Advertisement

ޑިމޮކްރެޓްސްއިން އަނެއްކާ ވެސް މިނިވަން ބަހުސް ބާއްވަން ފަށަނީ

3 ފެބުރުވަރީ 2025 - 13:09 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޑިމޮކްރެޓްސްގެ ދެ ނައިބު ރައީސުން އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގައި -- ފޮޓޯ: ޑިމޮކްރެޓްސް


ޑިމޮކްރެޓްސްއިން އަނެއްކާ ވެސް މިނިވަން ބަހުސް ބާއްވަން ފަށަނީ

3 ފެބުރުވަރީ 2025 - 13:09 1

ދަ ޑިމޮކްރެޓްސް ޕާޓީން އަނެއްކާވެސް މިނިވަން ބަހުސް ބާއްވަން ނިންމައި ބަހުސްގެ މައުލޫއު އާންމުކޮށްފި އެވެ.

އެ ޕާޓީގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ މިނިވަން ބަހުސް ބާއްވަން ނިންމާފައި ވަނީ ފެބްރުއަރީ 7، ވާ ހުކުރު ދުވަހު ކަމަށެވެ. އެ ދުވަހުގެ ބަހުސް މައުލޫއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ޑިމޮކްރެސީ ޔޫ ޓާން ނެގީ ކޮންއިރަކު؟" އެވެ.

މިނިވަން ބަހުސް ބާއްވާ ތަނެއް އަދި އެ ޕާޓީން އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އެ ބަހުސްގައި ވާހަކަދައްކައި ހިޔާލު ފާޅު ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބޭނެ ކަމަށް ޑިމޮކްރެޓްސްއިން ބުންޏެވެ.

މިނިވަން ބަހުސްއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އިއުލާނު ކުރި އިސްލާހީ އެޖެންޑާގައި ހުރި ކަންކަމާ މެދު ބަހުސް ކުރަން އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިނިވަން ބަހުސް އެންމެ ފުރަތަމަ ބާއްވަމުން ދިޔައީ މާލޭގެ ސްކޫލް ހޯލްތަކުގަ އެވެ.

ނަމަވެސް މިނިވަން ބަހުސްގެ ތެރެއިން ރައީސް މައުމޫންއާ ދެކޮޅު އަޑުތައް ގަދަވެ، އޭގެ ކުރިން ނުފެންނަ މަންޒަރުތައް ފެންނާން ފެށުމުން ބަހުސްތައް ބާއްވަމުން އައި ސްކޫލް ހޯލްތައް އިދިކޮޅު ފަރާތްތަކަށް ބަންދުވި އެވެ. އަދި ބަހުސްގައި ބައިވެރިވި ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.

އެއާއެކު މިނިވަން ބަހުސް މާ ފޯރިއާއެކު ދެން ކުރިއަށް ގެންދިޔައީ ލޮނުޒިޔާރަތްކޮޅުގަ އެވެ. އެ ސަރަހައްދުގައި އޭރު ހުރި ބަޖިޔާ ގާ ދޮށުގައި ބާއްވަމުން ދިޔަ މިނިވަން ބަހުސްގެ ތެރެއިން ބަޔަކު ހައްޔަރުކޮށް ސިފައިން އެކަމަށް ހުރަސް ވެސް އެޅި އެވެ.

އެ އަހަރުގެ އޯގަސްޓު 12،13 ގައި ޖުމްހޫރީ މައިދާނަށް މީހުން އެއްވާން މެދުވެރިވި ސަބަބަކީ އެއީ އެވެ.