20 ނޮވެންބަރު 2023 - 18:03 0
މުހައްމަދު އުޝާމް
ހައުސިން މިނިސްޓަރު އަލީ ހައިދަރު އަހުމަދު؛ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ޕްލޭން ރަނގަޅު ނޫން ކަމަށް ވިދާޅުވި - ފޮޓޯ: ހައުސިން މިނިސްޓްރީ
20 ނޮވެންބަރު 2023 - 18:03 0
މާލޭގެ ރައްޔިތުންނަށް ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ދޫކުރުމަށް ހަދާފައިވާ ބިމުގެ ޕްލޭން ރަނގަޅެއް ނޫން ކަމަށާއި ނަމަވެސް ގޯތި ލިބުނު ކަމަށް ލިޔުން ލިބިފައިވާ ރަށުން ގޯތި ލިބޭނެ ކަމަށް އާ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.
އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލު ވުމުގައި، ގިނަ ނޫސްވެރިންގެ ސުވާލުތައް ވެސް އަމާޒުވީ ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާގެ ސްކީމާއި ބިންވެރިޔާގެ ސްކީމާ ގުޅޭ ގޮތުންނެވެ.
ގެދޮރުވެރިޔާގެ ސްކީމުން ދޫކޮށްފައިވާ ގޯތިތައް އަތުލާނެތޯ ނޫސްވެރިން ސުވާލު ކުރުމުން، މިނިސްޓަރު ހައިދަރު ތަކުރާރުކޮށް ދެއްވި ޔަގީންކަމަކީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއް ގޮތަށް ދޫކޮށްފައިވާ އެއްވެސް ގޯއްޗެއް އަތުނުލައްވާނެ ކަމެވެ.
ނަމަވެސް ނުހިއްކާ ހުރި ބިންތަކުން ގޯތި ދޫކޮށްފައިވާތީއާއި، ކުރީގެ ސަރުކާރުން އެކުލަވާލާފައިވާ ޕްލޭން އެންމެ ރަނގަޅު ކަމަށް ނުދެކޭތީ މިހާރު ސީދާ ކަނޑައެޅިފައިވާ ބިމުން ގޯތި ނުދެވިދާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ގެންނާނީ ކިހާވަރެއްގެ ބަދަލެއް ކަމަށް ސާފެއް ނުވެ އެވެ.
މިނިސްޓަރުގެ އެ ޖަވާބު ތަފްސީލްކޮށްދިނުމަށާއި ސާފުކޮށްދިނުމަށް ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރި އެވެ. ޖަވާބު ސާފު ނުވާތީ، ގޯތި ދޫކުރަން މިހާރު ގުރުއަތުން ކަނޑައެޅިފައިވާ ރަށް ބަދަލުކުރާނީ ކޮން ހަމައަކުންތޯ ނޫސްވެރިޔަކު ސުވާލު ކުރި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ގޯތި ލިބިފައިވާ ބިން ބަދަލުކުރާނީ އެ ލިބިފައިވާ ރަށެއްގެ ސަރަހައްދުގެ ތެރެއިން ކަމަށެވެ.
"އެ ލިބުނު ތަނަކުން، ރަށަކުން ގޯތި ދޭނީ، އެ ތަނަކުން ލޮކޭޝަން ބަދަލު ކުރާނީ ވެސް،" ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި، ރައީސް މުއިއްޒު ވަނީ މާލެ ސަރަހައްދުން ބޯހިޔާވަހިކަން ދިނުމުގެ މާސްޓަ ޕްލޭނެއް ލޯންޗު ކޮށްފަ އެވެ. އާ ސަރުކާރުން، ކުރީގެ ސަރުކާރުގެ ޕްލޭނަށް ބަދަލުތަކެއް ގެންނަނީ މެނިފެސްޓޯގެ އެ ޕްލޭނާ އެއް ގޮތަށް ބިމުގެ ޕްލޭން އެކުލަވާލުމަށެވެ.
އެ ޕްލޭނުގައި ގުޅީފަޅާއި ގިރާވަރުފަޅުގެ އިތުރުން ފުށިދިއްގަރުފަޅުން ގެދޮރު ދިނުމަށް ހިމަނާފައިވެ އެވެ.
މާލެ ރީޑެވެލޮޕް ކުރީމާ ހުސްވާ ބިންތަކާއި, ހުޅުމާލޭ އާއި ވިލިމާލެ މި ހުރިހާ ތަނަކުން ލިބޭ ބިންތައް އެއްކޮށްލައިގެން މާލެ ސަރަހައްދުން 65,000 ގެދޮރު ގާއިމުކޮށްދޭން ގޯތި ދިނުމަށް އެމަނިކުފާނު ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.
ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތައް ފުށިދިއްގަރު ފަޅު ހިއްކުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. އެމަނިކުފާނު ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ވެސް އެ ފަޅު ހިއްކަން ފެށުން ވަނީ ހިމަނާފަ އެވެ.
Comment