Advertisement

އައްސަދުގެ އަބުރަށް ލިބުނު ގެއްލުމަށް މާފަށް އެދެންޖެހޭ: އެފްއޭއެމް

20 ސެޕްޓެންބަރު 2024 - 16:24 2

17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކިޓް މެނޭޖަރު އައްސަދު.--- ފޮޓޯ: އައްސަދު/ ފޭސްބުކް


އައްސަދުގެ އަބުރަށް ލިބުނު ގެއްލުމަށް މާފަށް އެދެންޖެހޭ: އެފްއޭއެމް

20 ސެޕްޓެންބަރު 2024 - 16:24 2

ސަތާރަ އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކިޓް މެނޭޖަރު، މުހައްމަދު، އައްސަދަކީ ބިދޭސީ އެއް ކަމަށް ބުނެ، ރާއްޖެ،އެމްވީ ގައި ޝާއިއުކުރި ހަބަރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުށްވެރިކޮށްފި އެވެ.

ސަތާރަ އަހަރުން ދަށުގެ ގައުމީ ޓީމުން މި ވަގުތު ބޫޓާނުގައި، ސާފް 17 އަހަރުން ދަށުގެ މުބާރާތަށް ތައްޔާރުވަމުން އަންނައިރު، އެ ޓީމު ބޫޓާނަށް ފުރި ދުވަހުގެ ޓީމު ފޮޓޯ އަކާއި، ޓީމު ލިސްޓު ހިއްސާ ކުރުމަށް ފަހު، ރާއްޖެ.އެމްވީގައި ޝާއިއުކުރި ހަބަރެއްގައި ބުނެފައިވަނީ، އައްސަދު އަކީ "ބަންގްލަދޭޝްގެ މީހެއް" ކަމަށެވެ.

އެކަމަކު، އެއީ ހަގީގަތް ބެލުމެއް ނެތި، ޝާއިއުކޮށްފައިވާ ދޮގު ހަބަރެއް ކަމަށްވުމާ އެކު، ރާއްޖެ އެމްވީން ވަނީ މާ ލަސްތަކެއް ނުވެ، އެ ހަބަރު ނަގައިފަ އެވެ.

އެހެން ނަމަވެސް ގިނަ ފަރާތްތަކަކުން އަންނަނީ މި ކަމާ ގުޅިގެން، ރާއްޖެ.އެމްވީން މާފަށް އެދެން ޖެހޭނެ ކަމަށް ބުނަމުންނެވެ.

އެފްއޭއެމް އިން މިއަދު ނެރުނު ނޫސްބަޔާން.


އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައްސަދަކީ ބިދޭސީއެއް ކަމަށް ބުނެ، ކަނޑައެޅިގެން ދޮގު ހަބަރެއް، ރާއްޖެ،އެމްވީގައި ޝާއިއުކުރުން، އެ އެސޯސިއޭޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ޒިންމާދާރުކަން ކުޑަ މި އަމަލުގެ ސަބަބުން އައްސަދުގެ އަބުރަށް ލިބުނު ގެއްލުމަށް މިހާރުން މިހާރަށް އެ ބޭފުޅާ އާއި އެބޭފުޅާގެ އާއިލާގެ އަރިހުން މައާފަށް އެދުމަށް ރާއްޖެ ނޫހަށް ގޮވާލަމެވެ. ނޫސްވެރިކަމަކީ އެ ކަމުގައި ޒިންމާތަކެއްވާ މުހިއްމު މަސައްކަތެކެވެ. ވީއިރު ހަބަރާއި މައުލޫމާތު ފެތުރުމުގައި ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކު ނޫސްވެރިން ޒިންމާ އަދާކުރުމަށް، މި އެސޯސިއޭޝަނުގެ ފަރާތުން ނަސޭހަތްތެރިވަމެވެ،" އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.

ރާއްޖެ.އެމްވީގެ އެ ހަބަރުގައި، އެފްއޭއެމް އިން މައުލޫމާތު ދީފައިނުވާ ކަމަށް ހިމަނާފައިވާއިރު، އެފްއޭއެމް އިން ބުނެފައިވަނީ، އެއީ ވެސް ހަގީގަތާ ހިލާފުވާހަކައެއް ކަމަށެވެ.

އައްސަދު ވަނީ މީގެ ކުރިން ވެސް އެކި އުމުރުފުރާގެ ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފަ އެވެ. އެފްއޭއެމް މުވައްޒަފެއްގެ ގޮތުގައި ހުރިއިރު، އެ އެސޯސިއޭޝަނުގައި މި ވަގުުތު މަސައްކަތް ކުރަމުން އަންނަ އެހެން ފަރާތްތަކެކޭ އެއްގޮތަށް އޭނާ އަށް ވެސް މުސާރަ ނުލިބި ގިނަ މަސްތަކެއް ހޭދަވި ނަމަވެސް، މަގާމުގެ ޒިންމާ އަންނަނީ އަދާކުރަމުންނެވެ.

ފުޓްބޯޅައިގެ އިތުރުން އައްސަދުގެ ހިދުމަތް އެންމެ ބޮޑަށް ލިބިފައިވާ އެއް ކުޅިވަރަކީ، ބާސްކެޓްބޯޅަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ގައުމީ ލެވަލްގައި ބާސްކެޓްބޯޅަ ކުޅެފައިވާ އައްސަދު ވަނީ ބާސްކެޓްބޯޅަ އެކި ޓީމުތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން، ހޭންޑްބޯޅަ އާއި ވޮލީބޯޅަ ޓީމުތަކުގައި ވެސް އައްސަދު ވަނީ ހިދުމަތްކޮށްފަ އެވެ.