Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: އުތީމާއި ދިއްދޫން އަތޮޅު ސެމީގެ އުންމީދުގައި

18 ޖަނަވަރީ 2025 - 11:22 0

ދިއްދޫ ޓީމުގެ ޝިފާހު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖް: އުތީމާއި ދިއްދޫން އަތޮޅު ސެމީގެ އުންމީދުގައި

18 ޖަނަވަރީ 2025 - 11:22 0

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ ހއ. އަތޮޅުގެ ގްރޫޕް ބީގައި ކުޅުނު މެޗުތަކުން މޮޅުވެ، އުތީމާއި ދިއްދޫން ސެމީ ފައިނަލުގެ އުންމީދު ދަމަހައްޓައިފި އެވެ.

ރޭ އުތީމުން ވަނީ 5-0 އިން މުރައިދޫ ބަލިކޮށްފަ އެވެ. އަދި ދިއްދޫން ވަނީ 6-1 އިން އިހަވަންދޫގެ މައްޗަށް ކުރިހޯދައިފަ އެވެ. މި ގްރޫޕުން ސެމީގެ ޖާގަ ހޯދައިފައިވަނީ، ވަށަފަރެވެ. އެއީ، ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދި ދިއްދޫ އެވެ. ތިން ވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓް ހޯދި އުތީމެވެ. ސެމީގެ އަނެއް ޖާގަ ލިބޭނީ، އުތީމާއި ދިއްދޫ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.

ހަތަރު ވަނައިގައި އޮތް މުރައިދޫ އަށް ހަތަރު މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އަދި ފުލުގައި އޮތް އިހަވަންދޫ އަށް ތިން މެޗުން ލިބުނީ ޕޮއިންޓެކެވެ.

ދިއްދޫ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، ހުސެއިން ޝިފާހު އާއި މުހައްމަދު ޝަނާއު ނަސީރު، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި ހައިޝަމް ރަޝީދު އާއި ފާއިގު އަހުމަދު ކޮންމެ ކުުޅުންތެރިއަކު ގޯލެކެވެ. އިހަވަންދޫގެ ގޯލު ޖެހީ، އިބްރާހިމް ހޫދު އައްބާސް އެވެ. އުތީމުން މުރައިދޫ ބަލިކުރި މެޗުގައި ލަނޑުތައް ޖެހީ، މުހައްމަދު އައިލަމް އަބްދުﷲ ހެޓްރިކެއްގެ އިތުރުން މުހައްމަދު ސާމިލް ދެ ގޯލެވެ.

ހއ. އަތޮޅުގެ ގްރޫޕް އޭ އިން ތިން މެޗުން ހަތް ޕޮއިންޓް ހޯދި ކެލާ އަށް ވަނީ އަތޮޅު ސެމީގެ ޖާގައެއް ޔަގީންވެފަ އެވެ. ކެލާ އިން ރޭ ވަނީ ހޯރަފުށްޓާ 2-2 އިން އެއްވަރުކޮށްފަ އެެވެ. ކެލާގެ ދެ ގޯލު ވެސް މަމްދޫހު އަބްދުލް ގާދިރު ޖެހިއިރު، ހޯރަފުށީގެ ލަނޑުތައް ޖެހީ، އަބްދުﷲ ޔާމީން (ޔާނު) އާއި އަލީ އިމްރާން މުހައްމަދު އެވެ. މި މެޗުން ލިބުުނު ޕޮއިންޓާ އެކު، ހޯރަފުށީގެ ހަތަރު މެޗު ހަމަވެ، ދެ ޕޮއިންޓާ އެކު އެ ޓީމު ވަނީ ކަޓައިފަ އެެވެ.

މި ގްރޫޕްގެ އަނެއް މެޗުން ފިއްލަދޫން ވަނީ 4-2 އިން ބާރަށް ބަލިކޮށްފަ އެވެ. ފިއްލަދޫގެ ލަނޑުތައް ޖެހީ، މުހައްމަދު ހުސާމް، އާދަމް ރިލްވާން، އިބްރާހިމް ފަޒީލް އަދި އާދަމް އިހުވާން އެވެ. ބާރަށުގެ ލަނޑުތައް ޖެހީ، އަބްދުﷲ މިސްބާހު އާއި އަހުމަދު ޝަޒީމް އެވެ.

މި ގްރޫޕްގެ ދެ ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދި މާރަންދޫ އެވެ. ތިން ވަނައިގައި އޮތް ފިއްލަދޫ އަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތީ ތިން މެޗުން ތިން ޕޮއިންޓް ލިބުނު ބާރަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރާއި މިރޭ ކުޅޭ މެޗުތައް:

16:00: ތ. ތިމަރަފުށި - ތ. ވިލުފުށި

16:00: ތ. ދިޔަމިގިލި - ތ. އޮމަދޫ

17:00: ތ. ހިރިލަންދޫ - ތ. ކަނޑޫދޫ

17:00: ތ. ގާދިއްފުށި - ތ. ވޭމަންޑޫ

----------------------------------------

20:00: ގއ. ދާންދޫ - ގއ. ގެމަނަފުށި

20:00: ގއ. ނިލަންދޫ - ގއ. ކަނޑުހުޅުދޫ

21:00: ގއ. ކޮލަމާފުށި - ގއ. ވިލިނގިލި

21:00: ގއ. ދެއްވަދޫ - ގއ. މާމެންދޫ

22:00: ރ. މަޑުއްވަރީ - ރ. ރަސްގެތީމު

22:00: ރ. ދުވާފަރު - ރ. މީދޫ

23:00: ލ. ގަން - ލ. މާބައިދޫ

23:00: ލ. ކަލައިދޫ - ލ. އިސްދޫ