2 އޮކްޓޯބަރު 2024 - 12:33 1
އަމަން ހަލީމް
2 އޮކްޓޯބަރު 2024 - 12:33 1
ޑޮލަރު ތާއްޓޭ ބުނާ ކޮންމެ ފަހަރެއްގައި ދިވެހިން އުފައްދާ ސުވާލުތަކެއް އޮވެ އެވެ. މި ގައުމަށް އަންނަހާ ޓޫރިސްޓުން ވައްދާހާ ޑޮލަރެއް ދަނީ ކޮންތާކަށް ހެއްޔެވެ؟ މުޅި ދުނިޔޭގެ ލަގްޒަރީ ޓޫރިޒަމްގެ އެއް ނަންބަރު މަންޒިލުގައި ޑޮލަރު ތާށިވާންވީ ކީއްވެގެން ހެއްޔެވެ؟ މިކަން މިހެން އޮތުން ގިނަ ދިވެހިންނަށް ވަނީ ބޮޑު އަރަތަކަށެވެ.
ޓޫރިޒަމަކީ ރާއްޖޭގެ އެންމެ ބޮޑު އެކްސްޕޯޓެވެ. ޓޫރިޒަމް ވިޔަފާރިތަކުގެ ޖަމިއްޔާ، މަޓީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވި ފަސް އަހަރުގެ ތެރޭގައި، ކޮވިޑު ބަލިމަޑުކަން ލައިގަތުމާ ގުޅިގެން ބޯޑަރު ބަންދުކުރި އަހަރު ނުލައި، ޓޫރިޒަމުން އަހަރެއްގެ މައްޗަށް އެވަރެޖުކޮށް 4.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ.
ޓޫރިޒަމުން މިވަރުގެ ބޮޑު އާމްދަނީއެއް ލިބުނު ކަމުގައި ވިޔަސް، މި ފައިސާ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަކަށް ނުވަދެ އެވެ. މިއީ މިކަން ހިނގާ ގޮތް ކަމަށް ތުންތުން މަތިން ވާހަކަ ދެކެވެމުން އައި ނަމަވެސް، އެއީ އަސްލަށް ވެސް ކަން ހިނގާ ގޮތް ކަން ކަށަވަރުވީ މި ފަހުން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި މައުލޫމާތުތަކުންނެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި މިދިޔަ އަހަރު ރިސޯޓުތަކަށް 4.5 ބިލިއަން ޑޮލަރު އާމްދަނީއެއް ލިބުނުއިރު ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރީ އޭގެ ތެރެއިން 2.3 ބިލިއަން ޑޮލަރެވެ. އެއީ ރިސޯޓުތަކަށް ލިބުނު އާމްދަނީގެ 52 ޕަސެންޓެވެ. ބޭންކުތަކަށް ޖަމާކުރި ފައިސާގެ ތެރެއިން ވެސް އެ ތަންތަނުން މާރުކުރީ އެންމެ 68 މިލިއަން ޑޮލަރެވެ. އެއީ ޖަމާކުރި އާމްދަނީގެ އެންމެ ތިން ޕަސެންޓެވެ.
އެންމެ ތިލަކޮށް ބުނަނީ ނަމަ ބޭންކުތަކަށް ޖަމާކުރި ކޮންމެ 100 ޑޮލަރަކުން މާރުކުރަން ލިބުނީ ތިން ޑޮލަރެވެ. ބާކީ ހުރިހާ ފައިސާއެއް އެއީ ބޭންކަށް ޖަމާވެފައި އެއަށް ވުރެ ބާރު މިނުގައި ނިކުމެގެންދާ ފައިސާ އެވެ. ޑޮލަރު ތާށިކަމުގެ މައްސަލަ ފެށެނީ މިހާ ހިސާބުންނެވެ.
