19 ނޮވެންބަރު 2023 - 06:44 1
މުހައްމަދު ޝަހްޒާން
19 ނޮވެންބަރު 2023 - 06:44 1
އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ބޯހިޔާވަހިކަން ހޯދަމުންދިޔަ ގާޒާގެ ދެ ސްކޫލަކަށް ވެސް ބޮން އަޅައި 200 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި އެތައް ބަޔަކު ޒަހަމު ކޮށްލައިފި އެވެ.
އިޒްރޭލުން ހަމަލާދީފައި ވަނީ ފަލަސްތީނު ރެފިއުޖީންނަށް ހާއްސަ އދ ގެ އޭޖެންސީން އުތުރު ގާޒާގެ ޖަބަލިޔާ ކޭމްޕުގައި ހިންގާ އަލް ފަޚޫރާ ސްކޫލަށާއި ހަމަ އެ ސަރަހައްދުގައި ހުންނަ ތަލް އަލް ޒާތަރު ސްކޫލަށެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓަރީން ބުނީ އެ ދެ ސްކޫލަށް ދިން ހަމަލާގައި 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަން މިހާރުވެސް ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި ފުނޑުފުނޑުވެފައިވާ ގާކުނޑިތަކުގެ ދަށުގައި އެތައް ބައެއްގެ ހަށިތައް އަދިވެސް ހުންނާނެ ކަމަށް އެ މިނިސްޓަރީއާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެ އެވެ.
ވެއްޓިފައިވާ އިމާރާތްތަކުގެ އަޑީގައި ތިބި މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވާ ފަލަސްތީނުގެ ސިވިލި ޑިފެންސް މުވައްޒަފުން އެ މަސައްކަތް ކުރަމުންދަނީ ފަކީރާ އާއި ދެއަތް އެކަނި ބޭނުން ކޮށްގެންނެވެ. ގާޒާއިން ތެޔޮ ހުސްވުމުގެ ސަބަބުން ގާކުނޑިތައް ނަގައި ސާފު ކުރުމަށް އެކްސްކެވޭޓަރު ފަދަ އުޅަނދު ބޭނުން ކުރުން ވަނީ ހުއްޓިފަ އެވެ.
އެ ދެ ސްކޫލަށް ދިން ހަމަލާއާ ގުޅޭގޮތުން އިޒްރޭލުން މިހައިތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ހަނގުރާމަ ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް ޔަހޫދީ އަސްކަރިއްޔާއިން ބުނަމުން އަންނަނީ އެމީހުންގެ ސިފައިން ހަމަލާ ދެމުންދަނީ ހަމާސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށެވެ.
އެހެންނަމަވެސް އިޒްރޭލުން ދަނީ ތަކުރާރުކޮށް ކުށެއް ނެތް ގާޒާގެ އެތައް ބައެއްގެ ގެދޮރާއި ހޮސްޕިޓަލުތަކުގެ އިތުރުން ސްކޫލުތަކަށް ވެސް ބޮން އަޅައި ގޮއްވަމުންނެވެ. އެފަދަ ތަންތަނަށް ހަމަލާދިނުމަށްފަހު އެކި ފަހަރު އިޒްރޭލުން ދައްކަނީ އެކި ބަހަނާ އެވެ.
އިޒްރޭލުން ވަނީ މީގެ ކުރިން ވެސް ގާޒާގެ އެންމެ ގިނަ ރެފިއުޖީން ދިރިއުޅެމުންދިޔަ ޖަބަލިޔާ ކޭމްޕަށް އެތައް ފަހަރެއްގެ މަތިން ބޮން އަޅައި މުޅި އެ އަވަށް އެއްކޮށް ސުންނާފަތި ކޮށްލައިފަ އެވެ. އިޒްރޭލުން ތުހުމަތު ކުރާ ގޮތުގައި ޖަބަލިޔާ ކޭމްޕަކީ މުޖާހިދުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ ތަނެކެވެ.
މިއީ އަލް ފަޚޫރާ ސްކޫލަށް ވެސް ގަތުލުއާއްމު ހިންގުމުގެ ދިގު މާޒީއެއް އޮތް އިޒްރޭލުގެ ހައްދުފަހަނައެޅި ސިފައިން ބޮން އެޅި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން، 2009 ވަނަ އަހަރާއި 2014 ވަނަ އަހަރު ވެސް އެ ސްކޫލަށް އިޒްރޭލުން ބޮން އަޅާފައިވެ އެވެ.
ގާޒާގެ ދެ ސްކޫލަށް އަމާޒުކޮށް ދިން ހަމަލާ އދ އިން ވެސް ވަނީ ކުށްވެރި ކޮށްފަ އެވެ. ނަމަވެސް ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމުތައް ހުއްޓުވުމުގައި ދުނިޔޭގެ ބޮޑެތި ބާރުތަކާޢި އަރަބި އަދި އިސްލާމީ ގައުމުތަކެކޭ އެއްގޮތަށް އދ ވެސް ވަނީ ނުކުޅެދިފަ އެވެ.
މިދިޔަ އޮކްޓޫބަރު މަހު 7 ގައި ފެށި ހަނގުރާމައަށް ދޮޅު މަސް ވާން ގާތްވެފައިވާއިރު މިހައިތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 12،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެތެރެއިން 5000 އަކީ ކުޑަކުދިންނެވެ.
Comment