Advertisement

ކުރީގެ ބޯޑު މެންބަރުންނަށް ވިއްކި ފުލެޓުތައް އެޗްޑީސީން އަތުލައިފި

25 ސެޕްޓެންބަރު 2024 - 14:19 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އިމާރާތް: އެ ކުންފުނީގެ ކުރީގެ ބޯޑު މެންބަރުންނަށް ވިއްކި ފުލެޓުތައް އަތުލަން ނިންމީ އެތަންތަނަށް ފައިސާ ވެސް ދައްކާފައި ވަނިކޮށް -- ފޮޓޯ: އަދަދު


ކުރީގެ ބޯޑު މެންބަރުންނަށް ވިއްކި ފުލެޓުތައް އެޗްޑީސީން އަތުލައިފި

25 ސެޕްޓެންބަރު 2024 - 14:19 0

މިދިޔަ ސަރުކާރުގެ ދުވަސްވަރު އެޗްޑީސީގެ ބޯޑުމެންބަރުންނަށް ވިއްކާފައި ހުރި ފުލެޓުތައް އަތުލައިފި އެވެ.

"އަދަދު" އަށް އެނގިފައިވާގޮތުގައި އެޗްޑީސީގެ ކުރީގެ ބޯޑުމެންބަރުންނަށް ދޫކޮށްފައި ހުރި ފުލެޓުތައް އަތުލަން ނިންމިއިރު، އެ ފުލެޓުތަކަށް ހުރީ ފައިސާ ވެސް ދައްކައިފަ އެވެ. ނަމަވެސް އެޗްޑީސީން ވަނީ އެ ފައިސާ އަނބުރާ އެ މީހުންނަށް ދޭނެ ކަމަށް ބުނެފަ އެވެ.

ފުލެޓު ލިބުނު މީހަކު، ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް ބުނީ ފުލެޓު އަތުލިކަން އަންގައި އެޗްޑީސީން މެއިލް ކޮށްފައިވާ ކަމަށެވެ. އެތަނަށް ދެއްކި ފައިސާ ތިން މަހަށް ބަހާލައިގެން އަނބުރާ ދައްކާނެ ކަމަށް އޭގެފަހުން ކުރި އިތުރު މެއިލްއެއް ގައި ބުނި ކަމަށް އޭނާ މައުލޫމާތު ދިނެވެ.

"ފުރަތަމަ ކުރި މެއިލްގައި އޮތީ ފުލެޓު އަތުލަން ނިންމި ވާހަކަ، ދެން ފަހުން ކުރި މެއިލްގައި އޮތީ އެތަނަށް ދެއްކި ފައިސާ ތިން މަހަށް ބަހާލައިގެން ދައްކާނެ ވާހަކަ،" އޭނާ ބުންޏެވެ.

އެޗްޑީސީގެ ކުރީގެ ބޯޑު ޑިރެކްޓަރުންނަށް ވިއްކީ، އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް 2022 ވަނަ އަހަރު "އެންޑް ޔޫސާ ފައިނޭންސް މޮޑެލް" ގެ ދަށުން ވިއްކަން ހުޅުވާލުމުން ނުވިކި ހުރި 34 ފުލެޓުގެ ތެރެއިން ބައެއް ފުލެޓެވެ.

އެ ހައުސިން ޔުނިޓުތަކަކީ ހުޅުމާލޭގައި ފުލެޓުތައް އިމާރާތް ކުރާ އަމިއްލަ ފަރާތްތަކުން ބިމުގެ އަގު ދެއްކުމުގެ ބަދަލުގައި އެޗްޑީސީއަށް ހެޔޮ އަގުގައި ދޭ ފުލެޓުތަކެކެވެ. އެޗްޑީސީއަށް އެ ބިމުން ލިބެންޖެހޭ ފައިސާ ހޯދަނީ އެ ފުލެޓުތައް ވިއްކައިގެންނެވެ.

އެޗްޑީސީގެ އިސްވެރިންނަށް އެ ފުލެޓުތައް އޭރު ވިއްކުމުން، "ވެރިންނަށް ފުލެޓުތައް ބަހާލި" ކަމަށް ބުނެ އާންމުން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔެވެ. ނަމަވެސް އޭރު އާބަންކޯގެ ނަމުގައި ހިންގަމުންދިޔަ އެ ކުންފުނިން އެކަން ދޮގުކޮށް، ފުލެޓުތައް ދޫކުރީ އޮންނަ އުސޫލުން ކަމަށް ބުނެ ބަޔާނެއް ވެސް އޭރު ނެރުނެވެ.