23 ޖަނަވަރީ 2025 - 19:11 0
އަހުމަދު އާއިދު
ރޭ ފަތިހު ރޯވި އިމާރާތުން އަނެއްކާވެސް ދުން އަރަނީ --- ފޮޓޯ: މާލެ ސިޓީ ކައުންސިލް
23 ޖަނަވަރީ 2025 - 19:11 0
ރޭ ފަތިހު ރޯވި މާލޭގެ އިމާރާތުން އަނެއްކާ ވެސް ދުން އަރަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ރޭ އަލިފާން ރޯވީ މއ. ސްޕްރިން ރިވާ ނަމަކަށް ކިޔާ ގެ އެއްގަ އެވެ. އެއީ މަޖީދީ މަގުގައި 10 ބުރިއަށް ހަދާފައި ހުންނަ މއ. ކެލާގެއާ ޖެހިގެން އިރަށް ހުރި ގެއެވެ.
ސިޓީ ކައުންސިލުން ބުނީ، އެ އިމާރާތުން އަނެއްކާވެސް ދުން އަރަމުންދާތީ އެ ސަރަހައްދުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި އެހެން ކައުންސިލަރުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. މޭޔަރާއި ސިޓީ ކައުންސިލްގެ ޓީމުން އެ ސަރަހައްދުގެ ހަރަކާތްތެރިވާ ފޮޓޯތަކެއް ވެސް އެ އިދާރާއިން ހިއްސާކޮށްފައިވެ އެވެ.
އެ އިމާރާތުން ދުން އަރަން ފެށީ އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. "އަދަދު" އާ ވާހަކަދައްކަމުން ސިފައިން ބުނީ އަލިފާން ނިއްވުމަށްފަހު އިމާރާތް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި، މިހާތަނަށް އަލުން އަލިފާން ރޯވި ކަމުގެ ރިޕޯޓެއް ނުލިބޭ ކަމަށް ވެސް ބުންޏެވެ.
އިމާރާތް ތަޅާލުމުގެ މަސައްތަކުގެ ތެރެއިން އެ ތަނުގައި އެކި ފަހަރުމަތިން އަލިފާން ހިފި ކަމަށް މި ނޫހަށް އާންމުން މައުލޫމާތު ދީފައިވެ އެވެ. އަދި ތަޅާލުމުގެ މަސައްކަތުގައި އުޅޭ ބިދޭސީން ފެން ފުޅިތަކެއް އަރުވައިގެން އަލިފާން ނިއްވަން އުޅޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ލިބިފައިވެ އެވެ.
ރޭގެ ހާދިސާއާ ގުޅިގެން 22 މީހަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވެ އެވެ.
އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ.
Comment