16 ފެބުރުވަރީ 2025 - 09:44 0
އަތޫފް އާތިފް
އޭދަފުށީ ޓީމުގެ ދިއްލި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
16 ފެބުރުވަރީ 2025 - 09:44 0
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގަދަ 16 ގެ މެޗުތައް ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ބ. އޭދަފުށި އާއި ރަނަރަޕް ލ. ގަން ކުއާޓާ ފައިނަލުގައި ވާދަކުރަން ޖެހިއްޖެ އެވެ.
ރޭ ގަދަ 16 ގެ ފުރަތަމަ މެޗުގައި ލ. ގަމުން ރ. އިނގުރައިދޫ ބަލިކުރީ ޕެނަލްޓީގައި 10-9 ގެ ނަތީޖާ އަކުންނެވެ. އަދި މީގެ އިތުރުން، ރޭ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށިން ޏ. ފުވައްމުލަކު ސިޓީ, ދަޑިމަގު ބަލިކުރީ 3-2 ގެ ނަތީޖާ އަކުންނެވެ.
އިނގުރައިދޫއާ ދެކޮޅަށް ކުޅުނު މެޗުގެ 12 ވަނަ މިނިޓްގައި ލ. ގަމަށް ލީޑު ނަގައިދިނީ ކެޕްޓަން އަހުމަދު ހަލީމް (އައްމަޑޭ) ޖެހި ގޯލުންނެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގައި އިނގުރައިދޫގެ އަލީ ފާތިހް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އިނގުރައިދޫގެ އަހުމަދު އައިހަމް (އައިހު) އާއި ހުސެއިން މިބްސާމް އަދި މުހައްމަދު ޖުމާން ޖެހި ޕެނަލްޓީ ލ. ގަމުގެ ކީޕަރު އަހުމަދު ހުސާމް ވަނީ ދިފާއު ކޮށްފަ އެވެ. ލ. ގަމުން ޕެނަލްޓީ ނުޖެހުނީ މުހައްމަދު ލުފްސާން (ޕަފް) އަދި މުހައްމަދު ރަޒާން އެވެ. ޕަފްގެ ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. ރަޒާން ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ.
ޕެނަލްޓީގައި ލ. ގަމަަށް ތަފާތު ދައްކައިދިން ކީޕަރު ގޮންޒާލޯ - ފޮޓޯ: އިމޭޖަސް އެމްވީ
އޭދަފުށިން ރޭ ކުޅުނު މެޗުގެ ދެ ވަނަ މިނިޓްގައި އެ ޓީމަ އަށް ލީޑު ނަގައިދިނީ އަލީ ނަސީމް (ދިއްލި) އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ދިއްލި ވަނީ އިތުރު ގޯލެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
އޭދަފުށީގެ ތިން ވަނަ ގޯލު ދެ ވަނަ ހާފުގެ ހަތަރު ވަނަ މިނިޓްގައި ޖެހިއިރު, މިއީ ދަޑިމަގުގެ ކެޕްޓަން މުހައްމަދު ސާދް ނިޒާރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އެކަމަކު މެޗުގެ 32 ވަނަ މިނިޓްގައި ދަޑިމަގުގެ ގޯލްކީޕަރު، އިސްމާއިލް ފާތިހް (ތާޑޭ) ކުރިއަށް އަރައި، ލިބުނު ފުރުސަތެއްގައި ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ. އަދި އެ ޓީމުން ޖެހި ދެ ވަނަ ގޯލު މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ޖެހީ އަޖުމަލް އަހުމަދު އެވެ.
މި ނަތީޖާއާއެކު އަންނަ އަންގާރަ ދުވަހު ކުޅޭ ކުއާޓާ ފައިނަލުގެ މެޗުގައި އޭދަފުށިން ނުކުންނާނީ ލ. ގަމާ ދެކޮޅަށެވެ. މިއީ، މިިދިޔަ ދެ އަަހަރު ތެރޭ މި ދެ ޓީމުގެ ތިން ވަނަ ކުރިމަތިލުމެވެ. މިދިޔަ އަހަރުގެ ފައިނަލުގައި އޭދަފުށިން ގަން ބަލިކުރިއިރު، މި ފަަހަރުގެ ޝީލްޑް މެޗުގައި ގަމުން ވަނީ އޭދަފުށީގެ މައްޗަށް ކުރިހޯދައިފަ އެެވެ.
Comment