ޑޮލަރު ތާށިކަމުގެ މައްސަލަ ހައްލުކުރަން ސަރުކާރުތަކުން މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. މިކަން ފާހަގަކުރައްވަމުން ގަވަރުނަރު އަހުމަދު މުނައްވަރު ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވިދާޅުވީ، 37 އަހަރު ވެފައިވާ ބޭރު ފައިސާ ގަވާއިދަށް އިއްޔެ ގެނައި ބޮޑު ބަދަލަކީ 15 އަހަރު ވެފައިވާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"މި މަސައްކަތަކީ، މި ދެންނެވީ އަޅުގަނޑު ހަވާލުވެގެން ދެ މަސް ވީ އިރު މަސައްކަތް ކުރި ކަމުގައި ވިޔަސް، މީގެ 15 އަހަރު ކުރީންސުރެން އެތައް ގަަވަރުނަރުންނެއް މަސައްކަތް ކުރައްވާފައި އެބަ ހުރި. މާނައަކީ މި މަސައްކަތް 2009 ގައި، އަޅުގަނޑާ ޑެޕިއުޓީ ގަވަރުނަރު، ރިސާޗު ޑިވިޝަނުގައި މަސައްކަތް ކުރީންސުރެން، 2009 ގައި ގަވަރުނަރު ފަޒީލު ފެއްޓެވި މަސައްކަތް އެއަށް ފަހު ގަވަރުނަރު އަޒީމާ، އެއަށް ފަހު ގަވަރުނަރު ނަސީރު، އަދި އެންމެ ފަހުން ގަވަރުނަރު އަލީ ހާޝިމްގެ މަސައްކަތް އަޅުގަނޑު ފާހަގަކުރަން،" މުނައްވަރު ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ ބޭރު ފައިސާގެ މައްސަލަ ހައްލުކުރަން މިހާތަނަށް ގެނެވުނު އެންމެ ބޮޑު ބަދަލެވެ. މި ގަވާއިދުން އައި އެންމެ ބޮޑު ބަދަލަކީ ޓޫރިޒަމަށް ލިބޭ ހުރިހާ އާމްދަނީއެއް ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން މަޖުބޫރުކުރުމާއި އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި އަދަދެއް ބޭންކުތަކުން މާރުކުރަން ޓޫރިޒަމް ވިޔަފާރިތަކަށް މަޖުބޫރުކުރުމެވެ.
ޑޮލަރު މާރުކުރަން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ކެޓެގަރީ އޭ ގައި ހިމެނޭ ރިސޯޓުތަކާއި އިންޓެގްރޭޓަޑް ރިސޯޓުތަކާއި ރިސޯޓު ހޮޓާތަކާއި ހޮޓާތަކުގެ އިތުރުން ޓޫރިސްޓު އުޅަނދުތަކާއި އެ ނޫން ވެސް އެ ފަދަ ތަންތަނުން އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު ބޭންކުތަކުން މާރުކުރަން ޖެހެ އެވެ. އަދި ކެޓެގަރީ ބީ ގައި ހިމެނޭ މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓުހައުސްތަކާއި އެ ރަށްރަށުގައި ހުންނަ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ހުންނަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު މާރުކުރަން ޖެހެ އެވެ.
ރާއްޖެއަށް މި އަހަރު ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރާނެ ކަމަށް ބެލެވެ އެވެ. ރަސްމީކޮށް އެއްވެސް އިދާރާއަކުން ސީދާ ރިސޯޓުތަކަށާއި ގެސްޓުހައުސްތަކަށް އަންނަނީ މިވެނި އަދަދެކޭ ނުބުނި ނަމަވެސް، އެމްއެމްއޭއިން އާންމުކޮށްފައިވާ ބެޑްނައިޓްސް ނޫނީ ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ ރޭތަކުގެ އަދަދުން އަންދާޒާކުރާއިރު، ޓޫރިސްޓުންގެ 80 ޕަސެންޓު ދަނީ ކެޓެގަރީ އޭ ގައި ހިމެނޭ ތަންތަނަށެވެ. ބާކީ 20 ޕަސެންޓު ދަނީ ރަށްރަށުގައި ހުންނަ ގެސްޓުހައުސްތަކަށެވެ. މި ނަންބަރުތަކުން އަންދާޒާކުރާ ނަމަ:
ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން މާރުކޮށްފި ނަމަ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ރާއްޖޭގެ ބޭންކުތަކަށް މަދުވެގެން 900 މިލިއަން ޑޮލަރު ވަންނާނެ އެވެ. މި ފައިސާގެ ތެރެއިން 60 ޕަސެންޓު އެމްއެމްއޭއަށް ވިއްކަން ޖެހެ އެވެ. އެހެންކަމުން އެމްއެމްއޭގެ ރިޒާވުގެ ތެެރެއަށް 540 މިލިއަން ޑޮލަރު ވަދެގެން ދާނެ އެވެ. މިއީ އަބަދު ހުސްވުމުގެ ބިިރު ހީވެފައި އޮންނަ ޑޮލަރު ރިޒާވަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމެއްގެ ގޮތުގައި ގަބޫލުކުރެވެ އެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ބޭރު ފައިސާގެ ގަވާއިދަށް ބަދަލު ގެނައީ މިކަމުގައި ޝާމިލުވާ ހުރިހާ މަސްލަހަތުވެރިންނާ މަޝްވަރާކުރުމަށް ފަހުގަ އެވެ. މަޝްވަރާ ކުރި ނަމަވެސް "އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ޓޫރިޒަމް އިންޑަސްޓްރީން އެއްވެސް ގޮތަކަށް ބޭނުންވި ބަދަލެއް ނޫނެވެ. އެ މީހުންގެ ސަބަބުތައް ބައިވަރެވެ.
