21 ޖަނަވަރީ 2025 - 13:50 0
އަހުމަދު އާއިދު
2023 ގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން އެމްޑީޕީން ބޭއްވި އެއްވުމެއް : އެ ޕާޓީން ހުޅުމާލޭގައި ބާއްވަން އުޅުނު ޖަލްސާއަށް އެޗްޑީސީއިން ވަނީ ހުރަސްއަޅާފަ --- ފޮޓޯ: އަދަދު
21 ޖަނަވަރީ 2025 - 13:50 0
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ ހުޅުމާލޭގައި ބާއްވަން އުޅުނު ޖަލްސާއަށް، ހުޅުމާލެ ބިންތަކުގެ މިލްކުވެރިކަން އޮންނަ ސަރުކާރުގެ ކުންފުނި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހުރަސް އަޅައިފި އެވެ.
އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓުގައި ބުނީ ޖަލްސާ ބޭއްވުމަށް އެޗްޑީސީ ހުއްދަ ނުދޭން ނިންމާ އެ ޕާޓީއަށް ހުޅުމާލޭގައި މިރޭ ކަންމަތީ ޖަލްސާ ނުބޭއްވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.
"މިއީ ސަރުކާރުން ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ސީދާ ހުރަސްއެޅުމުގެ ނިޔަތުގައި ކުރާ ކަމެއްކަން ސާފުކޮށް އެނގޭ،" އެމްޑީޕީން ބުނެފައިވެ އެވެ.
މިރޭގެ ޖަލްސާ ބާއްވަން ހަމަޖެހިފައި އޮތީ ހުޅުމާލެ އެއް ނަމްބަރު ރުއްގަނޑު ސަރަހައްދުގަ އެވެ. މި ޖަލްސާ ބާއްވަން ނިންމާފައި އޮތީ 20:30 އިން ފެށިގެންނެވެ.
އެ ސަރަހައްދަކީ އާންމުކޮށް ސިޔާސީ ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ އަދި ވިޔަފާރިތަކުގެ ހަރަކާތްތައްވެސް ބާއްވާ ތަނެކެވެ.
މިކަމާ ގުޅިގެން އެޗްޑީސީގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
އެމްޑީޕީން މާލެ ސަރަހައްދުގައި ކަންމަތީ ޖަލްސާތަކެއް ބާއްވަމުން ދަނީ މި މަހު 31 ގައި ސަރުކާރުގެ ނިންމުންތަކާ ދެކޮޅަށް އަޑުއުފުލާ، އެ ޕާޓީން ބާއްވާ ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެގޮތުން މިދިޔަ ހަފުތާވެސް މާލޭގައި ޖަލްސާތަކެއް ބޭއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment