Advertisement

ސްރީލަންކާގެ ރިޔާސީ އިންތިހާބު ޑިސަނަޔަކެ ކާމިޔާބު ކުރައްވައިފި

22 ސެޕްޓެންބަރު 2024 - 19:25 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސްރީލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑިސަނަޔަކެ -- ފޮޓޯ: ޓައިމްސް އޮފް އިންޑިއާ


ސްރީލަންކާގެ ރިޔާސީ އިންތިހާބު ޑިސަނަޔަކެ ކާމިޔާބު ކުރައްވައިފި

22 ސެޕްޓެންބަރު 2024 - 19:25 1

ސްރީލަންކާގެ އާ ރައީސްއަކު ހޮވަން އިއްޔެ ބޭއްވި އެ ގައުމުގެ ރިޔާސީ އިންތިހާބު ސްރީލަންކާގެ ވާތު ފިޔައިގެ ޕާޓީއެއް ކަމަށްވާ ޖަނާތާ ވިމުކްތީ ޕެރަމޫނާ ޕާޓީގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނަޔަކެ 55, ކާމިޔާބު ކުރައްވައިފި އެވެ.

އޭނާ އެ އިންތިހާބު ކާމިޔާބު ކުރެއްވިކަން ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

ރިޔާސީ އިންތިހާބު ޑިސަނަޔަކެ ކާމިޔާބު ކުރެއްވީ ޕްރިފަރެންސް ވޯޓުތަކުން ކުރި ހޯއްދަވައިގެންނެވެ. ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން ހަމަޖެހިފައި އޮންނަނީ ކޮންމެ މީހަކަށް ވެސް ވެރިކަމަށް ގެންނަން އެންމެ ބޭނުންވާ ތަރުރީބަކުން ތިން ކެންޑިޑޭޓަކަށް ވޯޓު ދޭ ގޮތަށެވެ.

ފުރަތަމަ ބުރުގައި ގުނާނީ ކޮންމެ ވޯޓެއްގެ ވެސް އެއްވަނައިގައި އޮންނަ ނަމަށް ބަލައިގެންނެވެ. އެގޮތަށް ގުނާއިރު، އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ކާމިޔާބު ނުކުރެވިއްޖެ ނަމަ އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު ހޮވަން ދެވަނަ އަދި ތިންވަނައަށް ދީފައި ހުރި ވޯޓުތައް ގުނަ އެވެ.

ޕްރިފަރެންސް ވޯތުތައް ގުނާއިރު، ނަތީޖާ ބަލާނީ ފުރަތަމަ ގުނިއިރު، އެންމެ ކުރީގައި އުޅޭ ދެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓުން 50 އިންސައްތަ ލިބޭ ކެންޑިޑޭޓަކަށް ބަލައިގެންނެވެ.

މިއީ ސްރީލަންކާގެ ތާރީހުގައި ރިޔާސީ އިންތިހާބެއްގައި ޕްރިފަރެންސް ވޯޓު ގުނަން ޖެހުނު ފުރަތަމަ ފަހަރެވެ.

ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުގެ ނަތީޖާ މިވަގުތު ދައްކާގޮތުން ޑިސަނަޔަކެއަށް 5.63 މިލިއަން ވޯޓު ލިބިވަޑައިގެންފައިވެ އެވެ. ސަޖިތު ޕްރެމަޑާސާއަށް ލިބިވަޑައިގެންފައި ވަނީ 4.36 މިލިއަން ވޯޓެވެ.