ޓޫރިޒަމް ވިޔަފާރިތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ އެ ވިޔަފާރިތަކުން ޑޮލަރުން ކުރަން ޖެހޭ ގިނަ މުއާމަލާތްތަކެއް ހުއްޓައި ވަކި އަދަދެއް މާރުކުރަން މަޖުބޫރުކުރުމެވެ. މިއީ އެ ވިޔަފާރިތަކުން ތަންތަނަށް ދައްކަން ޖެހޭ، ހާއްސަކޮށް ސަޕްލަޔަރުންނަށާއި ބޭރުގެ ބޭންކުތަކަށް ދައްކަން ޖެހޭ ފައިސާތައް ދެއްކުމުގައި ދަތިތަކެއް ދިމާވެދާނެ ކަމެއްގެ ގޮތުގައި މި ގަވާއިދާ ގުޅޭ ގޮތުން މަޝްވަރާކުރަމުން ދިޔަ ދުވަސްވަރު މި ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނެފައިވެ އެވެ.
މިހެން ނަމަވެސް އެމްއެމްއޭއިން ބުނަނީ ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލުގެ ދަށުން އެއްވެސް ވިޔަފާރިއަކަށް ދައްޗެއް ނުވާނެ ކަމަށެވެ. މިކަން ޔަގީންކުރުމުގެ ގޮތުން ޓޫރިޒަމް ސިނާއަތުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ގަވާއިދުގައި ގިނަ އިސްތިސްނާތަކެއް ދީފައި ވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. ހަމައެހެންމެ ޑޮލަރު މާރުކުރަން ޖެހުމުގެ ސަބަބުން ވިޔަފާރިތަކަށް ދަތިވާ ހާލަތްތަކުގައި އެމްއެމްއޭއަށް ހުށަހަޅައިގެން އެކަމަށް ވެސް ލުއިތައް ލިބޭނެ މަގު، ގަވާއިދުގެ ތެރެއިން، ކޮށައިދީފައިވާ ކަަމަށް އެ އިދާރާއިން ބުންޏެވެ.
"އެ ލުއިތައް ވެސް ދެން ދޭނީ އެ މީހުން ބޭނުންވާ ބަޔަކަށް،" ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔަ ބުންޏެވެ.
މިގޮތުން ޑޮލަރު މާރުކުރަން ނުޖެހޭ ހާލަތްތަކުގެ ތެރޭގައި ބޭރު ފައިސާއިން ޓެކްސް ދެއްކުމަށާއި ލޯނުތައް އަދާކުރަން ޖެހުމުން ނޫނީ ކޯޓަކުން ކަނޑައަޅާފައިވާ ހުކުމެއްގެ ދަށުން ބޭރު ފައިސާ އެ ވިޔަފާރިތަކުން ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެމްއެމްއޭއަށް ހުށަހަޅައިގެން ނޫނީ އިސްތިސްނާ ލިބެ އެވެ. އޭގެ އިތުރުން އެ އޮތޯރިޓީން ކަނޑައަޅާފައިވާ އެހެން އެއްވެސް ބޭރު ފައިސާގެ އިލްތިޒާމެއް އޮތް ހާލަތެއްގައި ކަނޑައެޅިފައިވާ އަދަދަށް ވުރެ މަދުން މާރުކުރުމުގެ ހުއްދަ އެ އޮތޯރިޓީން ލިބޭނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
ޓޫރިޒަމް ވިޔަފާރިތަކުގެ އިތުރުން މި ބަދަލާ ދެކޮޅު ބައެއް އެހެން މީހުން މިކަން ސިފަކުރަނީ ކެޕިޓަލް ކޮންޓްރޯލެއްގެ ގޮތުގަ އެވެ. އަދި މިއީ ރިޒާވަށް އައިސްގެން އުޅޭ ތާށިކަމުން ލުޔެއް ހޯދަން ޓޫރިޒަމް ސިނާއަތަށް މަތިކުރާ ބޮޑު ބުރައެއްގެ ގޮތުގައި ވެސް އެއް ބަޔަކަަށް ސިފަވެ އެވެ. މިއާ ގުޅިގެން އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށް ވެސް ނަން ނުޖަހާ ގޮތަށް "އަދަދު" އާ ވާހަކަ ދެއްކި އިކޮނޮމިސްޓަކު ބުންޏެވެ.
