Advertisement

މިދިޔަ އޮކްޓޯބަރު މަހު ދޫކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި ހައުސިން ލޯނުތައް ދޫކުރަން އަދިވެސް ނުފަށާ

18 ޖަނަވަރީ 2025 - 13:12 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޑރ. މުހައްމަދު މުއިއްޒު: މިދިޔަ އޮކްޓޯބަރުގައި ދޫކުރަން ރައީސް ވިދާޅުވި ހައުސިން ލޯނު އަދިވެސް ދޫކުރަން ނުފަށާކަން ވަނީ ހާމަވެފައި -- ފޮޓޯ: އަދަދު ފައިލް


މިދިޔަ އޮކްޓޯބަރު މަހު ދޫކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި ހައުސިން ލޯނުތައް ދޫކުރަން އަދިވެސް ނުފަށާ

18 ޖަނަވަރީ 2025 - 13:12 3

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލުއި ލޯނުތަކެއް ތައާރަފުކުރަން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ފަސް ޕަސަންޓުގެ އިންޓްރެސްޓެއްގައި އޮކްޓޯބަރު، 2024، ގައި ދޫކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ހައުސިން ލޯނު މިހާތަނަށް ވެސް ދޫނުކުރާކަން އެނގިއްޖެ އެވެ.

ޖުލައި 26، 2024، ގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ފަސް ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައި ގެދޮރުވެރިކަމުގެ ލޯނު އޮކްޓޯބަރުގައި، 2024، ގައި ދޫކުރަން ފަށާނެ ކަމުގެ ޔަގީންކަން ހުރިހާ ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

"އަޅުގަނޑު ފުރިހަމަ ޔަގީންކަމާއެކީ މިތާ މި އިއުލާނު ކުރަނީ، އެންމެ މުހިންމު މައްސަލަ ގެދޮރުގެ މައްސަލައަށް، ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ކޮންމެ ރައްޔިތަކަށް ވެސް ނެގޭނެ ލުއި ފަސް ޕަސެންޓުގެ އިންޓްރެސްޓްގެ ލޯނު ދޫކުރުން މި އޮކްޓޯބަރު މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށޭނެ ވާހަކަ،" މިދިޔަ އޮކްޓޯބަރުގައި ރައީސް ވިދާޅުވި އެވެ.

ނަމަވެސް ފަސް ޕަސަންޓުގައި ހައުސިން ލޯނު ދޫކުރުމަށް "ހިޔާވެހި ފައިނޭންސް ސްކީމް" ސަރުކާރުން އިއުލާން ކުރީ ވެސް ނޮވެމްބަރު 5، ގަ އެވެ.

އެ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ހައުސިން ލޯނު ސްކީމުގެ ގޮތުގައި ދެވިގެންދާނެ އެވެ. ނަމަވެސް ދޫކުރަން ފަށާނެ ސީދާ ތާރީހެއް ފަހުން ރައީސް ވިދާޅުވެފައެއް ނުވެ އެވެ.

"މި ހުރިހާ ލޯނެއް މި އަންނަ އަހަރުގެ ތެރޭގައި، ނަގަން ފުރުސަތު ދެވިގެންދާއިރުގައި، އެއީ ޖުމްލަކޮށް ބަލާއިރުގައި، ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު އެ ނެގެނީ. އެއީ، ކޮންމެ އަހަރަކު އިރާދަކުރެއްވިއްޔާ ކޮންޓިނިއު ވާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ހުވަދުއަތޮޅަށް ރައީސް މުއިއްޒު މި ހިނގާ ޖެނުއަރީ މަހު ކުރެއްވި ދަތުރުފުޅުގައި ޖެނުއަރީ 8، ގައި ގއ. މާމެންދޫގައި ރައީސް މުއިއްޒު ވަނީ ހައުސިން ލޯނު ސްކީމުގެ ބޭނުން ހިފަން ހުރިހާ ރައްޔިތުންނަށް ގޮވާލައި، އެއީ ގެދޮރު ބިނާ ކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވެފަ އެވެ.

