މއ. ސްޕްރިންގ ރިވާ ގޭގައި އަލިފާން ރޯވެފައި. -- ފޮޓޯ: އެމްއެންޑީއެފް
މާލޭގެ ގެއެއްގައި އަލިފާން ރޯވެ، ވަރަށް ބޮޑަށް އަނދައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ މއ. ސްޕްރިން ރިވާ ނަމަކަށް ކިޔާ ގޭގައި ކަމަށެވެެ. އެއީ މަޖީދީ މަގުގައި 10 ބުރިއަށް ހަދާފައި ހުންނަ މއ. ކެލާގެއާ ޖެހިގެން އިރަށް ހުރި ގެއެވެ.
މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައިވާކަން އެނގިފައެއް ނެތެވެ.
އަލިފާން ރޯވި މަންޒަރު ފެނުނު ބައެއް މީހުން އަދަދު ނޫހަށް ކިޔައި ދިން ގޮތުގައި ހާދިސާ ހިނގީ ފަތިހު 4:30 ވާން ކައިރިވެފައި ވަނިކޮށެވެ.
މއ. ސްޕްރިން ރިވާ ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ސިފައިން މަސައްކަތް ކުރަނީ. -- ފޮޓޯ: އަދަދު
"ސިފައިން އައިސް އަހަރެމެންގެ ގެ ހުސްކުރަން ގޮވީމަ ހޭލެވުނީ. އެއީ ގާތްގަނޑަކަށް 4:30 ހާއިރު. އޭރު ހުރީ އަލިފާން ރޯވެފައި. އަލިފާންގަނޑު ވަރަށް މައްޗަށް އެރި،" ކެލާގޭގެ އެޕާޓްމެންޓެއްގައި ދިރިއުޅޭ ޒުވާނަކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އަލިފާން ރޯވި ތަނަކީ، ދަގަނޑާއި ޓިނުން ދެ ބުރިއަށް ހަދާފައި ހުރި ތަނެކެވެ.
"އެއީ ބިދޭސީން އުޅޭ ތަނެއް. އެތަނަށް މަސްތުވާތަކެތި ބޭނުން ކުރަން ވެސް ކުދިން ވަދެ އުޅޭތަން ފެނޭ،" އަދަދު ނޫހަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.
ކެލާގޭގެ ކުޑަ ދޮރުތައް ހަލާކުވެފައި. -- ފޮޓޯ: މޫސާ އަސްއަދު އަންވަރު
މި ހާދިސާގައި ކެލާގޭގެ ބައެއް ބިއްލޫރި ކުޑަދޮރުތައް ހަލާކުވެފައިވެ އެވެ.
ރޯވި އަލިފާންގަނޑު ފަތިހު 5:30 ގައި ސިފައިން ވަނީ ނިއްވާލައިފަ އެވެ.
Comment