18 ނޮވެންބަރު 2023 - 07:01 0
މުހައްމަދު ޝަހްޒާން
18 ނޮވެންބަރު 2023 - 07:01 0
ގާޒާއިން ތެޔޮ ހުސްވުމާ ގާތްވެ، އެ ސިޓީގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް ޝިފާ ހޮސްޕިޓަލުން ކަރަންޓު ކެނޑުމުގެ ސަބަބުން ފާއިތުވި 48 ގަޑިއިރު ތެރޭގައި އެ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި ތިބި ބަލިމީހުންގެ ތެރެއިން 24 މީހުން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓަރީން ބުނެފި އެވެ.
ގާޒާގައި ހުންނަ ފަލަސްތީނުގެ ހެލްތު މިނިސްޓަރީއާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، ތެޔޮ ހުސްވުމުގެ ސަބަބުން މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން އެ ހޮސްޕިޓަލުން ކަރަންޓު ކެނޑި، އެންމެ މުހިންމު ސިއްހީ އާލާތްތައް ބޭނުން ނުކުރެވޭ ކަމަށެވެ.
ގާޒާއިން ތެޔޮ ހުސްވުމަކާ ގާތަށް ދިއުމުގެ ސަބަބުން އަލް ޝިފާ ހޮސްޕިޓަލުގެ އިތުރުން ގާޒާގައި ހުންނަ ބޮޑެތި ހުރިހާ ހޮސްޕިޓާތަކެއް ވެސް ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފަ އެވެ. އޭގެއިތުރުން ގާޒާއަށް ފޮނުވުމަށް ރަފާހު ބޯޑަރު ކައިރިއަށް ޖަމާވެފައިވާ އިންސާނީ އެހީގެ ޓުރަކުތަކަށް ވެސް ގާޒާގެ ތެރެއިން ތެޔޮ ލިބޭނެ ގޮތެއް ނެތުމުގެ ސަބަބުން ވަނީ އެތެރެއަށް ވަދެވޭ ގޮތް ނުވެފަ އެވެ.
ގާޒާއަށް ތެޔޮ ލިބުން ދަތިވެފައި ވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ކުއްލި ހަމަލާއެއްދީ 1200 ޔަހޫދީން މަރާލައި 240 މީހުން ރަހީނު ކުރުމުގެ ބަދަލެއްގެ ގޮތުން ދޭން ފެށި ހަމަލާތަކަށްފަހު އެ ސިޓީއަށް ތެޔޮ ވެއްދުމަށް އިޒްރޭލުން ދެކޮޅު ހަދަމުން ދާތީ އެވެ.
އަލް ޝިފާ ހޮސްޕިޓަލުން ކަރަންޓު ކެނޑުނުތާ ހަފުތާއެއް ވެފައިވާއިރު، ހަމާސްގެ އަސްކަރީ މައި މަރުކަޒު ހުންނަނީ އެ ހޮސްޕިޓަލުގެ ބިންގަރާހުގައި ކަމަށް ބުނެ މިދިޔަ ބުދަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ދަނީ ބަރު ހަތިޔާރާ އެކު އެތަނަށް ވަދެގަނެ އެތަނުގެ އެތެރޭގައި ހަރަކާތްތެރިވަމުންނެވެ.
ނަމަވެސް މިވަގުތާ ހަމައަށް ވެސް އެތަނުގައި ހުންނަ ކަމަށް އިޒްރޭލުން ތުހުމަތު ކުރި ހަމާސްގެ މަރުކަޒު އިޒްރޭލު ސިފައިންނަށް ހޯދިފައެއް ނުވެ އެވެ. އިޒްރޭލު އަސްކަރިއްޔާއިން ހަމައެކަނި ބުނެފައި ވަނީ އެ ހޮސްޕިޓަލު ތެރެއިން ހަތިޔާރު ބަރު ކޮށްފައި އޮތް އުޅަނދެއް ފެނުނު ވާހަކައާއި އަޑިއަށް ފޭބޭ ގޮތަށް ހުރި ބިންގަރާހެއްގެ ދޮރު ފެނިފައިވާ ކަމަށެވެ.
އަލް ޝިފާ ހޮސްޕިޓަލަށް އިޒްރޭލުން ވަދެގަނތްއިރު ބޯހިޔާވަހިކަން ހޯދަމުންދިޔަ މީހުންނާއި ސިއްހީ ހިދުމަތްތެރިންގެ އިތުރުން ބަލި މީހުން ހިމެނޭހެން 7500 އަށްވުރެ ގިނަ މީހުން އެތަނުގައި ތިބި ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ. ބުދަ ދުވަހު އެ ހޮސްޕިޓަލަށް ވަދެގަތުމަށްފަހު އިޒްރޭލުން ދަނީ ބޯފެނާއި ކާބޯތަކެތި ވެސް އެ ހޮސްޕިޓަލަށް ވެއްދުމަށް ދެކޮޅު ހަދަމުން ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓަރީން ބުނެފައިވެ އެވެ.
Comment