"އަތްފޯރާފަށުގެ ލޯނު ސްކީމެއް މިއީ. އަނެއްކާ އިސްލާމިކް ފައިނޭންސް މޮޑެލްގެ ލޯނު ސްކީމެއް. ދީނުގައި ހުއްދަ ނޫން އެއްވެސް ކަމެއް އެއްވެސްވަރަކަށް ނުހިމެނޭނެ. އެހެންވީމާ، މި ލޯނު ސްކީމުގެ ބޭނުން ހިއްޕަވާ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އަޅުގަނޑު މި ދަންނަވާލަނީ، މިއީ، ރަނުގެ ފުރުސަތެކޭ ތިޔަބޭފުޅުންގެ ގޯތީގައި ގެދޮރު ބިނާކުރެއްވުމަށް،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވަނީ އެ ލޯނު ސްކީމުގެ ބޭނުން ވީހާވެސް ގިނަ ރައްޔިތުން ކުރިއަށް އޮތްނުގައި ހިފާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"އެހެންވީމާ، މިއީ ފަށާފައި އޮތް ސްކީމެއް. އަޅުގަނޑުމެންނަށް އެހާބޮޑަށް މާކެޓް ނުކުރެވޭތީ ކަންނޭނގެ، ރައްޔިތުންނަށް އެހާބޮޑަށް ސާފުނުވަނީ. އެހެންނަމަވެސް، އަޅުގަނޑު އުންމީދުކުރަން، މިރެއަށްފަހު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަރަށް ސާފުވެވަޑައިގަންނަވާނެ ކަމަށް،" މާމެންދޫގައި ރައީސް ވިދާޅުވި އެވެ.

ހިޔާވެހި ލޯނު ސްކީމަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް މިދިޔަ ނޮވެމްބަރު 5، އިން ފެށިގެން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮތީ އަދިވެސް ހުޅުވާލައިފަ އެވެ.

ނަމަވެސް "އަދަދު" އަށް އެކި މަސްދަރުތަކުން ޔަގީން ކުރެވިފައިވާ ގޮތުގައި އެ ސްކީމުގެ ދަށުން މިހާތަނަށް އެއްވެސް ލޯނެއް ދޫކޮށްފައެއް ނުވެ އެވެ.

މިގޮތުން ހައުސިން މިނިސްޓްރީއަށް މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އެޕްލިކޭޝަނެއް އިވެލުއޭޓް ކުރަން ލޯނު ދޫކުރަން ސޮއިކުރި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ހުށަހަޅާފައެއް ވެސް ނުވާކަން މި ނޫހަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.

ހައުސިން ލޯނު ސްކީމުގެ ދަށުން ލޯނު ދޫކުރާނީ އަލަށް ކުރެވޭ އިމާރާތްތަކުގެ އިތުރުން ނުނިމި ހުރި އިމާރާތްތައް ނިންމުމަށެވެ. އެގޮތުން ފަސް ޕަސަންޓު އިންޓްރެސްޓް ރޭޓެއް ހިމެނޭ އެ ލޯނު ދޫކުރާނީ އެއްވެސް އިކިއުޓީއެއް ވެސް ދައްކަން ނުޖެހޭ ގޮތަށެވެ.

ލޯނު ދޫކުރަން ހަމަޖެހިފައި ވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާލެ ސަރަހައްދަށް ދޫކުރާ ހަ މިލިއަން ރުފިޔާގެ ލޯނާއި ސިޓީތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ ލޯނާއި އެހެނިގެން ރަށްރަށަށް ދޫކުރާ އެއް މިލިއަން ރުފިޔާގެ ލޯނެވެ. ހުރިހާ ލޯނެއް ވެސް ދޫކުރަން ހަމަޖެހިފައި ވަނީ އިސްލާމިކް ފައިނޭންސިންގެ އުސޫލުން ފަސް ޕަސެންޓުގެ ޕްރޮފިޓުގައި 25 އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށެވެ.