Advertisement

ފަހު ކުއާޓަރުގައި ބީއެމްއެލްއަށް 725 މިލިއަން ރުފިޔާ އަދި މުޅި އަހަރު 2.1 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް

29 ޖަނަވަރީ 2025 - 16:03 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބީއެމްއެލްގެ އޭޓީއެމަކުން ކަސްޓަމަރަކު ފައިސާ ނަގަނީ: ބީއެމްއެލްއަށް މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި 725 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައި -- ފޮޓޯ: ބީއެމްއެލް


ފަހު ކުއާޓަރުގައި ބީއެމްއެލްއަށް 725 މިލިއަން ރުފިޔާ އަދި މުޅި އަހަރު 2.1 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް

29 ޖަނަވަރީ 2025 - 16:03 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލްއިން ބުނީ މިދިޔަ އަހަރު އެ ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި ލިބުނީ 725 މިލިއަން ރުފިޔާ ކަމަށެވެ.

ތިން ވަނަ ކުއާޓަރާއި އަޅައި ބަލާއިރު ހަތަރު ވަނަ ކުއާޓަރުގައި ސާފު ފައިދާ 47 ޕަސަންޓު އިތުރުވީ ޕްރޮވިޝަންގެ ގޮތުގައި ބަހައްޓާފައިވާ ނިސްބަތުން ބޮޑު އަދަދެއް ލިބުމުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އޮޑިޓް ނުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ މިދިޔަ އަހަރު ލިބުނެވެ. އެއީ 2023 ވަނަ އަހަރާ އަޅައިބަލާއިރު ހަތަރު ޕަސަންޓުގެ ކުރިއެރުމެކެވެ.

މީގެ އިތުރުން ބޭންކުގެ ޖުމްލަ އެސެޓް 2023 ވަނަ އަހަރަށްވުރެ މިދިޔަ އަހަރު ތިން ބިލިއަން ރުފިޔާ އިތުރުވެފައިވެ އެވެ.

ބީއެމްއެލްއިން އިން ބުނީ އެ ބޭންކުގެ ލޯނުގެ ފެންވަރު ރަނގޅުވެ، މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވާއިރު، ބޭންކުގެ ރައުސުލްމާލާއި ލިކިއުޑިޓީ ރޭޝިއޯ ގާނޫނު ލާޒިމް ކުރާ މިންވަރަށްވުރެ މަތީގައި ދެމެހެއްޓިފައިވާ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ އެ ބޭންކަށް މިދިޔަ އަހަރު ހިދުމަތް ކޮށްދިން ހުރިހާ މުއައްޒަފުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ލިބުނު ހަރުދަނާ މާލީ ނަތީޖާއިން ބޭންކުގެ ކުރިއެރުން ދައްކުވައިދޭ ކަމަށާއި މުޖުތަމައުއަށް ހިދުމަތް ކުރުމަށް ބޭންކުން ދޭ އަހަންމިއްޔަތުކަން ވެސް ހާމަވާ ކަމަށެވެ.

"2025 އަހަރު ބޭންކުން މަސައްކަތް ކުރާނީ މި ލިބުނު ނަތީޖާއާއެކު އިތުރު ކާމިޔާބީ ހޯދޭނެކަމުގެ ޔަގީންކަމާއެކު. އަދި ދިވެހި ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދީ، ކަސްޓަމަރުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ހޯދައިދިނުމުގެ އަޒުމާއެކު،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއިން ވަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ބޮޑު މަޝްރޫއެއް ފަށައިފަ އެވެ. އަދި ޖަމިއްޔާތައް ބާރުވެރި ކުރުވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓިނިވި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް "ބޭންކް ފަންޑް" ލިބޭ ފަސް ފަރާތެއް ވެސް އެ ބޭންކުން ވަނީ ހޮވައިފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސާވިސް ބޭންކިން ސެންޓަރު، 150 އޭޓީއެމްގެ އިތުރުން އޭޖެންޓު ބޭންކިން ހިދުމަތް ބީއެމްއެލްއިން އަންނަނީ ދެމުންނެވެ.

މީގެއިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.