8 ފެބުރުވަރީ 2025 - 14:18 0
ލީވާން އަލީ ނާސިރު
އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް: އުރީދޫގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓް ވަނީ ފާސްކޮށްފައި -- ފޮޓޯ: އަދަދު ފައިލް
8 ފެބުރުވަރީ 2025 - 14:18 0
އުރީދޫ މޯލްޑިވްސް އިން މިދިޔަ އަހަރަށް ހުށަހަޅާ ޑިވިޑެންޑްގެ އަދަދުގެ އިތުރުން މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.
އުރީދޫގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް 3.43ރ. ހުށަހަޅަން ނިންމާފައިވާއިރު، ފެބްރުއަރީ 18، ގެ މެންދުރު 2:00 ޖެހުމާ ހަމައަށް ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ހުރިހާ އެންމެންނަށް ޑިވިޑެންޑް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫއިން ބުނީ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރި މިދިޔަ އަހަރު އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓް ފެބްރުއަރީ 21، ގެ ކުރިން އާންމުކުރާނެ ކަމަށެވެ.
އަދި އުރީދޫއިން އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރަށް ހުށަހަޅާ ޑިވިޑެންޑް އަދި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުގެ އިތުރުން އަހަރީ ރިޕޯޓް ފާސްކުރަން ހިއްސާދާރުންނަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މިގޮތުން ހުށަހަޅާފައިވާ ޑިވިޑެންޑުގެ އަދަދު ހިއްސާދާރުން ފާސްކޮށްފިނަމަ، މާޗު މަހުގެ ތެރޭގައި ޑިވިޑެންޑް ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އުރީދޫގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ ފެބްރުއަަރީ 22، ގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނޯޓިސްއާ އެކު އަހަރީ އާންމު ޖަލްސާއާ ބެހޭ އެންމެހާ މައުލޫމާތު ވެސް އާންމު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Comment