Advertisement

ރަތް ކަނޑުގައި ދަތުރު ކުރަމުންދިޔަ އިޒްރޭލުގެ ކާގޯ ބޯޓެއް ހޫތީންގެ އަތް ދަށަށް ގެންގޮސްފި

20 ނޮވެންބަރު 2023 - 06:00 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހޫތީންގެ ބެލުމުގެ ދަށަށް ގެންދިޔަ ކާގޯ ބޯޓުގެ ކުރީގެ ފޮޓޯއެއް -- ފޮޓޯ: އޭޕީ


ރަތް ކަނޑުގައި ދަތުރު ކުރަމުންދިޔަ އިޒްރޭލުގެ ކާގޯ ބޯޓެއް ހޫތީންގެ އަތް ދަށަށް ގެންގޮސްފި

20 ނޮވެންބަރު 2023 - 06:00 0

ރަތް ކަނޑުން ދަތުރު ކުރަމުންދިޔަ އިޒްރޭލުގެ ކާގޯ ބޯޓެއް ހިފަހައްޓައި ޔަމަނުުގެ ބާރުގެ ދަށަށް އެ ބޯޓު ގެނެސްފައިވާ ކަމަށް ހޫތީން ބުނެފި.

ގެލެކްސީ ލީޑަރު ކިިޔާ އެ ބޯޓު ހޫތީންގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އޭގައި ކުރޫއިންގެ ގޮތުގައި 22 މީހުން ތިބި ކަމަށް ހޫތީންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.

ތުރުކީއިން ފުރައިގެން އިންޑިއާއަށް ދަތުރު ކުރަމުންދިޔަ އެ ބޯޓަކީ އިޒްރޭލު ވިޔަފާރިވެރިއެއްގެ ހިއްސާ އޮންނަ، އިނގިރޭސިވިލާތުގެ ބޯޓެއް ކަމަށް ހޫތީން ބުނެ އެވެ. ނަމަވެސް އިޒްރޭލުން ބުނެފައި ވަނީ އެއީ ޔަހޫދީ ދައުލަތަށް ނިސްބަތްވާ ބޯޓެއް ނޫން ކަމަށް ބުނެފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ޔަމަނުން ވަނީ އިޒްރޭލަށް ހަމަލާ ދޭން ފަށައިފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ޔަމަނުން ހަމަލާ ދެމުންދިޔައީ ޑުރޯންއާއި ބެލިސްޓިކް މިސައިލު ބޭނުން ކޮށްގެން އެކަންޏެވެ.

ކާގޯ ބޯޓެއް ހޫތީން ހިފަހައްޓާފައި މިވަނީ އިޒްރޭލުގެ ނުވަތަ އިޒްރޭލަށް ވާގިވެރިވާ އެއްވެސް ބައެއްގެ ބޯޓެއް ޔަމަނުން ބަލަހައްޓަމުންދާ ސަރަހައްދުން ދަތުރު ކުރާ ނަމަ ހިފަހައްޓާނެ ކަމަށް ބުނެ ޔަމަނުން އިންޒާރު ދިނުމަށްފަހު އެވެ.

ބޯޓު ހިފެހެއްޓި މައްސަލައިގައި ވެސް އިޒްރޭލުން ތުހުމަތުގެ އިނގިލި ދިއްކޮށްފައި ވަނީ އިރާނަށެވެ. އިޒްރޭލުގެ ބޮޑުވަޒީރު، ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޝިޕިން ރޫޓަކުން ދަތުރު ކުރަމުންދިޔަ ބޯޓެއް އަތުލައި ގަތުމަކީ ދުނިޔޭގެ ރައްޔިތުންނާ ދެކޮޅަށް އިރާނުން ހިންގާ ބިރުވެރި އަމަލުތަކަށް އިތުރުވި ބޮޅެއް ކަމަށެވެ.

ނަމަވެސް އެ ކަމަކީ އެއީ އިރާނުން ކުރި ކަމެއްކަން ސާބިތުކޮށްދެވޭ ވަރުގެ އެއްވެސް ހެއްކެއް އިޒްރޭލަށް އަދި މިހައިތަނަށް ދެއްކިފައެއް ނުވެ އެވެ.

ގާޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޔަމަނުގެ އިތުރުން ލުބުނާނާއި ސީރިއާގައި ހަރަކާތްތެރިވަމުންދާ ހިޒްބުﷲ ޖަމާއަތުން ވެސް ދަނީ އިޒްރޭލަށް ހަމަލާތައް ދެމުންނެވެ. އޭގެއިތުރުން އިރާގާއި ސީރިއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އެ ދެގައުމުގައި އުޅޭ ހަނގުރާމަވެރި ގުރޫޕުތަކުން ވެސް ހަމަލާތައް ދެމުންދެ އެވެ.