28 ޖަނަވަރީ 2025 - 10:51 0
އަހުމަދު އާއިދު
ރައީސް މުއިއްޒު ޝަމްނާޒްއާ މަގާމަށް އައްޔަނުކުރި ކަމުގެ ލިޔުން ހަވާލުކުރަނީ --- ފޮޓޯ: ރައީސް އޮފީސް
28 ޖަނަވަރީ 2025 - 10:51 0
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ "ގާތްވުމަށް" ސިހުރު ހެދިކަމަށް ތުހުމަތުކޮށް މިދިޔަ ޖޫން މަހު ހައްޔަރުކުރި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ރަސްމީކޮށް މަގާމުން ވަކިކުރިކަން އަންގާ، ސިޔާސީ މަގާމުތަކުގައި ތިބި އޭނާގެ އާއިލާގެ މެންބަރުން ވެސް ވަކިކޮށްފި އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި މަގާމުން ވަކިކޮށްފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމާއި ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުތައި ތިބި ޝަމްނާޒްގެ ދެ ކޮއްކޮ އެވެ.
އޭގެތެރެއިން އެކަކު ސިހުރުގެ މައްސަލާގައި ޝަމްނާޒު އާއެކު ހައްޔަރުވެސް ކުރި އެވެ. އެ މައްސަލާގައި މިހާތަނަށް އޭގެން އެއްވެސް މީހަކަށް ދައުވާކޮށްފައި ނުވެ އެވެ.
މި އެންމެންވެސް ވަކިކުރީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ޝަމްނާޒްގެ އާއިލީ މެންބަރުންގެ އިތުރުން ރައީސް މުއިއްޒު ވަނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް މަގާމުން ވަކިކުރައްވާފަ އެވެ. ފައިސަލް ވަކިކުރަން ނިންމެވި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
Comment