Advertisement

"އިގްތިސާދު ފުނޑޭނެ" ކަމަށް ވިދާޅުވެ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމާ ދެކޮޅަށް އައްބާސް މަޖިލީހުގައި ވާހަކަ ދައްކަވައިފި

12 އޮގަސްޓު 2024 - 12:34 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް: އިދިކޮޅުން ބޭނުންވަނީ ފަތުރުވެރިކަން ބޮއިކޮޓުކުރަން ކަމަށް ބުނެ އިޒްރޭލު ޕާސްޕޯޓު މަނާކުރުމާ ދެކޮޅަށް ވާހަކަދައްކަވާފަ --- ފޮޓޯ: މަޖިލިސް އިދާރާ


"އިގްތިސާދު ފުނޑޭނެ" ކަމަށް ވިދާޅުވެ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމާ ދެކޮޅަށް އައްބާސް މަޖިލީހުގައި ވާހަކަ ދައްކަވައިފި

12 އޮގަސްޓު 2024 - 12:34 1

ގާޒާގައި ނަސްލުހޭދު ކުރުމެއް ހިންގަމުން އަންނަ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް ހަދަން އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަނީ އިހުލާސްތެރިކަމެއް ނެތި، ގައުމުގެ ފަތުރުވެރިކަން ފުނޑާލުމުގެ ނިޔަތުގައި ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އިންޝުއަރެންސް ބިލަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ، އެ ބިލަށް ވާހަކަދައްކާއިރު އިޒްރޭލު ޕާސްޕޯޓު މަނާކުރަން ކުރާ މަސައްކަތުގެ ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. އިންޝުއަރެންސް ކުރެވެނީ ރާއްޖޭގެ ފައިސާ ހުރެ، ކުންފުނިތައް ހިނގާ، ރައްޔިތުންގެ އަނގަ އާއި އަތާ ދިމާވެގެން ކަމަށް ވެސް ސަރުކާރާއެކު މަސައްކަތްކުރާ އެމްޑީއޭގެ ނައިބު ރައީސް ވިދާޅުވި އެވެ.

"އިޒްރޭލު ޕާސްޕޯޓޭ ކިޔައިގެން މިތާ މި ވާހަކަ ދައްކަނީ ކީއްވެގެންތޯ. އަސްލު އެބޭފުޅުން ބޭނުމެއް ނުވޭ އިޒްރޭލު ޕާސްޕޯޓު މަނާކުރާކަށް. އެމީހުން ބޭނުންވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓުކުރަން،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އިޒްރޭލުގައި މުސްލިމު އާބާދިއެއް އޮތްކަން ވެސް އެމްޑީޕީގެ މެންބަރުންނަށް އެނގޭނެ ކަމަށާއި އިޒްރޭލުގެ ގިނަ ރައްޔިތުންގެ އަތުގައި އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަކަން ވެސް އެނގޭނެ ކަމަށެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި އިޒްރޭލު ޕާސްޕޯޓު މަނާކޮށްފިނަމަ، ޔޫރަޕުގައި ތިބި ޔަހޫދީން ކެކިއަރައިގަންނާނެ އެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއްވާނެ ކަމަށް ވެސް ފަތުރުވެރިކަމުގެ ދާއިރާގާއި ވިޔަފާރި ކުރައްވާ އައްބާސް ވިދާޅުވި އެވެ.

"[އެބަ އެނގޭ] މުޅި ޔޫރަޕު އުތުރިއަރާނެކަން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރާއިރަށް. އެހިސާބުން ރާއްޖޭގެ އިގުތިސޯދު ފުނޑުފުނޑު ކޮށްލެވޭނެކަން އެމީހުންނަށް އެބަ އެނގޭ. އެމީހުން ބޭނުމެއް ނުވޭ މި ފަސް އަހަރު ދުވަސް ތެރޭގަ ރާއްޖޭގެ ރައްޔިތުން އުފަލާ އަރާމުގަ ހިތްހަމަޖެހިގެން އުޅޭކަށް،" އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދުކުރައްވާ މެންބަރަކު މިމޭރުމުން ވާހަކަ ދައްކާފާވާއިރު، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް ބަދަލުގެންނަން ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ. އެ ނިންމުން އިއުލާނުކުރީ ޖޫން 2، ގަ އެވެ.

އެކަން ހާސިލްކުރެވޭ ގޮތަށް އިދިކޮޅު އެމްޑީޕީއިން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ވަނީ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ. ސަރުކާރުގެ މެންބަރުންގެ ވޯޓާއެކު ބަލައިގަތް އެ ބިލު 241 ކޮމިޓީއަށް ފޮނުވި ނަމަވެސް ބިލުގެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމީ ތަކުރާރުކޮށް ރައްޔިތުންގެ އެތައް ބަޔަކު އެކަމަށް ގޮވާލަމުން ދަނިކޮށެވެ.

ނަމަވެސް، ސަރުކާރުގެ ނިންމުމަށް ފަހު، އިޒްރޭލު ޕާސްޕޯޓް އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް ދަތުރު ނުކުރެވޭ ގޮތަށް "ބްލޭންކެޓްކޮށް" ޕާސްޕޯޓް މަނާކުރުމުގެ ކުރިން ވިސްނައިލަން ޖެހޭ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ވެސް ގިނަ ބަޔަކު ތަކުރާރުކޮށް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.