Advertisement

ފާއިތުވި އަށް މަސްދުވަހު އަތުލައިގަތީ 158 ކިލޯގެ މަސްތުވާތަކެތި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ ކުރިން ދައްކާލަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


ފާއިތުވި އަށް މަސްދުވަހު އަތުލައިގަތީ 158 ކިލޯގެ މަސްތުވާތަކެތި

ފާއިތުވި އަށް މަސްދުވަހުން 158 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ އިދާރާއިން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރުގެ ޖެނުއަރީ 1 އިން އޯގަސްޓު 31 އަށް ފުލުހުން ވަނީ 8554 މީހުން ބަލައި ފާސްކޮށް، 712 މީހުން ހައްޔަރު ކޮށްފަ އެވެ.

އޭގެތެރެއިން 80 މީހުންނަކީ ބިދޭސީން ކަމަށާއި، އެ މީހުން މިހާރު ވަނީ އިމިގުރޭޝަނާ ހަވާލު ކޮށްފައިކަން ފުލުހުން އާންމުކުރި މައުލޫމާތުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ ފާއިތުވި އަށް މަސްދުވަހުގެ ތެރޭގައި ޑްރަގް އެންފޯސްމެންޓް ޑިޕާޓުމެންޓުން ޖުމުލަ 113 އޮޕަރޭޝަނެއް ހިންގައި 158 ކިލޯގެ މަސްތުވާތަކެއްޗާއި 5252 ފުޅި ބަނގުރާ އަތުލައިގެންފައިވާ ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގު 282 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޔުނިޓަށް ފާއިތުވި އަށް މަސްދުވަހު 475 މައްސަލަ ހުށަހެޅިފައިވާއިރު، އޭގެތެރެއިން 230 މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.