Advertisement

ދަޑިމަގުން އިތުބާރު ހޯދަނީ ރަނގަޅު ތައްޔާރީތަކުން

4 ފެބުރުވަރީ 2025 - 14:36 0

ޝަންމު، "އަދަދު ސްޕޯޓްސް" އަށް އިންޓަވިއުދެނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ދަޑިމަގުން އިތުބާރު ހޯދަނީ ރަނގަޅު ތައްޔާރީތަކުން

4 ފެބުރުވަރީ 2025 - 14:36 0

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ކުރިއަށްދާއިރު، ޏ. ފުވައްމުލައް ތަމްސީލްކުރާ ދަޑިމަގު ޓީމުން އިތުބާރު ހޯދާނީ އެ ޓީމުން މެޗުތަކަށް ކުރިމަތިލާއިރު ރަނގަޅަށް ތައްޔާރުވެގެން ކަމަށް އެ ޓީމުގެ ތަރި، އަލީ ޝަމާލް އަބްދުﷲ (ޝަންމު) ބުނެފި އެވެ.

ދަޑިމަގުން މި ފަަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖަށް ނުކުންނަން ޖެހުނީ ސީދާ ޒޯން ބުރަށެވެ. އެ ގޮތުން، އެ ޓީމަށް ކުރިމަތިލާން ޖެހުނީ ޗެލެންޖިން ގްރޫޕެއްގަ އެވެ. ފުރަތަމަ މެޗުގައި، ގދ. އަތޮޅުގެ ޗެމްޕިއަން، ވާދޫއާ ކުޅެގެން ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް، ރޭ ވަނީ ގއ. އަތޮޅުގެ ޗެމްޕިއަން، ދެއްވަދޫ އަތުން 2-1 އިން މޮޅުވެފަ އެވެ.

"މި ފަހަރު އެހެން ފަހަރުތަކާ ތަފާތުކޮށް ތަންކޮޅެއް ކުރިން ޕްރެކްޓިސް ފަށައިގެން ރަނގަޅު ޕްރެކްޓިސްތަކެއް ޖަހައި، މަހެއްހާ ދުވަހު ޕްރެކްޓިސް ކުރެވިފައި އިންނާނީ ޒޯން ފެށިއިރު،" މި ފަހަރުގެ ތައްޔާރީތަކާ ގުޅޭގޮތުން، ޝަންމު ބުންޏެވެ.

ޝަންމު ބުނީ، ސީދާ ޒޯން ބުރަށް ނުކުންނަން ޖެހުމުން އުނދަގޫތަކެއް ހުރި ކަމަށެވެ.

"(މުބާރާތުގެ) މެޗެއް ނުކުޅެ އައިސް ސީދާ ޒޯން ބުރު ކުޅެން ޖެހުނީމަ އަސްލު ވަރަށް އުނދަގޫކޮށް އައި، ފުރަތަމަ މެޗުގައި އޭތި ފެނިގެން އައީ. ވާދޫއާ ކުޅުނު މެޗުގައި ސްކޯރިން ނައިސްގެން. އެ މެޗު ދޫކޮށްލާފައި އަހަރެމެން އައީ މި މެޗު (ދެއްވަދޫ މެޗު) ވެސް ނަގައިގެން ކުރިއަށް އޮތް މެޗު ނަގައިގެން، ޒޯން ސެމީ އަށް ދާންވީ، އެ މަސައްކަތް ކުރަން އެންމެން އެކީ. އެކައްޗެއް ކިޔައިގެން މިއީ ވަރަށް ހިތްވަރު އެންމެންގެ ވެސް،" ޝަންމު ބުންޏެވެ.

ދަޑިމަގަށް ފުރަތަމަ މެޗުގެ ކުރިން މި ފަހަރުގެ މުބާރާތުގައި ކުޅުނު މާލެ ޒޯން ފިޔަވައި ހުރިހާ ޓީމެއްގެ ކުޅުން ފެންނާނެ އެވެ. ފެނުނު މެޗުތަކަށް ބަލާއިރު، ޝަންމު ވެސް ދެކެނީ މި ފަހަރުގެ ގޯލްޑަންގައި ޗެލެންޖު ބޮޑުވާނެ ކަމަށެވެ.

"ގޯލްޑަން ވަރަށް ސަޅިކޮށް ދަނީ އަހަރަކަށް ވުރެ އަހަރެއް ރަނގަޅުވަމުން މި ދަނީ، އަސްލު ވަރަށް ސަޅި މުބާރާތް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް،" ޝަންމު ބުންޏެވެ.

މިދިޔަ އަހަރުގެ ޒޯން ފައިނަލުގައި ދަޑިމަގުން ކުޅުނެވެ. ޒޯން ހަތެއްގެ ޗެމްޕިއަންކަން ސ. ހިތަދޫ އިން ހޯދީ ދަޑިމަގުގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ގަދަ 16 ބުރުގައި، ވާދަކޮށް ދަޑިމަގު މުބާރާތުން ކެޓީ ގާފަރު އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެގެންނެވެ.