ޗައިނާގެ ވެރިރަށް ބެއިޖިންގައި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަކުން ބަޔަކު ހިނގާފައި ދަނީ. ފޮޓޯ:ރޮއިޓާސް
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޗައިނާގެ އިގުތިސާދަށް، ލަދާކުރި ވަރަށް ވުރެ ބޮޑު ކުރިއެރުމެއް އައި ކަމަށް އެ ގައުމުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ޗައިނާގެ އިގުތިސާދީ ކުރިއެރުން 4.6 ޕަސެންޓްގައި ހުރެފައި ފަހު ކުއާޓަރުގައި އެ ނިސްބަތް ވަނީ 5.4 ޕަސެންޓަށް އަރައިފަ އެވެ. އިގުތިސާދީ މާހިރުންނާ ހަވާލާދީ ރޮއިޓާސް ބުނި ގޮތުގައި ކުރިން ލަފާކޮށްފައި އޮތީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ގައުމުގެ އިގުތިސާދު ކުރިއަރާނީ ފަސް ޕަސެންޓު ކަމަށެވެ.
ޗައިނާގެ ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމުކުރި ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި އެ ގައުމުގެ އިގުތިސާދު މިދިޔަ އަހަރު ޖުމްލަކޮށް ފަސް ޕަސެންޓު ކުރިއެރި އެވެ. އެހެން ނަަމަވެސް އެނަލިސްޓުން ލަފާކޮށްފައި އޮތީ ޗައިނާގެ އިގުތިސާދުގެ ކުރިއެރުން މިދިޔަ އަހަރު 4.9 ގައި ހުންނާނެ ކަމަށެވެ.
ހިސާބުތަކުން ދެއްކި ގޮތުގައި ޗައިނާގެ ޖީޑީޕީ ވެސް މިދިޔަ އަހަރުގެ ކޮންމެ ކުއާޓަރެއްގައި 1.6 ޕަސެންޓު ކުރިއެރި އެވެ.
ޗައިނާގެ އިގުތިސާދަށް ކުރިއެރުން އައިސްފައި މިވަނީ އެ ގައުމުގެ އިގުތިސާދު މަޑުޖެހުމުގެ ކަންބޮޑުވުންތަކާ އެކު، އެކުލަވައިލި އިގުތިސާދީ އިސްލާހީ ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައި ވަނިކޮށެވެ.
އެ ގައުމުގެ އިގުތިސާދަށް މިއަހަރު ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެފައިވާ ޑޮނަލްޑް ޓްރަމްޕް އަޅުއްވާނެ ކަމަށް ވިދާޅުވާ ފިޔަވަޅުތަކެވެ. ޗައިނާއިން އެމެރިކާއަށް އެތެރެކުރާ ތަކެތީގެ ޓެރިފް ބޮޑުކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ޓްރަމްޕް މަގާމުގެ ހުވާކުރައްވާނީ އަންނަ އާދީއްތައިގަ އެވެ.
Comment