21 ޖަނަވަރީ 2025 - 14:23 1
ހަސަން މުހައްމަދު
ވަގު ފޯމު ކަމަށް ބެލެވޭ ފޯމުތައް ފުރިއިރު އެ ތަނުގައި ނުހުންނާނެ ކަމަށް ވިދާޅުވެ ދޮގު ހެދުމަށްފަހު ޑީއެންއާރުގެ އާލީ ނޫސްވެރިންނަށް ފިލަނީ: އޭނާ ބުނީ އެތަނަށް ދިޔައީ ހަމައެކަނި ޕިއްޒާ ކާން ކަމަށް -- ފޮޓޯ: ސްކްރީންޝޮޓް
21 ޖަނަވަރީ 2025 - 14:23 1
އާންމުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ވެރިކަން ހިންގާ ޕީއެންސީއަށް ވަގަށް މީހުން ވެއްދި މައްސަލައިގައި ޑިޕާޓްމަންޓް އޮފް ނެޝިނަލް ރަޖިސްޓްރޭޝަނަށް އައުމަށް މީޑިއާއަށް ދައުވަތު ދިނުމަށްފަހު، ނޫސްވެރިންނަށް ދޮގު ހެދުމަށްފަހު ޑިޕާޓްމަންޓުގެ ވެރިން ފިލައިފި އެވެ.
ވަގު ފޯމު ކަމަށް ބެލެވޭ ފޯމުތައް ފުރީ ޑީއެންއާރު ހިންގާ އޮފީހުގެ ތެރޭގައި ކަމަށް މިއަދު އެތަނުގެ ވެރިން އެއްބަސްވި އެވެ. ޑީއެންއާރްއިން ބުނީ ވަގު ފޯމު ކަމަށް ބެލެވޭ ފޯމުތައް ފުރުމުގެ މަސައްކަތް ކުރި މަންޒަރުގެ ފޮޓޯތައް ނަގާފައި ވަނީ އެތަނުގެ މީޓިން ރޫމުގައި ކަމަށެވެ.
ވަގު ފޯމު ކަމަށް ބެލެވޭ ފޯމުތައް ފުރުމުގެ މަސައްކަތް ކުރި ތަނުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޑީއެންއާރުގެ ވެރިޔާ އަހުމަދު އާލީ ވެސް ހުންނެވި އެވެ. އެކަމަކު، އާލީ މިއަދު ވިދާޅުވީ އޭނާ އެތަނަށް ދިޔައީ ހަމައެކަނި ޕިއްޒާ ކާން ކަމަށެވެ. ނަމަވެސް، ވަގު ފޯމު ކަމަށް ބެލެވޭ ފޯމު ފުރި މަންޒަރުގެ ފޮޓޯތައް ލީކުވިއިރު، ބައެއް ފޯމުތަކާއެކު އާލީ ވެސް ހުންނެވި އެވެ.
"އަޅުގަނޑު ފެންނަ ފޮޓޯގައި އިންނާނީ ޕިއްޒާއާ އެކު. އިތުރު ފޮޓޯއެއް ނުފެންނާނެ،" އާލީ ވިދާޅުވި އެވެ.
ވަގު ފޯމު ކަމަށް ބެލެވޭ ފޯމުތައް ފުރާއިރު ޑީއެންއާރުގެ ވެރިޔާ އާލީ (ކަޅު ޓައިއެއް އަޅައިގެން) އެތަނުގައި ހަރަކާތްތެރިވަނީ: އޭނާ ބުނީ އެތަނަށް ދިޔައީ ޕިއްޒާ ކާން ކަމަށް -- ފޮޓޯ: ސޯޝަލް މީޑިއާ ލީކް
ނޫސްވެރިންގެ ސުވާލުތައް ވަކި ހިސާބަކުން ހޫނުވުމުން އާލީ އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް އޮފީސްތެރެއަށް ވަނުމަށްފަހު ވަލު ދޮރާށިން ނުކުމެގެން ގޮސް ނޫސްވެރިންނަށް ފިލީ އެވެ. އެ ދެ ބޭފުޅުން ފިލީ އެ ބޭފުޅުންގެ ގަމީހުގައި ނޫސްވެރިން ހަރު ކުރި ވަޔާލެސް މައިކުތަކާ ވެސް އެކު އެވެ.
ފަހުން އެ ދެ ބޭފުޅުން އެ ކޮޓަރިއަކުން ނުނިކުތެވެ. ޑީއެންއާރުގެ އެހެން މުވައްޒަފަކު އެހާ ހިސާބުން ބުނީ، މަޖީދު އާއި އާލީ ނޫސްވެރިންނާ ވާހަކަ ދެއްކުން ނިމުނީ ކަމަށެވެ.
ވަގު ފޯމުތައް ފުރައިގެން އާންމުން ޕީއެންސީއަށް ވެއްދި މައްސަލައިގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އޭގެ އެތައް މައްސަލައެއް މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލަތައް ތަހުގީގު ކުރަމުންދާކަމެއް ފުލުހުން ނުބުނެ އެވެ.
ވަގު ފޯމުތަކުގެ މައްސަލައިގައި މި ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ ބައެއް އިސް އޮފިޝަލުން ބުނީ ވަގަށް ފުރި ފޯމުތަކުގެ އަދަދު އެތައް ހާހަކަށް އަރާނެ ކަމަށެވެ. އަދި އެއީ އިންތިހާއަށް ލަދުވެތިވާ ކަމެއް ކަމަށް ވެސް މި ނޫހާ ވާހަކަ ދެއްކި ބޭފުޅުން ވިދާޅުވި އެވެ.
ވަގު ފޯމުތަކުގެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކި ކުރުމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އިހުސާނުގެ މައްސަލަ ހުށަހެޅީ، ފޮޓޯތައް ލީކުވިއިރު، ވަގު ފޯމުގެ މަސައްކަތް ކުރި ތަނުގައި އިހުސާނު ވެސް ހުންނެވުމުންނެވެ.
Comment