4 ފެބުރުވަރީ 2025 - 06:18 0
ފުލުހުންގެ ފްލެޓުތައް -- ފޮޓޯ: އަދަދު
4 ފެބުރުވަރީ 2025 - 06:18 0
ފުލުހުންނަށް ހައުސިން ޔުނިޓުތަކެއް އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައިރު ހިންގި ކޮރަޕްޝަންގެ މައްސަލަައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕޮލްކޯއަށް އިއްޔެ ވަދެފައިވާ ކަމަށް ރިޕޯޓުކުރި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގެ ތަހުގީގަށް އޭސީސީން ޕޮލްކޯއަށް ވަދެ ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.
ޖެނުއަރީ 24، ގައި އޮޑިޓޮ އޮފީހުން އާންމު ކުރި ހާއްސަ އޮޑިޓުގައި ވާގޮތުން ބްލޫސް ހައުސިން ޔުނިޓުގެ 13 ބުރީގެ ތިން ޓަވަރު އެޅުމުގެ މަސައްކަތުގައި، ޕޮލްކޯގެ ނާގާބިލްކަމާއި ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް 354 މިލިއަން ރުފިޔާ ގެއްލިފައިވެ އެވެ. އެ މަޝްރޫއުއަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ މިހައިތަނަށް ހަރަދުވެފައިވެ އެވެ.
ފުލުހުންނަށް ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑި ކުންފުންޏާ އެވެ. ނޫމަޑިއާ މަސައްކަތް ހަވާލު ކުރީ އިއުލާނު ކުރުމެއް، ޓެންޑާ ކުރުމެއް ނެތި އެވެ. ފަހުން މުޅި ޕްރޮޖެކްޓު ހަވާލު ކުރީ ނޫމަޑީގެ ސަބް ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓްއާ އެވެ. އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރަކީ ނޫމަޑީގެ ރިޕްރެޒެންޓޭޓަރެވެ. އެހެންކަމުން، އެކަމުގައި ފައިދާވީ ދައުލަތުގެ ބަދަލުގައި އޭނާއަށްކަން އޮޑިޓުގައި ފާހަގަ ކުރެ އެވެ.
ޕޮލްކޯއިން ކަނޑައެޅިގެން މަސައްކަތް ކޮށްފައި ވަނީ ނޫމަޑީގެ ރިޕްރެޒެންޓޭޓިވްއަށް ފައިދާވާ ގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އޭނާގެ ނަމެއް އޮޑިޓް ރިޕޯޓުގައި ފާހަގައެއް ނުކުރެ އެވެ. އޭނާއަށް ދީފައިވާ ނަމަކީ "މިސްޓާ އެކްސް" އެވެ.
އޮޑިޓު އޮފީހުން ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު ބޮޑެތި ބަދަލު ގެނެސް، ކޮށްފައިވާ މަސައްކަތަށް ނުބަލައި ފައިސާ ދޫކޮށްފައި ވަނީ ވަކި ބަޔަކަށް މަންފާ ހޯދަން ކަމަށެވެ. އޭސީސީން މައްސަލަ ބަލައި ތަހުގީގު ކުރަން އޮޑިޓަ ޖެނެރަލްގެ އޮފީހުން އޮތީ ލަފާ ދީފަ އެވެ.
ބްލޫސް ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ޕޮލްކޯއިން ނަގައި މިހާރު ވަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. ނަމަވެސް އޮޑިޓުގައި ލަފާ ދީފައި ވަނީ ޕޮލްކޯއިން މަޝްރޫއު ކުރިއަށްދިޔައިރު އެތަނުގެ ބޯޑުގައި ތިބި މީހުންނަށް ފިޔަވަޅު އެޅުމަށެވެ.
ނޫމަޑި ކުންފުނި ހިމެނޭ ގޮތަށް (އަމީން ކޮންސްޓްރަކްޝަން ފިޔަވައި) އެ މަސައްކަތް މިހާތަނަށް ކޮށްފައިވާ ހުރިހާ ކުންފުންޏަކަށް އިތުރަށް ފައިސާ ދޫކޮށްފައިވާކަން އޮޑިޓުން ދައްކަ އެވެ. އެއީ ސަބް ކޮންޓްރެކްޓަރުން ހިމަނައިގެން ޖުމުލަ ހަ ކޮންޓްރެކްޓަރުންނެވެ.
އެޗްޑީސީއަށް ދެއްކި ބިމުގެ އަގު - 15.4 މިލިއަން ރުފިޔާ
އެޗްޑީސީއަށް ޖޫރިމަނާގެ ގޮތުގައި ދެއްކި ފައިސާ - 151،282ރ.
ނޫމަޑި ކުންފުންޏަށް ދެއްކި ފައިސާ - 76 މިލިއަން ރުފިޔާ
އައިލެންޑް އެކްސްޕާޓަށް ދެއްކި ފައިސާ - 432 މިލިއަން ރުފިޔާ
އައިލެންޑް އެކްސްޕާޓުގެ ސަބް ކޮންޓްރެކްޓަރުންނަށް ދެއްކި އަދަދު - 199 މިލިއަން ރުފިޔާ
ދެ ކޯމަސް ކުންފުންޏަށް ދެއްކި ފައިސާ - 4.1 މިލިއަން ރުފިޔާ
ދެ ކޯމަސްގެ ސަބް ކޮންްޓްރެކްޓަރުންނަށް ދެއްކި އަދަދު - 10 މިލިއަން ރުފިޔާ
ހާއޯ ކުންފުންނަށް ދެއްކި ފައިސާ - 10.2 މިލިއަން ރުފިޔާ
ހައުސިން މިނިސްޓްރީން، އަމީން ކޮންސްޓްރަކްޝަނަށް ދެއްކި އަދަދު - 310 މިލިއަން ރުފިޔާ
އޭގެ އިތުރުން އަދި އެ ޕްރޮޖެކްޓުގެ ބައެއް ބިލުތަކަށް ފައިސާ ނުދައްކާ ވެސް އެބަ ހުއްޓެވެ. އެއީ އެމްޓީސީސީއަށް ދައްކަންޖެހޭ 480،006ރ. އާއި އަމީން ކޮންސްޓްރަކްޝަންގެ ބިލުތަކަކަށް ދައްކަންޖެހޭ 18.3 މިލިއަން ރުފިޔާ އެވެ.
Comment