Advertisement

ބޮޑު ހަމަލާއެއްގެ ރަނގަބީލު: އައް ޝިފާ ހޮސްޕިޓަލު އެކީގައި ހުސްކުރަން އިޒްރޭލުން އަންގައިފި

18 ނޮވެންބަރު 2023 - 13:45 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އުތުރު ގާޒާގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލު : އެ ހޮސްޕިޓަލު އެކީގައި ހުސްކުރަން އިޒްރޭލުން އަންގައިފި -


ބޮޑު ހަމަލާއެއްގެ ރަނގަބީލު: އައް ޝިފާ ހޮސްޕިޓަލު އެކީގައި ހުސްކުރަން އިޒްރޭލުން އަންގައިފި

18 ނޮވެންބަރު 2023 - 13:45 0

އުތުރު ގާޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ އައް ޝިފާ ހޮސްޕިޓަލުގައި ތިބި އެންމެން އެތަނުން ނުކުންނަން، ހައްދުފަހަނައަޅާފައި އިޒްރޭލު ސިފައިން އެއް ގަޑިއިރުގެ މުހުލަތެއް ދީފި އެވެ.

އައް ޝިފާ ހޮސްޕިޓަލުގައި ހުރި ޑޮކްޓަރަކާ ހަވާލާދީ ފަލަސްތީނުގެ އަދި ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން އެގޮތަށް އިންޒާރު ދިން ނަމަވެސް ހޮސްޕިޓަލުގައި ތިބި އެންމެން އެތައް ދޫކޮށް ދިއުމަކީ ވަގުތު ކުރެވެން އޮތް ކަމެއް ނޫނެވެ.

އެއީ އިޒްރޭލުގެ ހަމަލާތަކުގައި އެ ހޮސްޕިޓަލްގެ އެތައް އެމްބިއުލާންސެއް ހަލާކުކޮށްލާފައި ވުމާއި ޣައްޒާއަށް ތެޔޮ އެތެރެކުރިޔަ ނުދީ ހިސޯރުކުރުމުގެ ސަބަބުން އެމްބިއުލާންސަށް އަޅާނެ ތެޔޮ ނެތީމަ އެވެ.

ޝިފާ ހޮސްޕިޓަލުގެ އިސް އޮފިޝަލަކު އަލް ޖަޒީރާއަށް ވިދާޅުވެފައިވާ ގޮތުގައި، ފަރުވާ ހޯދަން ވަދެ ތިބި މީހުންނާއި އިޒްރޭލުން ކެނޑިނޭޅި ދޭ ހަމަލާތަކުން ހިމާޔަތް ހޯދަން ވަދެ ތި މީހުންނާ އެކު ޖުމްލަ 7،500 އަށްވުރެ ގިނަ މީހުން އެ ހޮސްޕިޓަލުގައި އެބަތިއްބެވެ. އޭގެ ތެރޭގައި ހާލު ބޮޑު 300 އެއްހާ ބަލިމީހުން ވެސް ހިމެނެ އެވެ.

"މިތަނުގައި ސީރިއަސް ހާލުގައި ތިބި ޕޭޝަންޓުންނާއި ދުވަސްނުފުރާ ވިހާފައިތިބި ކުދިން، ގާޒާގެ ދެކުނަށް ގެންދާނެ އެމްބިއުލާންސެއް، އެޔަށް އަޅާނެ ތެލެއް ނެތް، މިއީ އިންސާނީ ކާރިސާއެއް" އެ އޮފިޝަލު ބުނެފައިވެ އެވެ.

އިންޒާރާއެކު ކޮންމެ ހާލެއްގައި ނަމަވެސް ހޮސްޕިޓަލް ދޫކޮށް ދާން އެތައް ބަޔަކު ވަނީ މަސައްކަތް ފަށައިފަ އެވެ.

މި އިންޒާރާއެކު ގިނަ ބަޔަކު ބުނަމުން އަންނަނީ މިއީ ޝިފާ ހޮސްޕިޓަލަށް އަމާޒުކޮށް ވަރުގަދަ ހަމަލާއެއް ދިނުމުގެ ރަނގަބީލު ކަމަށެވެ. އަދި މިއީ އާންމުންނަށް އަމާޒުކޮށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއްގެ ނިވާފަތްގަނޑެއްގެ ގޮތުން ދައްކާ ވާހަކައެއް ކަމަށްވެސް ހަމާސްއިން ބުނެ އެވެ.

އިޒްރޭލު ސިފައިން ޝިފާ ހޮސްޕިޓަލަށް ވަދެގަތީ މި މަހުގެ 15 ގަ އެވެ. ވަދެގަނެފައިވަނީ އެ ހޮސްޕިޓަލަކީ ހަމާސްގެ މައި މަރުކަޒެއް ހިންގާ ތަނެއް ކަމަށް ބުނެ އެވެ. ނަމަވެސް މިވީ ތިން ދުވަހުގެ ތެރޭގައި އިޒްރޭލަށް އެ ހޮސްޕިޓަލުން އެކަށީގެންވާ ހެއްކެއް ހޯދިފައެއް ނުވެ އެވެ.

މިދިޔަ މަހުގެ ހަތެއްގައި ހަނގުރާމަ އިއުލާނުކޮށް މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގައި ހުކުރު ދުވަހާ ހަމައަށް ގާޒާއިން މަރުވި މީހުންގެ އަދަދު ވަނީ 12،500 އަށްވުރެ މައްޗަށް އަރާފަ އެވެ. ނަމަވެސް މިދިޔަ ހަފުތާގައި މަރުވާ މީހުންގެ އަދަދު ވަނީ ނުބެލެހެއްޓޭވަރު ވެފަ އެވެ.

ރަސްމީ ހިސާބުތައް ދައްކާގޮތުން މި ހަމަލާތަކުގެ ފުރަތަމަ މަހު އިޒްރޭލުން ވަނީ ދުވާލަކަށް އެވްރެޖުކޮށް 320 މީހުން މަރާލާފަ އެވެ. ހަމާސް ޖަމާއަތާ ދެކޮޅަށް ކަމަށް ބުނެ ދޭ މި ހަމަލާތަކުގައި މަރުވާ މީހުންގެ 98 އިންސައްތަ އަކީ އާންމުންނެވެ. އޭގެ ތެރެގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު އުޅެނީ 27،500 އިން މަތީގަ އެވެ.