26 ޖަނަވަރީ 2025 - 11:33 0
ލީވާން އަލީ ނާސިރު
އިންޑިއާއަށް މިޔަންމާއިން އެތެރެކުރި ރަންތަކެއް: ރާއްޖެއިން އިންޑިއާއަށް އެތެކުރަން އުޅުނު 1.7 މިލިއަން ރުފިޔާގެ ރަން -- ފޮޓޯ: ރޮއިޓާސް
26 ޖަނަވަރީ 2025 - 11:33 0
ރާއްޖެއިން އިންޑިއާގެ މުމްބާއީއަށް ދަތުރުކުރި ފަސިންޖަރަކު, 1.7 މިލިއަން ރުފިޔާގެ ރަން އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އިންޑިއާގެ އެއާ އިންޓެލިޖެންސް ޔުނިޓް (އޭއައިޔޫ) އިން އެ މީހާ ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ކަރްނާޓަކާއަށް ނިސްބަތްވާ އިނާމުލް ހަސަން، 24 ކަމަށާއި އޭނާ ކުށަށް އިއުތިރާރުވެފައިވާ ކަމަށެވެ.
އިންޑިއާގެ ކަސްޓަމުގެ އޮފިޝަލުންނާ ހަވާލާދީ ދަ ޕްރެސް ޖާނަލްއިން ބުނީ ހަސަން އެ ރަން އެތެރެކުރަން އުޅުނީ މަތިންދާ ބޯޓުގެ ފާހާނާގައި ފޮރުވައިގެން ކަމަށާއި އޭނާ ރަން އެތެރެކުރަން މަސައްކަތް ކުރީ އެއާޕޯޓުގެ މުވައްޒަފުންނާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ.
އިންޓެލިޖެންނަށް ލިބުނު މައުލޫމާތާ ގުޅިގެން ބޯޓު ބަލައި ފާސްކުރިއިރު، ފާހާނާ ތެރެއިން ރަން އަޅާފައި ހުރި 13 ޕައުޗު ފެނިފައިވާ ކަމަށްވެސް ކަސްޓަމުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.
"މައްސަލައިގެ ތަހުގީގުގައި ހަސަން ވަނީ ކުށަށް އިއުތިރާފުވެ، ބޯޓުގެ ފާހާނާގައި ރަން ފޮނުވި ކަމަށް އެއްބަސްވެފައި،" ކަސްޓަމުގެ އޮފިޝަލުން ބުންޏެވެ.
މައްސަލައިގެ ތަހުގީގަށް ހަސަން އެއްބާރުލުން ދެމުންދާކަން ފާހަގަކޮށް ކަސްޓަމުގެ އޮފިޝަލުން އިތުރަށް ބުނީ އެ ރަން އޭނާ އެތެރެކުރީ މީހަކު ބުނެގެން ފައިސާގެ ބޭނުމަށް ކަމަށެވެ. މިގޮތުން އެކަމުގައި ޝާމިލުވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އިންޑިއާގެ ރެވެނިއު އިންޓެލިޖެންސްއިން ދާދި ފަހުން ފަސިންޖަރުންތަކެއް މަތިންދާ ބޯޓުގެ ޑަސްބިނުގައި ރަން ފޮރުވައިގެން އެތެރެކުރަން އުޅެގެން އަތުލައިގަނެފަ އެވެ.
މީގެކުރިން އިންޑިއާއިން ރާއްޖެއަށް ރަން އެތެރެކުރަން އުޅުނު މީހުން އަތުލައިގަނެ، މައްސަލަ ތަހުގީގުކޮށް ދައުވާ ވެސް އުފުލާފައިވެ އެވެ.
Comment