26 ޖަނަވަރީ 2025 - 12:26 1
އަހުމަދު އާއިދު
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު: ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމަށް ސާޖިދާ ވަނީ ގޮވާލައްވާފަ --- ފޮޓޯ: ރައީސް އޮފީސް
26 ޖަނަވަރީ 2025 - 12:26 1
މީޑިއާތައް ހިންގުމުގައި އަދި ނޫސްވެރިކަން ކުރުމުގައި ޒިންމާދާރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ކުރިއަށް ގެންދިޔަ 'ވިޝަން އޮފް ދަ ފިއުޗާ' ކުރެހުމުގެ މުބާރާތުގެ އިނާމުދިނުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ، ބްރޯޑްކާސްޓު ކުރުމަކީ ވެސް އަމާނާތެއް ކަމަށެވެ.
އޭގެ އިތުރުން ގައުމުގެ މަސްލަހަތު ދިފާއުކޮށް ދީނާއި އަހުލާގު ދެމެހެއްޓުމުގައި ބްރޯޑްކާސްޓަރުންނާއި ނޫސްވެރިން މުހިންމު ރޯލެއް ކުޅޭކަން ވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފަ އެވެ.
"މިއަދު ހުރިހާ މީޑިއާތަކަށް އަޅުގަނޑު ގޮވާލަނީ ޒިންމާދާރު ގޮތެއްގައި ކަމަށް ކަމެއް ހީކޮށްގެން މީޑިއާތަކުގެ މަސައްކަތްތަކާއި ނޫސްވެރިކަން ކުރެއްވުން. އޭގައި ބޭނުންކުރާ ކޮންޓެންޓަކީ ބަހުގެ ހަމަތަކާ އެއްގޮތަށް ތައްޔާރުކުރެވޭ އެއްޗަކަށް ހެއްދެވުމަށް،" ސާޖިދާ ވިދާޅުވި އެވެ.
ސާޖިދާ ވަނީ ހީނަރުވެގެންދާ އިޖުތިމާއީ ފޭރާން ރަނގަޅުކޮށް އާރޯކަން އަންނާނެހެން ނޫސްވެރިންގެ ލިޔުންތަކާއި ބްރޮޑްކާސްޓަރުންގެ ކޮންޓެންޓު ގެނައުމަށް ވެސް ގޮވާލައްވާފަ އެވެ. އަދި ޓީވީ އަދި ރޭޑިއޯގެ ވަސީލަތްތަކުން މައުލޫމާތު ލިބިގަންނަ ބަޔަކަށް ޒުވާން ޖީލާއި ކުޑަކުދިން ހެދުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.
އޭގެ އިތުރުން, ބްރޯޑްކާސްޓަރުން ވެސް އެކަމަށް ސަމާލުކަންދީ އާ ޖީލުތައް ޝައުގުވެރިވާނެ ފަދަ އުފެއްދުންތަކެއް ގެނެސްދޭން ޖެހޭކަމަށް އެކަމަނާ ވިދާޅުވި އެވެ.
Comment