވާދޫ ފަސްގަނޑަށް މި ތަށި ގެންދެވޭތޯ، ދެން، ހަމަ އެ އަކަށް ވެސް އެހާ ބޮޑު ވިސްނުމެއް ނެތް، ދެން އިން މެޗަށް ވިސްނައިގެން އެހެން ކުރިއަށްދާން،" ޒައިދާން ބުންޏެވެ.

ގޯލްޑަންގެ ކުއާޓާ ފައިނަލުގައި ވާދޫން ނުކުންނާނީ، އއ. މަތިވެރިއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މިރޭ 21:40 ގަ އެވެ.