"ކެޕިޓަލް ކޮންޓްރޯލްއެއް ގެނައި ފުރަތަމަ ފަހަރަށް. ލީގަލް ސިސްޓަމްއެއް ނެތަސް. އިންވެސްޓާސް ކޮންފިޑެންސް އޮތް މި ދިޔަ ހުރިހާ މުއްދަތެއްގައި. ނަމަވެސް މި ގެނައި ބަދަލުން އިންވެސްޓާސް ކޮންފިޑެންސް ގެއްލޭނެ. މިހެން ނުހަދައި ޑޮލަރު ރިޒާވް އިތުރު ކުރެވޭނެ،" އޭނާ ބުންޏެވެ.
"ރާއްޖެއަކީ އޯޕަން އިކޮނޮމީއެއް. ސަރުކާރުގެ އިންޓަވެންޝަންއެއް ނެތި 50 އަހަރު ޓޫރިޒަމް އިންޑަސްޓްރީ މިދިޔައީ. އެއީ އިގުތިސޯދުގެ އިންޖީނު. އެ އިންޖީނަށް ލޮޅުމެއް އަރާނެ އެއްވެސް ކަމެއް ނުކުރުން މުހިންމު. މި ބަދަލުން ލޮޅުން އަރާނެ."
އޭނާ މިގޮތަށް ދެކުނު ނަމަވެސް، އެމްއެމްއޭއިން ވަނީ މިއީ ކެޕިޓަލް ކޮންޓްރޯލެއް ނޫނީ އެކްސްޗޭންޖު ކޮންޓްރޯލެއް ނޫން ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އަވައްޓެރި ހުރިހާ ގައުމަކާއި ޓޫރިޒަމް ފުޅާކޮށް ހިންގާ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން މިސާލު ނަގައިގެން، އެ އިދާރާގެ ފަންނީ މީހުން ބުނީ މިއީ އެކްސްޗޭންޖް ކޮންވާޝަންއެއް ކަމަށާއި މިއީ ގައުމުތަކުގައި މިކަން ކުރަމުން އަންނަ ރަނގަޅު އުސޫލުތަކުގެ ތެރެއިން ގެނައި ބަދަލެއް ކަމަށެވެ.
އެމްއެމްއޭގެ ބޯޑުގެ ވެސް ވިސްނުމަކީ އެއީ އެވެ. މިއާ އެކީގައި އަންނާނެ އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި އެ އޮތޯރިޓީން ފާހަގަކުރީ އިންތިހާއަށް "ޑޮލަރައިޒް" ވެފައިވާ ނޫނީ ޑޮލަރުން މުއާމަލާތްކުރަން އާދަވެފައި އޮތް އިގުތިސޯދުގައި ދިވެހި ރުފިޔާއަށް އޮތް ޑިމާންޑު އިތުރުކޮށް "ޑީޑޮލަރަައިޒް" ކުރުމެވެ. ގަވަރުނަރު މުނައްވަރު ވެސް ވިދާޅުވަނީ މި ބަދަލުގެ ބޭނުމަކީ އެމްއެމްއޭއަށް ނޫނީ ރިޒާވަށް ފައިސާ ވެއްދުމެއް ނޫން ކަމަށެވެ. ހުރިހާ ވެސް ބޭނުމަކީ ދިވެހި ރުފިޔާއަށް އޮތް ޑިމާންޑާއި ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރު އިތުރުކުރުން ކަމަށެވެ.
"މިހާރު ބޭންކުތަކުން އެމްއެމްއޭއަށް ނުލިބޭ އެންމެ ޑޮލަރެއް ވެސް. އެއާ ހިލާފަށް ބޭންކުތަކަށް އަޅުގަނޑުމެން މުޅިން ވެސް މި ޑޮލަރު ދެނީ. މި ކަމުގެ ސަބަބުން ބޭންކުތަކަށް ޑޮލަރު އިތުރުވެގެން ދިޔައިމަ، ދިވެހި ރައްޔިތުންނަށް ވެސް ފައިސާ ލިބޭނެ، ވިޔަފާރިތަކަށް ވެސް ލިބޭނެ،" ގަވަރުނަރު ވިދާޅުވި އެވެ.
