21 ޖަނަވަރީ 2025 - 09:49 0
އަހުމަދު އާއިދު
ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން : އެ ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ ---- ފޮޓޯ: އަދަދު
21 ޖަނަވަރީ 2025 - 09:49 0
ދަ ޑިމޮކްރެޓްސްގެ ރައީސް އާއި ފިރިހެނުންގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.
ޑިމޮކްރެޓްސް އިން މިރޭ ކުރި އިއުލާނެއްގައި ބުނީ ޕާޓީގެ މަގާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބު އޮންނާނީ ފެބްރުއަރީ 15، ގަ އެވެ. ޕާޓީގެ މެންބަރުން، މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖެނުއަރީ 23، ގެ މެންދުރު 12:00 އާ ހަމައަށެވެ.
ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ހަސަން ލަތީފް އިސްތިއުފާ ދެއްވުމަށް ފަހު، އެމްޑީޕީއަށް ސޮއިކުރުމާ ގުޅިގެންނެވެ. އަދި ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި މުހައްމަދު ޝިފާޒު އެމްޑީޕީއަށް ސޮއިކުރުމުންނެވެ.
މި މަގާމުތައް ހުސްވުމާއެކު އެ ޕާޓީގެ ނެޝަނަލް އެސެމްބްލީން ވަނީ ވަގުތީ ރައީސް އަކަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން އިންތިހާބުކޮށްފަ އެވެ.
ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލެވޭ މެންބަރުންގެ ލިސްޓު މި މަހު 25، ގައި އިއުލާނުކުރާނެ ކަމަށްވެސް އެ ޕާޓީން ބުނެފައިވެ އެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމަށްފަހު ދާއިމީ ލިސްޓު އިއުލާނުކުރާނީ ޖެނުއަރީ 27، ގަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދި ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި 2024 ގެ ނިޔަލަށް ތިބީ 3،667 މެންބަރުންނެވެ. އެމަނިކުފާނުވެސް މިހާރު ވަނީ ޕާޓީގެ މަސައްކަތްތަކުގައި މިވަގުތަށް އަމަލީގޮތުން އުޅުއްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފަ އެވެ.
Comment