Advertisement

އޭޓީއެފް މޯލްޑިވްސް އޯޕަން ފައިނަލުގައި ރާއްޖޭގެ އާރާ އާއި ނަޔާރާ

11 ޑިސެންބަރު 2024 - 13:49 0

އަތޫފް އާތިފް

އަތޫފް އާތިފް

މިއަދު ކުޅުނު ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


އޭޓީއެފް މޯލްޑިވްސް އޯޕަން ފައިނަލުގައި ރާއްޖޭގެ އާރާ އާއި ނަޔާރާ

11 ޑިސެންބަރު 2024 - 13:49 0

ރާއްޖޭގައި މިހާރު ކުރިއަށްދާ "ދިރާގު އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން" ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުން ރާއްޖޭގެ އާރާ އާސަލް އާޒިމް އާއި ނަޔާރާ އުސާމާ އަލީ ޖާގަ ހޯދައިފި އެވެ.

މިއަދު ކުޅުނު ސެމީ ފައިނަލް މެޗުތަކުގައި ރާއްޖޭގެ ތިން ކުޅުންތެރިން ވާދަކުރި އެވެ. އެއީ އާރާ އާއި ނަޔާރާގެ އިތުރުން, ލާރާ ޔަޒީލް އެވެ.

ސެމީގައި އާރާ ނުކުތީ, ކަޒަކިސްތާންގެ އަރުޒްހާން ބަޔަލީނާއާ ދެކޮޅަށެވެ. މި މެޗު އާރާ ކާމިޔާބުކުރީ 6-3 އަދި 6-2 އިންނެވެ.

ސެމީގެ ދެ ވަނަ މެޗުގައި ނަޔާރާ ނުކުތީ ލާރާއާ ދެކޮޅަށެވެ. މި މެޗު ނަޔާރާ ކާމިޔާބުކުރީ ފަސޭހަކަމާ އެކު ސީދާ ދެ ސެޓުންނެވެ. އެއީ 6-0 އަދި 6-1 އިންނެވެ.

މީގެ އިތުރުން މިއަދު ވަނީ މި މުބާރާތުގެ ފިރިހެން ސިންގަލްސްގެ ސެމީ ފައިނަލް މެޗުތައް ވެސް ކުޅެފަ އެވެ.

ސެމީގެ ފުރަތަމަ މެޗުގައި އިންޑިއާގެ ހަރޭޝް ޕަޓޭލް ނުކުތީ އިންޑޮނޭޝިއާގެ ރަފާ ޖެކޯނިއާ އާ ދެކޮޅަށެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު, ހަރޭޝް ކާމިޔާބުކުރީ 3-2 އިންނެވެ. މި މެޗުގެ ގޭމުތައް ދިޔައީ 7-5, 6-3 އަދި 6-1 އިންނެވެ.

ދެ ވަނަ ސެމީގައި ރާއްޖޭގެ ދާއޫދް ޝަހީބް ނުކުތީ އިންޑޮނޭޝިއާގެ މިކާ ޑުނަވާންއާ ދެކޮޅަށެވެ. މި މެޗު މިކާ ކާމިޔާބުކުރީ 2-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 6-4, 3-6 އަދި 1-6 އިންނެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މާދަމާ އެވެ. މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ އަންހެން, ފިރިހެން ސިންގަލްސް ފައިނަލްގެ އިތުރުން ޑަބަލްސް ފައިނަލްތަކެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން, ކަޒަކިސްތާން, ޗައިނާ, އިންޑިއާ, އިންގްލެންޑް އަދި ބްރެޒިލްގެ ކުޅުންތެރިން ފެނިގެންދިޔަ އެވެ. ޖުމްލަ އެކު، މި ގައުމުތަކުން 30 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރި އެވެ.