މި ވަރުގެ ބޮޑު ބަދަލަކާ އެކީގައި ގިނަ ކަންބޮޑުވުންތަކެއް ހުންނާނެ އެވެ. އުފެދޭ ގިނަ ސުވާލުތަކެއް ވެސް ހުންނާނެ އެވެ. އެންމެ ބޮޑު އެއް ސުވާލަކީ މިއާ އެކީގައި ޑޮލަރުގެ ކަޅު ބާޒާރު ނޫނީ ޕެރެލަލް މާކެޓަށް ވާނީ ކިހިނެއްތޯ އެވެ. ބޭންކުތަކަށް ވައްދާ ކޮންމެ ޑޮލަރަކީ ކޮންމެ ގޮތެއް ވިޔަސް ކަޅު ބާޒާރުން ގެއްލިގެންދާ ފައިސާ އެވެ.
ކަޅު ބާޒާރު ހިނގަނީ ގާނޫނާއި ގަވާއިދުތަކުގެ އިމުން ބޭރުން ނަމަވެސް، ހަގީގަތަކީ ޑޮލަރު ލިބެން ހުރި ހަމައެކަނި ތަަނަކީ އެއީ ކަމެކެވެ. މި ރާއްޖޭގައި އެއްވެސް ބޭންކަކުން އާންމު ފަރުދަކަށް ހުޅުވާލެވިގެން ޑޮލަރެއް ނުވިއްކަ އެވެ. އެހެންވެ އެންމެނަށް ވެސް މަޖުބޫރުވެފައި އޮންނަނީ، އެއީ ވިޔަފާރިއަކަސް އަމިއްލަ ފަރުދަކަސް، ކަޅު ބާޒާރަށް ގޮސް ކޮންމެ އަގެއްގައި ވިޔަސް އެ ޑޮލަރު ގަންނާށެވެ.
މި ކަންބޮޑުވުމަށް ތަސައްލީއެއް ލިބޭނީ ކަޅު ބާޒާރުން އުނިވާ ޑޮލަރު ސައްހަ ރޭޓުގައި ބޭންކުތަކުން ލިބޭނެ ކަމުގެ ޔަގީންކަމެއް ލިބިގެންނެވެ. އޭގެ ބަދަލުގައި ބޭންކުތަކުން އަމިއްލަ ވިޔަފާރިއަށް އެ ފައިސާ ބޭނުންކޮށް އަނެއްކާ ވެސް ޓޫރިޒަމަށް އެ ފައިސާތައް އަނބުރާ ވިއްކައި، ޑޮލަރު ލޯނު ދޫކުރަން ފަށައިފި ނަމަ މި ބަދަލުގެ އެއްވެސް ފޮނި މީރުކަމެއް ދިވެހިންނަށް ނެތެވެ.
"މިކަމުން ޑޮލަރުގެ މައްސަލަ ހައްލެއް ނުވާނެ. ހައްލު ވާނީ ހަމައެކަނި ސަރުކާރަށް ޑޮލަރު ނުލިބޭ މައްސަލަ. ސަރުކާރުގެ ރިޒާވް ދަށް ނުވާނެ ދެން،" ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.
ނަމަވެސް، އެމްއެމްއޭއިން ބުނަނީ މި ގަވާއިދުން އެ ފޮނި މީރުކަން ދިވެހިންނަށް ލިބޭނެ ކަމަށެވެ. ދިވެހި ދަރިވަރުން ބޭރުގައި ކިޔަވާ ފައިސާ އާއި ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރާއި ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތައް ކުރުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުކޮށް، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަތުން ނިމުމަކަށް ގެންނަން މަގުފަހި ވެގެން ދާނެ ކަމަށެވެ.
ކަންބޮޑުވުންތަކާއި ނުތަނަވަސްކަން ހުރި ނަމަވެސް މިއީ ގެންނަން ޖެހިފައި އޮތް ބަދަލެކެވެ. ޓޫރިޒަމުން ވަންނަ ޑޮލަރު ދިވެހި އިގުތިސޯދަށާއި ދިވެހި ބޭންކުތަކަށް ވަންނަން އެބަ ޖެހެ އެވެ. ދިވެހިންނަށް އޭގެ މަންފާ ލިބެން އެބަ ޖެހެ އެވެ. މިހެން ނަމަވެސް ސުރުހީގައި އުފައްދާފައިވާ ސުވާލު، މިއީ ހެޔޮ ބަދަލެއްތޯ، އެ ސުވާލުގެ ޖަވާބު ބުނެދޭނީ ވަގުތެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment