Advertisement

މި ސަރުކާރުން ވެސް ފްލެޓު ދޭން ހާލަތު ނުބަލާނެ، އެދުނީ ތެދުވެރިވާން!

20 ނޮވެންބަރު 2023 - 17:47 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ވާހަކަ ދައްކަވަނީ. ރައްޔިތުން ކައިރީ އެދިވަޑައިގެންނެވީ ތެދުވެރިވާން --- ފޮޓޯ: ހައުސިން މިނިސްޓްރީ


މި ސަރުކާރުން ވެސް ފްލެޓު ދޭން ހާލަތު ނުބަލާނެ، އެދުނީ ތެދުވެރިވާން!

20 ނޮވެންބަރު 2023 - 17:47 0

ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކުރިއަށްގެންދާނެ މަޝްރޫއުތަކަށް ހުށަހަޅާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ނުދާނެ ކަމަށާއި ޕޮއިންޓު ދޭނީ ދޭ މައުލޫމާތަށް ބިނާކޮށް ކަމަށް ހައުސިން މިިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

މިިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި "އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހައިދަރު ވަނީ ފްލެޓު ޕޯޓަލްއަށް ތެދު މައުލޫމާތު ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަނެފަ އެވެ.

އެގޮތުން, ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޭ ފްލެޓު ދިނުމަށް މި ސަރުކާރުން އިވެލުއޭޝަން ކޮމިޓީއެއް އެކުލަވާލައި ދިރިއުޅުމުގެ ހާލަތު ބަލާނެތޯ ސުވާލު ކުރުމުން ހައިދަރު ވިދާޅުވީ ފްލެޓަށް އެދެން ޖެހޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށާއި، ޕޯޓަލް ޑިޒައިންކޮށްފައިވަނީ މައުލޫމާތު އެންޓާ ކުރާވަރަކުން ޕޮއިންޓު ލިބޭ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ

"އެ ޕޮއިންޓް ލިބޭ ގޮތެއް ކަނޑައަޅެނީ އެ އެންޓާ ކުރާ ޑޭޓާއިން. އެހެންވީމަ ތެދުވެރިކަމާ އެކު ޑޭޓާ އެންޓާކޮށްފި ކަމަށް ވަންޏާ އެ ޑިޒާވްވާ ބަޔަކަށް އެ ބޭނުންވާ ޕޮއިންޓު ލިބެމުން, ލިބެމުންދާނެ. ދެން ހާލަތު ބަލަން ވެސް އަޅުގަނޑުމެން ކޮންމެވެސް ކަހަލަ.... އިންތިޒާމުތަކެއް ހަމަޖައްސާނަން," އޭނާ ވިދާޅުވި އެވެ.

މިިނިސްޓަރު ވިދާޅުވީ ފްލެޓް ދޭން ހަދާ ޕޯޓަލްއަށް ދޮގު މައުލޫމާތު ދީގެން ފްލެޓު ލިބިފައި ހުރުމަކީ އެކަމުގެ އެންމެ ހައްގުވެރި ގޮތެއް ނޫން ކަމަށާއި ނަމަވެސް މިހާރު އޮތް ގޮތުން ދޮގު މައުލޫމާތު ދީފައި ހުއްޓަސް ޕޮއިންޓަށް ބަލައި ފްލެޓު ދޭނެ ކަމަށެވެ.

މި ސަރުކާރުން ދޭ ގޯއްޗާއި ފްލެޓަށްވެސް އެދި ހުށަހަޅަން އެކަ މަށް ހާއްސަ ޕޯޓަލް އެއް އެކުލަވާލާނެ ކަމަށް ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން, "ހަފްތާ 14" ގައި ވަނީ ހިމަނާފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޕޯޓަލްއިން ވެސް ޕޮއިންޓު ލިބޭނީ އެއަށް އެންޓާ ކުރާ މައުލޫމާތުންނެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއުގެ ފުރަތަމަ 4،000 ފްލެޓު ލިބުނު މީހުންގެވެސް ދިރިއުޅުމުގެ ހާލަތު ނުބަލަ އެވެ. އަދި, ފްލެޓު ދީފައިވަނީ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ނޫން ކަމަށް ބުނެ މި ސަރުކާރުން ވެސް ފާޑުކިޔާފައިވެ އެވެ.

އަދި, އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގުކުރާތީ ފްލެޓު ދިނުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަންވެސް މިނިސްޓްރީއަށް އެންގި އެވެ. ނަމަވެސް, މިނިސްޓްރީން އެ މަސައްކަތް ހުއްޓާލި އިރު ބައެއް މީހުން ވަނީ ފްލެޓުގެ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ފްލެޓުތަކާ މެދު އަމަލުކުރާނެ ގޮތެއް ނިންމާނީ އޭސީސީއާ މަޝްވަރާ ކުރުމަށްފަހު އެވެ. އަދި މި ސަރުކާރުން ފްލެޓި ދިނުމުގެ ޒިންމާ ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކާ ހަވާލުކުރައްވަން ޕްލޭން ކުރާ ކަމަށާއި އެކަމަށް ބޭނުންވާ ނިޒާމުަތަކެއް ރާވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.