4 ފެބުރުވަރީ 2025 - 13:59 0
4 ފެބުރުވަރީ 2025 - 13:59 0
މެޑްރިޑް (ފެބްރުއަރީ 4) - ސްޕެނިޝް ލީގުގައި މި ހަފްތާގައި އެސްޕަންޔޯލް އަތުން ރެއާލް މެޑްރިޑް ބަލިވި މެޗުގައި ހިނގައިދިޔަ ކަންތައްތަކަށް ބަލައި، އެ މެޗުގެ ރެފްރީންގެ މައްސަލަ ރެއާލުން، ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަން އާއި ހަޔާ ސްޕޯޓްސް ކައުންސިލް (ސީއެސްޑީ) އަށް ހުށަހަޅައިފި އެވެ.
ރެއާލް އަތުން އެސްޕަންޔޯލް މޮޅުވީ ފަހު ވަގުތު ޖެހި ގޯލާ އެކު، 1-0 އިންނެވެ.
މި މެޗާ ގުޅޭގޮތުން، ރެއާލުން ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވަނީ، ވިނީޝިއުސް ޖޫނިއާ ޖެހި ގޯލެއް ބަލައިނުގަންނަން ނިންމި ގޮތާއި، ރެއާލްގެ ކީލިއަން އެމްބާޕޭ އަށް އެސްޕަންޔޯލްގެ ކާލޯސް ރޮމޭރޯ ކުރި ނުރައްކާތެރި ފައުލަަށް ރަތް ކާޑެއް ދައްކާފައިނުވަނީ ކީއްވެކަމެއް، ރެފްރީން އަމަލުކުރަމުން އަންނަ ގަވާއިދުން ސާފުވާން ނެތް ކަމަށެވެ.
މި މައްސަލަ ހުށަހަޅަން ރެއާލުން ނިންމި ކަަމަށް ލިޔުމުގައި ހިމަނާފައިވާ ސަބަބުތަކަށް ބަލާއިރު، ތަކުރާރުކޮށް ރެއާލްގެ މެޗުތަކުގައި ރެފްރީންގެ މައްސަލަތައް ކުރިމަތިވާއިރު، މި ކަމަށް ހައްލެއް ނުލިބި، ދިގުލައި ގޮސް މީގެ ގެއްލުން ރެއާލުން ކުރިމަތިލާން ޖެހޭތީ އެވެ.
ރެއާލުން ގޮވާލާފައިވަނީ، އެހެން ލީގުތަކުގައި އަމަލުކުރަމުން އަންނަ ގޮތަށް، ސްޕެނިޝް ލީގުގައި ވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުން ހިފަމުން އަންނަ ގޮތުގެ މައުލޫމާތު ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށެވެ.
Comment