Advertisement

އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލައި މެމްބަރުންގެ ޕެޓިޝަނެއް އދ. އަށް

20 ނޮވެންބަރު 2023 - 10:21 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) - ފޮޓޯ: މަޖިލިސް


އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލައި މެމްބަރުންގެ ޕެޓިޝަނެއް އދ. އަށް

20 ނޮވެންބަރު 2023 - 10:21 1

އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޕެޓިޝަނެއް ހުށަހެޅުމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ގޮވާލައްވައިފި އެވެ.

އިޒްރޭލުން ކުރިއަށްގެންދާ ގަތުލުއާންމުގައި ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އެ ހަމަލާ ހުއްޓާލުމަށް ގޮވާލައި ހުށަހެޅި ގަރާރުގެ ބަހުސްގައި މެމްބަރު ހަސަން ވަނީ ހުރިހާ މެމްބަރުން ވެސް މި ޕެޓިޝަންގައި ސޮއި ކުރެއްވުމަށް ގޮވާލައްވާފަ އެވެ.

ހަސަންޓޭ ވަނީ މިއަދު ދުނިޔޭގެ އެއްވެސް ހިސާބަކުން އިންސާނީ ހައްގުތަކުގެ ވާހަކަ ނުދައްކާކަން ފާހަގަކުރައްވާފަ އެވެ. މުސްލިމުންނަށް ކުރާ އަނިޔާ ދުނިޔެއިން އަނިޔާއެއްގެ ގޮތުގައި ބަލައި ނުގަންނަ ކަމަށާއި އެއީ ކޮންމެވެސް ބައެއްގެ ހަށި ރައްކަލަކަށް ކުރާ ކަމެއްގެ ގޮތުގައި ބުނަމުންދާކަމަށް ވަނީ ހާމަކުރައްވާފަ އެވެ.

އިޒްރޭލާ ދެކޮޅަށް މިވަގުތު މަޖިލީހަށް ދެ މަސައްކަތެއް ހުށަހަޅާފައިވެ އެވެ. މިއަދު މަޖިލީހުގައި ބަހުސްކުރަމުން ދަނީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރަށެވެ. މީގެ އިތުރުން އިޒްރޭލް މީހުންގެ ޕާސްޕޯޓް މަނާކޮށް، އިޒްރޭލް ފަތުރުވެރިން އައުން މަނާކުރުމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ ބިލެއް ހުށަހަޅުއްވާފަ އެވެ.

މިއަދު ބަހުސް ކުރަމުންދާ ގަރާރުގައި ވަނީ އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އިޒްރޭލުގައި އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުމާއި އިޒްރޭލާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އިފެދިފައިވާ ނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށެވެ.

އިޒްރޭލުން ހިފަމުންގެންދާ ފަލަސްތީނުގެ ހުރިހާ ބިންތަކަކުން އެ މީހުން ފައިބައި، މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރެވެން ދެން އެ ފިޔަވަޅުތައް ދެމެހެއްޓުމަށް ވެސް ސައުދުގެ ގަރާރުގައި ބުނެފައިވެ އެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށި ހަމަލާގައި މިހާތަނަށް ފަލަސްތީނުގެ 12،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފަ އެވެ. އޭގެ ތެރެއިން 5،000 އަކީ ކުޑަކުދިންނެވެ.